ހަބަރު

ހުޅުމާލޭ މަގުހަދަން ގެރެންޓީ ދިނުމުން އިދިކޮޅުގެ ފާޑުކިއުން

Nov 7, 2020

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގު ހަދަން އިންޑިއަން އެގްޒިމް ބޭންކުން ނަގާ 19.2 މިލިއަން ޑޮލަރު ލޯނަކަށް، ދިވެހި ސަރުކާރުން ސޮވެރެން ގެރެންޓީ ދިނުމުން އިދިކޮޅުން ފާޑުކިޔައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދަރަނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ 20 ވަނަ ދުވަހު ދިވެހި ސަރުކާރުން އިންޑިއަން އެގްޒިމް ބޭންކް އަށް ސޮވެރިން ގެރެންޓީ ދީފައިވަނީ ހައުސިން ޑޮވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާ 19.2 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 295.6 މިލިއަން ރުފިޔާ) ގެ ލޯނަކަށެވެ. މި ގެރެންޓީ ދީފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ މަގުތަކުގެ މަސައްކަތް ކުރުމަށާއި ދެވަނަ ފިޔަވަހީގެ މަގުތަކުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށެވެ.

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވަނީ ބައެއް މަޝްރޫއުތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދިނުން ރަނގަޅުވާތީ ސުވާލު އުފައްދަވައިފަ އެވެ.

"ހުޅުމާލެ މަގުތާރު އަޅަން އިންޑިއާ އެގްޒިމް ވީމާ ދައުލަތުގެ ސޮވެރިން ގެރެންޓީ އޯކޭ. އިހަވަންދޫ ހޮސްޕިޓަލާއި އަތޮޅު ތެރޭ ބަނދަރާއި، އަތޮޅު ތެރޭ ޑޮމެސްޓިކް އެއާޕޯޓްތަކަށް ފައިސާ ހޯދަން ރައްޔިތުން އެދުމުން ސޮވެރިން ގެރެންޓީ ގޯސް،" ކުރީގެ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ސުވާލު ކުރެއްވި އެވެ.

ސަރުކާރުން އިންޑިއަން އެގްޒިމް ބޭންކުގެ ލޯނަކަށް ގެރެންޓީ ދީފައިވާއިރު، މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލޯނަކަށް ގެރެންޓީ ދިން ތިން ވަނަ ފަހަރެވެ. މީގެ ކުރިން ސަރުކާރުން ގެރެންޓީ ދީފައިވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއިން އެމްއެމްއިން ހެދި 400 މިލިއަން ޑޮލަރު ކަރަންސީ ސޮވޮޕްގެ އިތުރުން އެސްޓީއޯއިން އިންޓަނޭޝަނަލް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިއައިޓީއެފްސީ) އިން ނެގި 15 މިލިއަން ޑޮލަރުގެ ފެސިލިޓީއަކަށެވެ.

ނަމަވެސް، ކުރީގެ ސަރުކާރުގައި ހާއްސަކޮށް ދައުލަތުގެ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާތީ، އެ ކި ފަހަރު މަތިން މި ސަރުކާރުގެ ކަމާބެހޭ ބޭފުޅުން ވަނީ ކަންބޮޑުވުންފާޅުކޮށްފައި އެވެ.