ހަބަރު

ގުރައިދޫ މަރު: އާއިލާ ހާލުގައި އުޅޭތީ ޝަރީއަތް އަވަސްކޮށްދޭން އެދިއްޖެ

ބަންދު ކުރި ފަހުން އާއިލާގެ ދެ މީހަކު މަރުވެ އެމީހުންގެ މޫނު ވެސް ފެނިފައި ނުވާ ކަމަށާއި ޝަރީއަތް އަވަސް ކޮށްދިނުމަށް ތ. އަތޮޅު ގުރައިދޫގައި މި އަހަރުގެ މެއި މަހުގެ ތެރޭގައި ބަންގްލަދޭޝް މީހަކު މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރާ ބާބުލް މިއާ މިއަދު ޝަރީއަތުގައި އެދިއްޖެ އެވެ.

ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި މާރާމާރީއެއްގައި ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ޝާހް އަލަމް މަރާލާފައި ވަނީ މިއަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހުގެ ދަންވަރެވެ. ޝާހް އަލަމް މަރާލި މައްސަލާގައި ދައުލަތުން ވަނީ ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ ބަބުލް މިއާއަށް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ ކޮށްފަ އެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑު އެހުމަކީ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. އެކަމަކު ބާބުލް މިއާއަށް ދައުލަތުން ހަމަޖައްސާދީފައިވާ ވަކީލަށް އޭނާ އާއި މުއާމަލާތް ކުރެވޭނެ ގޮތް ނުވެފައިވާތީ އެކަން ހަމަޖައްސައިދިނުމަށް ވަކީލް ވަނީ އެދިވަޑައިގެންފަ އެވެ.

ބާބުލް މިއާގެ ވަކީލް ވިދާޅުވީ ތަރުޖަމާނަކު ނެތުމުން އޭނާ އާއި މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިންނަކީ ބާބުލް މިއާ ދިފާއުގައި ހުށަހަޅާފައިވާ ހެކިންނަށް ވުމުން މި މައްސަލަ އާއި ގުޅޭ ގޮތުން އޭނާ އާއި ތަރުޖަމާނެއްގެ އެހީއާއެކު މަޝްވަރާ ކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ބައެއް ހެކިންގެ ހެކި ބަސް ވީހާވެސް އަވަހަށް ނަގަން ބޭނުންވާ ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ މި ހެކިންނަކީ ފިލައިގެން ހިނގައިދާނެ ހެކިންނަށް ވާތީ ކަމަށެވެ. ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަނީ ބާބުލް މިއާ އާއެކު އެއްގެއެއްގައި ދިރިއުޅޭ ބަންގްލަދޭޝް މީހުންނާއި ބާބުލް މިއާ އާއީ ޝާހް އަލަމްގެ ރައްޓެހިންގެ ގޮތުގައި ތިބި ބަންގްލަދޭޝް މީހުނެވެ.

ދައުލަތުން ވަނީ ދިފާއީ ވަކީލަށް ތަރުޖަމާނާއެކު ވަގުތު ދިނުމަށް އެއްވެސް އިއުތިރާޒެއް ނެތް ކަމަށާއި އަދި ހެކިންގެ ހެކިބަސް ދެން އޮންނަ މަޖިލީހަކު ނެގުމަށް އިއުތިރާޒެއް ނެތް ކަމަށް ވެސް ބުނެފަ އެވެ.

ގާޒީ ވަނީ މިއަދުގެ ޝަރީއަތުގައި ހެކިބަސް ނުނަގައި ދެން އޮންނަ އަޑުއެހުމެއްގައި ހެކިބަސް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދައުވާއަށް ބާބުލް މިއާގެ ވަކީލު ފުރިހަމައަށް ތައްޔާރުވުމަށް ވެސް އެ ދިވަޑައިގަތެވެ. ދެން މި މައްސަލައިގެ އަޑު އެހުމެއް މިމަހުގެ 18 ވަނަ ދުވަހު އެވެ.

މިއަދު ޝަރީއަތުގެ މަޖިލީހުގައި ބާބުލް މިއާ އެއްވެސް ކަމެއް ފާހަގަކުރަން ބޭނުންވޭތޯ ގާޒީ ވަނީ އައްސަވާފަ އެވެ. ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން ބާބުލް މިއާ ބުނީ އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް މި މައްސަލަ ކުރިއަށް ގެންގޮސް ނިންމަން ކަމަށެވެ. އަދި އޭނާ ޖަލުގައި ބަންދުކުރި ފަހުން އޭނާގެ އާއިލާގެ ދެ މީހަކު މަރުވެފައިވާ ކަމަށާއި އެމީހުންގެ މޫނު ވެސް އޭނާއަށް ނުފެންނަ ކަމަށް ވަނީ ބުނެފަ އެވެ.