ހަބަރު

މިބަލަނީ ދަރަނި ކުޑަ ބަޖެޓެއް ހުށަހަޅަން: މިނިސްޓަރު

Oct 18, 2015
1

މަސައްކަތް ކުރަމުން ދަނީ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަކީ ދަރަނި ކުޑަ ބަޖެޓެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް އެކުލަވާލުމުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު، "އަވަސް" އަށް ވިދާޅުވީ ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ކުރިން ވެސް ރޭވިފައިވާ ގޮތަށް ކުރިއަށް ދަނީ ބާރު ސްޕީޑްގައި ކަމަށެވެ. އަދި މިހާތު ކުރިއަށް ދަނީ ބަޖެޓްގެ އެކި އަދަދުތައް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ ހުރިހާ މަސައްކަތްތަކެއް ނިންމާލައި މި މަސް ނިމުމުގެ ކުރިން ބަޖެޓް މަޖިލީހަށް ފޮނުވާނެ އެވެ. ބަޖެޓް އެކުލަވާލަމުން އަންނާތީ ބަޖެޓްގެ އަދަދުތަކާއި ތަފްސީލްތައް މިނިސްޓަރު ހާމައެއް ނުކުރެއްވި އެވެ.

"މި ބަލަނީ މިއަހަރަށް ވުރެވެސް އަންނަ އަހަރުގެ ބަޖެޓްގެ ޑެފިސިޓް ކުޑަ ކުރެވޭތޯ. އެވަރުގެ ބަޖެޓެއް ހުށަހެޅޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެވެސް ބަޖެޓް ޑެފިސިޓް ލަފާކޮށްފައިވާ އަދަދަށް ވުރެ ކުޑަ ކުރެވޭތޯ މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަށް ބައެއް ފިޔަވަޅުތައް މިހާރު ވެސް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ، މިއަހަރު ނިމެންދެން ކޮންމެހެން ކުރަން ޖެހޭ ހަރަދެއް ނޫނީ އެހެން ހަރަދެއް ސަރުކާރުގެ އޮފީސްތަކުން ކުރުން ހުއްޓާލުމާއި އިތުރު މުވައްޒަފުން ވަޒީފާތަކަށް ނުނެގުމެވެ.

މާލިއްޔަތު ގާނޫނު ބުނާ ގޮތުގައި، ޖެހިގެން އަންނަ އަހަރުގެ ބަޖެޓް ފާސްކުރުމަށް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މިއަހަރަށް މަޖިލީހުން ފާސްކޮށްދީފައި ވަނީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އެހެން ކަމުން މިއަހަރުގެ ބަޖެޓް ދަރަނީ 2.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ.