ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިސްޓް އެރައިވަލް

ޓޫރިޒަމް ރަނގަޅުވުމުގެ އަލާމާތެއް: އެއާ ޓްރެފިކް 1،148 އަށް

Nov 5, 2020
1

ޓޫރިޒަމް ރަނގަޅު ވަމުންދާތީ، ރާއްޖެ އަށް ދަތުރު ކުރާ ފްލައިޓުގެ އަދަދު އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓްރެފިކް މޫވްމެންޓް 1،148 އަށް އިތުރު ވެއްޖެ އެވެ.

ވީއައިއޭ މެނޭޖުކުރާ، މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުގައި ވީއައިއޭގައި މިދިޔަ މަހު 1،148 ޓްރެފިކް މޫވްމެންޓް ރެކޯޑު ކުރެވިފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ ބައިނަލްއަގުވާމީ ވައިގެ ދަތުރުގެ 640 މޫވްމަންޓާއި އެތެރޭގެ އުދުހުންތަކުގެ 508 މޫވްމަންޓެވެ.

އެ ކުންފުނީގެ މައުލޫމާތުތައް ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހު ވީއައިއޭގައި ރެކޯޑް ކުރެވިފައިވަނީ 730 މޫވްމަންޓެވެ. މީގެތެރޭގައި ހިމެނެނީ ބައިނަލް އަގުވާމީ ދަތުރުތަކުގެ 426 މޫވްމަންޓާއި އެތެރޭގެ އުދުހުންތަކުގެ 304 މޫވްމަންޓެވެ. އެހެންވެ މިއީ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު ބޮޑުތަން އިތުރުވުމެވެ. މިދިޔަ މަހު ވީއައިއޭގެ ޓްރެފިކް މޫވްމެންޓް މަތިވުމަކީ ޓޫރިޒަމް ރަނގަޅުވުމުގެ އަލާމާތެއް ކަމަށް މާހިރުން ގަބޫލުކުރެ އެވެ.

އެމްއޭސީއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭން ބޭރުން ފްލައިޓް ތަކުން 25،521 މީހުން އައިސްފައިވެ އެވެ. އަދި 22،828 މީހުން ފުރާފައިވެ އެވެ. އެތެރޭގެ އުދުހުންތަކުގައި މިދިޔަ މަހު 6،416 މީހުން ދަތުރުކޮށްފައިވެ އެވެ. މީގެ އިތުރުން 6،284 މީހުން އެ އެއާޕޯޓުން ފުރި އެވެ.

ރާއްޖެ އަންނަ ފްލައިޓްތައް އިތުރުވެފައިވާއިރު، ރާއްޖެ އަށް އައި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 41،000 އަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ ރާއްޖެ އަށް ޒިޔާރަތް ކޮށްފަ އެވެ.