ލައިފްސްޓައިލް

ޗައިނާގެ މަގުތަކުގައި ފްރީ ވައި-ފައި ލިބޭ "ސްމާޓް-ޑަސްބިން" ބަހައްޓަނީ!

Oct 18, 2015

ޓެކްނޮލޮޖީގެ ދުނިޔޭގައި ވަކި އެހެން ގައުމަކަށް ދޫނުކުރާނެކަން ޗައިނާ އިން މި ދަނީ އަންގައި، ސާބިތުކޮށްދެމުންނެވެ. އެގައުމުގެ ސިޗުއާން ޕްރޮވިންސްގެ ޗެންގްޑޫ ސިޓީ އިން މިހާރު ތައްޔާރުވަމުން ދަނީ އެފަދަ އާދަޔާހިލާފު ކަމަކަށެވެ.

މި މަސް ނިމޭ އިރު ޗައިނާގެ މި ސިޓީއެއްގެ މަގުތަކުގައި ޒަމާނީ ޑަސްބިންތަކެއް ބަހައްޓާނެ އެވެ. "ކިންގް ކޮންގް" ވަނަމުން މަޝްހޫރުވެފައިވާ މި ސްމާޓް ޑަސްބިންތަކަކީ ޑަސްބިންތައް ބަހައްޓާފައި ހުންނަ ސަރަހައްދުތަކަށް ފްރީ އިންޓަނެޓް ފޯރުކޮށްދެވޭ ވައި-ފައިގެ ނިޒާމްތަކެއް ގާއިމުކޮށްފައިވާ ކުނިވަށިގަނޑުތަކެކެވެ.

ފާހަގަކޮށްލަން ޖެހެނީ މި ޑަސްބިންތަކުގައި ގާއިމުކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީ އަކީ ހަމައެކަނި ވައި-ފައިގެ ނިޒާމެއް އެކަނި ނޫން ކަމެވެ. އޭގެ އިތުރުން އިރުގެ އަވިން ކަރަންޓު އުފައްދާނެ ނިޒާމަކާއި ކުނި އަޅައި ކުނިވަށިގަނޑު ފުރުމުން މަގުތައް ސާފުކުރާ މީހުންނަށް މެސެޖު ފޮނުވައި ޖީއެސްޕީ ނިޒާމެއް ބޭނުންކޮށްގެން އެ ފަރާތްތަކާ މުއާމަލާތުކުރުމުގެ ގާބިލުކަން ވެސް މި ޑަސްބިންތަކަށް ލިބިފައިވެ އެވެ.

މީގެ އިތުރުން މި ސްމާޓް ޑަސްބިންތަކަކީ އޭގައި އަލިފާން ނުހިފާ ގޮތަށް އަދި ބޮމުގެ ހަމަލާއެއްގައި ވެސް ގެއްލުން ނުލިބޭ ފަދަ ގޮތަކަށް ފަރުމާކޮށް އުފައްދާފައިވާ އެއްޗެކެވެ. އަދި މި ޑަސްބިންތަކުން ނުބައި ވަސްއަރާތީ އެކަމާ ވެސް އާންމުން ހިތްހަމަނުޖެހިގެން އުޅޭކަށް ނުޖެހޭނެ އެވެ.

ޑަސްބިން ހުޅުވޭނީ މީހަކު އޭގެ ކައިރީގައި މަޑުކޮށްލުމުން އެކަންޏެވެ. އަދި އޭގެ ތެރޭގައި އުފެދޭ ކުނީގެ ވަސްގަނޑު ނައްތާލުމުގެ އޮޓޮމެޓިކް ނިޒާމެއް ވެސް މީގައި ބޭނުންކޮށްފައިވެ އެވެ.