ލައިފްސްޓައިލް

ކާލް ލެގާފެލްޑް: ފާހަގަކުރަން އެންމެ ފަސޭހަ ފެޝަން ޑިޒައިނަރު

Oct 18, 2015
1

މިއީ އެ މީހެއްގެ ނަން ނޭނގުނަސް ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ވަރަށް ގިނަ ބަޔަކު ދަންނަ ނިކަން މަޝްހޫރު، އެހާމެ ފަރިތަ މޫނެކެވެ. ހުރިހާ ވެސް ޝުކުރެއް އޭނާގެ ޓްރޭޑްމާކް ސްޓައިލަށެވެ. ބޮލުގައި އޮންނަ ހުދުކުލައިގެ އިސްތަށިގަނޑާއި އާންމުންގެ ތެރެއަށް ނުކުންނައިރު އާންމުކޮށް އަޅައިގެން ހުންނަ ކަޅުކުލައިގެ އަވިއައިނާއި އޭރަކު ލައިގެން ހުންނަ ގަމީހެއްގެ ބޮޑު، ބިޔަ ގިރުއާނަކީ އޭނާގެ ހެދުންއެޅުމުގެ ވައްޓާފާޅީގެ ތެރެއިން ފާހަގަކޮށްލެވޭ ޓްރޭޑްމާކް ސިފަތަކެކެވެ.

މި ސިފަތަކާ އެކު ފެޝަން ހަފުލާއެއްގެ ތެރެއިން އޭނާ ފާހަގަނުކުރެވިއެއް ނުދެ އެވެ. މިއީ ޖަރުމަންގެ މަޝްހޫރު ފެޝަން ޑިޒައިނަރު ކާލް ލެގާފެލްޑް އެވެ.

އަމިއްލަ ބްރޭންޑް "ކާލް ލެގާފެލްޑް" ގެ އިތުރުން ފްރާންސްގެ މަޝްހޫރު "ޝެނާލް" ބްރޭންޑާއި އިޓްލީގެ ލަގްޒަރީ ފޭޝަން ބްރޭންޑެއް ކަމުގައިވާ "ފެންޑީ" ގެ މަޝްހޫރުކަމާއި ކާމިޔާބީގެ ފަހަތުގައި ވެސް ހުރި އެންމެ މުހިންމު މީހަކީ އުމުރުން މިހާރު 82 އަހަރު ފުރިފައިވާ ލެގާފެލްޑެވެ. އޭނާ އަކީ ޗެނެލް ފެޝަން ހައުސްގެ ހެޑް ޑިޒައިނާގެ މަގާމުގެ އިތުރުން ކްރިއޭޓިވް ޑައިރެކްޓަރު ވެސްމެ އެވެ.

މި އުސްމިނަށް އޭނާ އެރުމުގެ ކުރީގެ ވާހަކަތަކުން ފަށަނީ ނަމަ އެންމެ ކުޑައިރުގެ ދުވަސްތަކުން ފަށައިގަންނަމާ ހިނގާށެވެ. އެންމެ ކުޑައިރު ވެސް އޭނާ އަކީ ފެޝަނަށް ނިކަން ބޮޑަށް ޝައުގުވެރި ފަރާތެކެވެ. މަޝްހޫރު ފެޝަން މެގަޒިންތަކުން ފެންނަ ކަމުދާ ފޮޓޯތައް ކަފައިގެން އެ ފޮޓޯތައް އެއްކުރުމަކީ ވެސް އޭރު އޭނާ ކޮށް އުޅުނު ކަމެކެވެ.

އަދި އޭރު އެކުގައި ކިޔެވި ކުދިން ސްކޫލަށްދާއިރު ހެދުން އަޅައިގެން ތިބޭ ގޮތްގޮތަށް ފާޑުކިޔުމަކީ ވެސް އޭނާ ކޮށްއުޅުނު ކަމެކެވެ. ނަމަވެސް ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ކެރިއަރެއް ފައްކާކުރުމަށް އޭނާ ނިންމީ ފުރާވަރުގެ ދުވަސްތަކަށް ފަހު އެވެ.

އުމުރުން 14 އަހަރުގައި ފްރާންސްގެ ވެރިރަށް އަދި ފެޝަނުގެ މައި ރަށެއް ކަމުގައިވާ ޕެރިހަށް ދިރިއުޅުން ބަދަލުކުރުން ވެގެންދިޔައީ ބޭނުންވި ދާއިރާ އިން ކުރިއަށް ދިއުމަށް ލެގާފެލްޑަށް ހުޅުވިގެން ދިޔަ ދޮރަކަށެވެ. އެންމެ ފުރަތަމަ އޭނާ ފެޝަންގެ ދުނިޔެ އަށް ވަނީ ފެޝަން ޑިޒައިނިންގެ މުބާރާތެއްގައި ބައިވެރިވެ ކޯޓެއް ޑިޒައިންކޮށް އެ ކެޓަގަރީން އެއް ވަނަ ގެންގޮސްގެންނެވެ.

އެއީ 1955 ވަނަ އަހަރެވެ. އެ ކާމިޔާބީ އަށް ފަހު އޭނާ އަށް ވަޒީފާ ލިބުނީ ފްރާންސްގެ އޭރުގެ މަޝްހޫރު ފެޝަން ޑިޒައިނަރެއް ކަމުގައިވާ ޕިއޭރް ބާލްމެއިންގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. އެއަށް ފަހު މާ ގިނަ އަހަރުތަކެއް ނުވެ އޭނާގެ އަމިއްލަ ބްރޭންޑެއް އުފައްދައިގެން އެ ނަމުގައި ހިތްގައިމު ޑިޒައިންތައް ފެޝަންގެ ދުނިޔެ އަށް ތައާރަފްކުރަން ފެށީ އެވެ.

މިއަދުގެ ފެޝަންގެ ދުނިޔޭގައި އެންމެ ބޮޑު އިހްތިރާމަކާއި މަޝްހޫރުކަމެއް ހޯދާފައިވާ ލެގާފެލްޑް އޭނާގެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރި މަސައްކަތުގައި އާންމުކޮށް ނޫސްވެރިންނަށް ދައުވަތު ދީގެން ބޭއްވި ފެޝަން ޝޯގައި އެންމެން ވެސް ކުރީ އޭނާ އަށް މަލާމާތެވެ. ބައެއް ފެޝަން ކްރިޓިކުން އެތަނުގައި އޭނާ އަށް އަޑުއިވޭ ވަރަށް އެއްޗެހި ގޮވައި މަލާމާތްވެސް ކުރި އެވެ.

މިގޮތަށް އެންމެ ފުރަތަމަ ދައްކާލުންތަކުން އޭނާ އަށް މުޅިން ވެސް އަމާޒުވެގެން ދިޔައީ ފާޑުކިޔުމާއި ފުރައްސާރަ އެވެ. ސަބަބަކަށް ވެގެން ދިޔައީ އޭރު ފެންނަމުން ދިޔަ ފެޝަންގެ ސްޓައިލްތަކާ މުޅިން ތަފާތު ވައްތަރުތަކެއްގެ ހެދުން ކަލެކްޝަންސްތައް އޭނާ ތައާރަފްކޮށްދެމުން ދިއުމެވެ.

ފެޝަން ޑިޒައިނަރެއްގެ ގޮތުގައި އޭނާ ދުނިޔެ އަށް މަޝްހޫރުވީ 1980ގެ ކުރީކޮޅު އެވެ. އެ ދުވަސްވަރު އައިއިރު އޭނާ އަކީ ފެޝަންގެ ދުނިޔޭގައި ނެތް ވަރުގެ މަޝްހޫރު އަދި އެހާމެ ނުފޫޒުގަދަ ޑިޒައިނަރެކެވެ. ފެޝަން ކްރިޓިކުންނާއި ފެޝަންގެ މާކެޓްގައި ވެސް އޭރު އެންމެ ހިނގާ ނަމަކަށް ވެފައި އޮތީ ކާލް ލެގާފެލްޑްގެ ނަމެވެ.

އަމިއްލަ ބްރޭންޑެއް ގެންގުޅުމުގެ އިތުރުން އޭނާ އަކީ އަބަދުވެސް އެހެން ފެޝަން ކުންފުނިތަކާ އެކު އެކްޕެރިމެންޓަލް މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތެއް ކަމަށް ވެސް ފާހަގަކޮށްލެވެ އެވެ. އޭނާ ބުނެފައި ވަނީ އެންމެ ކުރާ ހިތްވާ ކަންކަމަކީ ކުރިން ކޮށްފައި ނުވާ ކަންކަން ކަމަށެވެ. ފަހަރެއްގައި އެއް ބްރޭންޑުން އަނެއް ބްރޭންޑަށް އެހާ އާންމުކޮށް ފުންމައިގެންދާ ޑިޒައިނަރަކަށް އޭނާ ވެފައިވާ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ.

ލެގާފެލްޑަކީ ފެޝަން ޑިޒައިނަރެއްގެ އިތުރުން މަޝްހޫރު ފޮޓޯގްރާފަރެއް ވެސްމެ އެވެ.