ވިޔަފާރި

އިންޑިއަން އެގްޒިމް ބޭންކުގެ 19.2 މިލިއަން ޑޮލަރުގެ ލޯނަކަށް ސޮވެރެން ގެރެންޓީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ހަދަން އިންޑިއަން އެގްޒިމް ބޭންކުން ނަގާ 19.2 މިލިއަން ޑޮލަރު ލޯނަކަށް، ދިވެހި ސަރުކާރުން ސޮވެރެން ގެރެންޓީ ދީފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ދިވެހި ސަރުކާރުން އިންޑިއަން އެގްޒިމް ބޭންކް އަށް ސޮވެރިން ގެރެންޓީ ދީފައިވަނީ ހައުސިން ޑޮވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާ 19.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 295.6 މިލިއަން ރުފިޔާ) ގެ ލޯނަކަށެވެ. މި ގެރެންޓީ ދީފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ކުރުމަށާއި ދެވަނަ ފިޔަވަހީގެ މަގުތަކުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަގުތަކުގެ ފުރަތަމަ ބައި ނިންމާފައިވަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. މި މަސައްކަތް ހަވާލުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

މި މަސައްކަތް ކޮށްފައިވަނީ 40.3 މިިލިއަން ޑޮލަރު (ގާތްގަނޑަކަށް 621.4 މިލިއަން ރުފިޔާ) އަށް ހަވާލުކޮށްފައިވާ އިންޑިޔާގެ މޯހަމް މުތާ އެކްސްޕޯޓް އާއި އަޝޯކާ ބިލްޑްކޮމް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ އަކުންނެވެ.

ނަމަވެސް ދެވަނަ ފިޔަވަހީގެ ބާކީ ހުރި މަގުގެ މަސައްކަތް ކުރަނީ ކޮން ކުންފުންޏެއްކަން މިހާތަނަށް އެޗްޑީސީއިން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް މި މަޝްރޫއަކީ އެގްޒިމް ބޭންކުގެ ފައިނޭންސި ލިބިގެން ކުރާ މަސައްކަތަކަށްވާނީ މި މަސައްކަތް ވެސް ކުރާނީ އިންޑިއާ ކުންފުންޏަކުން ކަމަށް ބެލެވެ އެވެ.

ސަރުކާރުން އިންޑިއަން އެގްޒިމް ބޭންކުގެ ލޯނަކަށް ގެރެންޓީ ދީފައިވާއިރު، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލޯނަކަށް ގެރެންޓީ ދިން ތިން ވަނަ ފަހަރެވެ. މީގެ ކުރިން ސަރުކާރުން ގެރެންޓީ ދީފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއިން އެމްއެމްއިން ހެދި 400 މިލިއަން ޑޮލަރު ކަރަންސީ ސޮވޮޕްގެ އިތުރުން އެސްޓީއޯއިން އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިން ނެގި 15 މިލިއަން ޑޮލަރުގެ ފެސިލިޓީއަކަށެވެ.