ހުޅުމާލޭގައި މީގެ ތިން އަހަރު ކުރިން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލާގައި ކުޑަކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ހުކުމް ކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ބާރު ސްޕީޑެއްގައި ކުޑަކުއްޖަކު ދުއްވި ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. މި އެކްސިޑެންޓް ހިނގީ 16 އަހަރުގެ ކުޑަކުއްޖަކު ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އެމަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި އެވެ. އެ ސައިކަލު ދުއްވަން އިން އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެ، ފަރުވާ ދެނިކޮށް 2017 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމީހާ ވަނީ މަރުވެފަ އެވެ.
އެކްސިޑެންޓް ހިނގި އިރު އެ ކުޑަކުއްޖާ އަތުގައި ލައިސެންސެއް ނެތެވެ. މި އެކްސިޑެންޓްގައި މީހަކު މަރުވި މައްސަލާގައި އެ ކުއްޖާ އެއް އަހަރާއި 24 ދުވަހަށް ގޭ ބަންދު ކުރަން ޖުވެނައިލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރީ މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގަ އެވެ. ކުޑަކުދިންގެ ގޮތުގައި ތިބެ ކުށްކުރާ މީހުންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
މި ހުކުމާމެދު ހިތްހަމަ ނުޖެހިގެން އެ ކުއްޖާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރި އެވެ. އެކަމަކު ހައިކޯޓުން ވެސް ވަނީ އެ ކުއްޖާ އާއި ދެކޮޅަށް ޖުވެނައިލް ކޯޓުން ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ކަނޑައަޅާފަ އެވެ.
ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، ގާނޫނުލް އުގޫބާތުގެ 53 ވަނަ މާއްދާ ދަށުން ކުޑަކުދިން ކުރާ ކުށްތަކަށް މައާފް ލިބެނިވި ދިފާއު ލިބިގެން ވިޔަސް، އިސްލާމްދީނުގައި ހައްދު ކަނޑައެޅޭ ކުށްތަކާއި އަނިޔާވެރި ކުށްތަކުގެ ޒިންމާ އެ ކުދިން ނަގަން ޖެހޭ ކަމަށެވެ.
އަދިި އެ ކުއްޖާ ކުރި އަމަލަކީ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވުމުން ކަމަށް ވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓްވެ މީހަކަށް އަނިޔާވެ، މަރުވުމަކީ އެ ކުށުގެ ޒިންމާ އޭނާ އުފުލަން ޖެހޭ ފަދަ އަނިޔާވެރި ކުށެއް ކަމަށް އެ ހުކުމުގައިވެ އެވެ. އެހެންވެ، އެ ހާލަތުގައި މައާފް ލިބެނިވި ދިފާއު އެ ކުއްޖާއަށް ނޯންނާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ޖުވެނައިލް ކޯޓުން އެކުއްޖާގެ މައްޗަށް ކުރި ހުކުމުގައި ވަނީ އެއް އަހަރާއި 24 ދުވަހަށް ގޭބަންދު ކުރުމާއި ކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސްދުވަހު ރޯދަ ހިފުމަށެވެ. އަދި ވާރިސުން މަރުގެ ދިޔަ ބޭނުންވާނަމަ، ޝަރީއަތް ކުރުމާބެހޭ ގަވާއިދު އިސްލާހު ކުރުމުން އެކަމަށް ދައުވާ ކުރެވޭނެ ކަމަށްވެސް އެ ހުކުމުގައި ބުނެފައިވެ އެވެ. ޝަރީއަތް ކުރުމާއި ބެހޭ ގަވާއިދުގައިވާ މަރުގެ ދިޔަ ހޯދުމުގެ މާއްދާ މިހާރު ވަނީ އުވާލާފަ އެވެ.