ވިޔަފާރި

އިންވެސްޓްމަންޓް ފަންޑިން ހަރުދަނާ ކުރުން ރާއްޖެއަށް މުހިންމު: ސީއެމްޑީއޭ

އިންވެސްޓްމަންޓް ފަންޑިންގެ ދާއިރާ ހަރުދަނާ ކުރުމަކީ ރާއްޖެއަށް ވަރަށް ބޮޑު ފައިދާ އޮތް ކަމެއް ކަމަށް ކެޕިޓަލް މާކެކްޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ސީއީއޯ އަހުމަދު ނަސީރު ވިދާޅުވެޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ރާއްޖޭގައި އިންވެސްޓްމަންޓް ފަންޑުތައް ގާއިމްކޮށް އިތުރަށް ފެންވަރުވަރު ރަނގަޅު ކުރުމުގެ ގޮތުން މިއަދު ފެށި ރީޖަނަލް ސެމިނާގެ ހަވާސާގައި "އަވަސް" އާ ވާހަކަ ދައްކަވަމުންނެވެ.

ނަސީރު ވިދާޅުވީ އިންވެސްޓްމެންޓް ފަންޑަކީ ބޭންކުން ލޯނު ނެގުމުގެ ބަދަލުގައި ފައިސާ ހޯދޭނެ އިތުރު މަގެއް ކަމަށްވާތީ ރާއްޖޭގައި އެ ދާއިރާ ހަރުދަނާ ކުރަންޖެހޭ ކަމަށާއި އެ ދާއިރާ ކުރިއެރުވުމަކީ ރާއްޖެއަށް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށެވެ. އޮގޮތުން މިއަދު ފެށިގެން މިދާ ރީޖަނަލް ސެމިނާގައި އިންވެސްޓްމަންޓް ފަންޑުތަށް ގާއިމްކޮށް ރާއްޖޭގައި އިންވެސްޓްމަންޓަށް މިހާރު ހުރި ފުރުސަތުތަށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ވާހަކަ ދެކެވޭނެ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ނޫނީ ބޮޑެތި ވިޔަފާރިތަށްވެސް އިންވެސްޓްކުރަން ފައިސާ ހޯދަން ބޭނުންވެއްޖެ ނަމަ ކޮންމެ ފަހަރަކު ބެންކުން ލޯނު ނެގުމުގެ ބަދަލުގައި އިންވެސްޓްމަންޓް ފަންޑު އެއީ ވަރަށް ބޮޑު ބާރެއް ފަސޭހަ ގޮތެއް. އެހެންކަމުން މިސެނީނާ ގައި އޭޝިޔާ އަދި ސާކުގެ ގައުމުތަކުން ފައިނޭންސް ސެކްޓާގައި އުޅުއްވާ ބޭފުޅޫންގެ އިރުޝާދާއި އެކީ ރާއްޖޭގެ އިންވެސްޓްމަންޓް ފަނޑު އިތުރަށް ތަރައްގީކުރެވޭނެ ގޮތްތަކާ މެދު ވާހަކަދެކެވޭނެ،" ނަސީރު ވިދާޅުވި އެވެ.

ރީޖަނަލް ސެމިނާ އޮން ރެގިއުލޭޝަން އެންޑް ސުޕަވިޝަން އޮފް އިންވެސްޓްމަންޑް ފަންޑްގެ ނަމުގައި ބަނޑޮސް ރިސޯޓްގައި މިއަދު ފެށި ސެމިނާ އަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގުޅިގެން ބާއްވާ ފެށި ސެމިނާއެކެވެ.

މިސެމިނާގައި އޭޝިޔާއާއި ސާކް ގައުމުތަކުގައި ފައިނޭސް ދާއިރާގެ 67 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މިއީ މިފަދަ ރީޖަނަލް ސެމިނާއެއް ރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

ސެމިނާ ފެށި ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށް ދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.

މިނިސްޓަރު ޖިހާދު ވިދާޅުވީ މިފަދަ ރީޖަނަލް ސެމިނާއަކީ ރާއްޖެއަށް މިހާރު ވަރަށް މުހިންމު ސެމިނާރެއް ކަމަށާއި މީގެ ނަތީޖާއެއްގެ ގޮތުން އެހެން ގައުމެއްގައި އިންވެސްޓްމަންޓް ފަންޑައި ހިލާފަށް ރާއްޖޭގެ އިގްތިސޯދާއި ގުޅޭ ފަދަ ފްރޭމެއް ގާއިމް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ މި ސެމިނާގެ ސަބަބުން އެހެންގައުމުތަށްކުގައި އޮންނަ ގޮތް ކޮޕީ ނުކޮށް ރާއްޖޭގެ މިހާރުގެ ހާލަތާއި އޮގްތިސޯދާއި ގުޅޭކަހަލަ ނަތީޖާއެއް ނިކުންނާނެ ކަމަށް" ޖިހާދު ވިދާޅުވި އެވެ.

ރީޖަނަލް ސެމިނާ އޮން ރެގިއުލޭޝަން އެންޑް ސުޕަވިޝަން އޮފް އިންވެސްޓްމަންޑް ފަންޑްއަކީ ސީއޭއެމްޑީގެ ފަރާތުން ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަން ހަމަޖެހިފައިވާ ސެމިނާއެކެވެ. މި ސެމިނާ ފަސްދުވަހަށް ކުރިޔަށް ދާނެ އެވެ.