ކަރަންޓީން އުސޫލާއި ހިލާފްވި މީހަކު ގދ. ތިނަދޫ އިން ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ތިނަދޫގައި ކަރަންޓީނުގައި ހުރި 26 އަހަރުގެ ފިރިހެނަކު ކަރަންޓިނުގެ އުސޫލުތަކާއި ތަކުރާރުކޮށް ހިލާފް ވުމުން ނަސޭހަތްތެރިވެ ތިން ފަހަރު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް ކަރަންޓީނުގެ އުސޫލާ ހިލާފް ވަމުންދާތީ މިމަހުގެ ތިން ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން މައްސަލަ ތަހްގީގު ކުރުމަށް 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ކަރަންޓީން ވާން އަންގައިފައިވާ މީހަކު އެ އަމުރާ ހިލާފު ވެއްޖެނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރާ ގޮތަށް ކަރަންޓީނު އުސޫލު ވަނީ އާންމުކޮށްފަ އެވެ.
އެގޮތުގެ މަތިން އެކަހެރިވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާ ކަރަންޓީނުވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 2500 ރުފިޔާއިން ދެވަނަ ފަހަރު 3500 ރުފިޔާއިން އަދި ތިންވަނަ ފަހަރުން ފެށިގެން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އެކަން ތަންފީޒު ކުރާނީ ފުލުހުންގެ އިދާރާއިން ކަމަށާ ފުލުހުންގެ ހިދުމަތް ނެތް ރަށްރަށުގައި ފިޔަވަޅުތައް އަޅަމުން ގެންދާނީ ކައުންސިލްތަކުން ކަމަށްވެސް ވަނީ ބުނެފައެވެ.