ހަބަރު

ޑެންގީ މުޅިން ކޮންޓްރޯލެއްނުވޭ، ވައިރަލް ހުން އިތުރު: ހެލްތު

  • ޑެންގީ ހުމާއި ވައިރަލް ހުން ދަނީ ފެތުރެމުން
  • މަދިރި ކޮންޓްރޯލް ކުރުމުގެ ސައްކަތް ކުރިޔަށް
  • ރޯގަ ފެތުރެން ފެށީ ވިއްސާރައަށް ފަހު

ޑެންގީ ހުން މުޅިން ކޮންޓްރޯލް ނުވާ ކަމަށާއި ވައިރަލް ހުން އަނެއްކާ ވެސް ފެތުރެން ފަށާފައިވާތީ އެކަމަށް ސަމާލުވާން ހެލްތު މިނިސްޓްރީން ބުނެފި އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ތަސްލީމާ އުސްމާން ވިދާޅުވީ، ޑެންގީ ހުން އަދިވެސް މުޅިން ނައްތައި ނުލެވޭ ކަމަށެވެ. އެހެން ނަމަވެސް ހުން ފެތުރޭ މިންވަރު ދަށްވެފައިވާ މަށެވެ. ޑެންގީ ހުން ކޮންޓްރޯލް ނުވާ ކަމަށް ބުނިއިރު މިއަދު ހެނދުނު ވަނީ ގއ. ކަނޑުހުޅުދުގައި ދިރިއުޅެމުން އައި ފުވައްމުލަކުގެ ފަސް އަހަރުގެ ފިރިހެން ކުއްޖަކު ޑެންގީ ހުން ޖެހިގެން މަރުވެފަ އެވެ.

އާދަޔާއި ހިލާފަށް ވައިރަލް ހުން ރަށްރަށުގައި ފެތުރެމުންދާ ކަމަށް އިޝާރާތްކުރައްވައި ތަސްލީމާ ވިދާޅުވީ، ވައިރަލް ހުމަކީވެސް މަދިރީގެ ސަބަބުން ފެތުރޭ ހުމަކަށް ވާތީ އެކަމަށް ސަމާލުވުމަށެވެ. މަދިރި އާލާވާ ގޮތަށް ހުންނަ ތަކެތި ނައްތާލަން ފަރުދީ ގޮތުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޑެންގީ އަދިވެސް މުޅިން ކޮންޓްރޯލެއް ނުވޭ. އެހެން ނަމަވެސް މި ފަހުން ވަރަށް މަދު. ޔަގީން ޑޭޓާ އެއް ބުނަން އެނގޭނީ ތަންކޮޅެއް ފަހުން. މިހާރު އެކަމަކު އެންމެ ބޮޑަށް މި ފެތުރެނީ ޑެންގީ އެއް ނޫން. އެއީ ވައިރަލް ހުމެއް،" ތަސްލީމާ ވިދާޅުވި އެވެ.

ރޯގާ އާއެކު ވައިރަލް ފީވާ އެންމެ ބޮޑަށް މިހާރު ފެތުރެމުންދާ މ، އަތޮޅު މުލީ ކައުންސިލުން ބުނީ، އާދަޔާ ހިލާފަަށް ހުން ފެތުރެން ފަށާފައިވަނީ މި ފަހުން ރާއްޖެއަށް ކުރި ވިއްސާރައަށް ފަހު ކަމަށެވެ. ހުން ކޮންޓްރޯލް ކުރުމަށް އެރަށުގެ ކައުންސިލާއި ހޮސްޕިޓަލް ގުޅިގެެން މިއަދު ދަނީ ރަށުތެރެ ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މުލީގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް ދަނީ ހުން ފެތުރެމުންނެވެ.