ހަބަރު

ބައިޑަންއަށް ނަޝީދު މަރުހަބާ ވިދާޅުވެއްޖެ

Nov 7, 2020
1

ފަހުގެ ތާރީހުގައި އެމެރިކާގައި އެންމެ ވާދަވެރި ރިޔާސި އިންތިހާބުގައި، އިންތިހާބު ކާމިޔާބުވި ކެންޑިޑޭޓެއް އަދި ޔަގީންވެފައިނުވި ނަމަވެސް، ޑިމޮކްރެޓް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޓްރަމްޕާއި ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑެންގެ މެދުގައި ވާދަވެރިކަން ބޮޑުކަމުން، އިންތިހާބު ކާމިޔާބު ކުރަން ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖު ވޯޓު އަދި އެއްވެސް ބޭފުޅަކަށް ހޯއްދެވިފައެއް ނުވެ އެވެ.

އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން، ބައިޑަން ވަނީ 253 ކޮލެޖު ވޯޓު ހޯއްދަވާފައެވެ. ޓްރަމްޕަށް މިހާތަނަށް ކާމިޔާބުވެފައިވަނީ 214 ވޯޓެވެ.

ނަމަވެސް، ބައެއް މުހިއްމު ސްވިންގް ސްޓޭޓުތަކުގައި އަދިވެސް ވޯޓު ގުނަމުންދާއިރު، ނަތީޖާތައް މިހާރު ވަނީ މަޑުމަޑުން އެނބުރި ބައިޑެންގެ ކޮޅަށް ބުރަވާން ފަށައިފަ އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ބައިޑަން ވަނީ ސަޕޯޓަރުންނާ މުހާތަބު ކުރައްވައި އިންތިހާބު ކާމިޔާބު ކުރުމުގެ އުއްމީދު ބޮޑުވެފައިވާކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް، އިންތިހާބު ކާމިޔާބުވެއްޖެކަމަށް ހުދު ބައިޑަންވެސް އިއުލާނު ނުކުރައްވަނީސް، ނަޝީދު ވަނީ ބައިޑަންއަށާ އިންތިހާބީ ނައިބު ރައީސް ކަމަލާ ހެރިސް އަށް މަރުހަބާ ވިދާޅުވެ، ޓްވީޓެއް ކުރައްވައިފަ އެވެ.

އަދި ޕެރިސްގެ ތިމާވެށްޓާބެހޭ އެއްބަސްވުމުން މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާ ވަކިކޮށްފައިވާއިރު، އެ އެއްބަސްވުމުގައި އެމެރިކާ އަލުން ބައިވެރިވާނެކަމަށް ބައިޑަން ވެފައިވާ ވައުދަށް ނަޝީދު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

އަދި އެކަމުގައި އެމެރިކާ އާ ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

އިންތިހާބު ކާމިޔާބު ކުރުމާ ވަރަށް ގާތަށް ބައިޑަން ޖެހިފައިވީ ނަމަވެސް، ވޯޓު ގުނުމުގައި މަކަރު ހަދަމުންދާކަމަށް ޓްރަމްޕް ގެންދަވޏި ތަކުރާރުކޮށް ތުހުމަތު ކުރައްވަމުންނެވެ.

އަދި އެކަމާ ގުޅިގެން ގިނަ ސްޓޭޓުތަކުގައި އެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ބައެއް ސްޓޭޓުތަކުގައި ފަރަގު ކުޑަކަމުން ދެ ވަނަ ފަހަރަށް ވޯޓު ގުނަން ވަނީ ނިންމައިފަ އެވެ.

މިކަމުގެ ސަބަބުން، އިންތިހާބު ކާމިޔާބުވި ކެންޑިޑޭޓެއް ކަނޑައަޅަން އަދި ގިނަ ދުވަސްތަކެއް ހޭދަވެދާނެކަމަށް މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.