ކޮވިޑް-19 ގެ ބަލިމަޑު ކަމަށް ބަންދު ކުރުމަށްފަހު، އާންމު ކުޅިވަރު ތަކަށް ދަނޑުތަކާއި ކޯޓްތައް ހުޅުވާލާނެ ކަމުގެ އިޝާރާތެއް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް މިއަދު ދެއްވައިފި އެވެ.
އާންމު ގޮތެއްގައި ކުޅެމުންދާ ކުޅިވަރުތައް، ކޮވިޑް-19 އާ ގުޅިގެން ހުއްޓާލުމަށް އެންމެ ފުރަތަމަ ޔޫތު މިނިސްޓްރީން އެންގީ މާޗް މަހު އެވެ. އެގޮތަށް އިއުލާން ކުރުމަށް ފަހު މިނިސްޓްރީންވަނީ ދަނޑުތައް ބަންދު ކުރުމަށް އަންގާފަ އެވެ.
އޭޕްރީލް މަހު މާލޭގައި ކުރި ލޮކްޑައުން ޖޫން މަހު އުވާލުމަށް ފަހު އާންމު ކުޅިވަރުތައް ކުޅުމުގެ ހުއްދަ އެޗްޕީއޭ އިން ދިނެވެ. އެހެން ނަމަވެސް ޖުލައި މަހު އަނެއްކާ ވެސް ހާލަތު ގޯސް ވާން ފެށުމުން އާންމު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުން އެޗްޕިއޭ އިން މަނާ ކުރި އެވެ.
އޯގަސްޓް މަހު، ގައުމީ ފެންވަރުގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމަށް އެޗްޕީއޭއިން ހުއްދަ ދިނެވެ. އެގޮތުން އިންޑަވިޖުއަލް ކުލިވަރުތަކުން ވަނީ އެސޯސިއޭޝަންތަކާއި އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށް ގެންދަން ފަށާފަ އެވެ. ޓީމު ސްޕޯޓްސް ތެކުގެ ތެރެއިން ފުޓްބޯޅައިގައި އޭއެފްސީ ކަޕްގައި ވާދަ ކުރާ ދެ ޓީމަށް އޯގަސްޓް މަހު ހުއްދަ ދިނެވެ. އެގޮތުން މާޒިޔާއިން ޕްރެކްޓިސް ފެށި އެވެ. އެ ޓީމުން ޕްރެކްޓިސްތައް ހުއްޓާލީ އޭޝިއާގެ ފުޓްބޯޅަ އިދާރާ އޭއެފްސީން، އޭއެފްސީ ކަޕް ކެންސަލް ކުރުމުންނެވެ.
މިދިޔަ މަހު އަނެއްކާވެސް ފުރަތަމަ ޑިވިޝަންގެ ފުޓްބޯޅަ ކުލަބުތަކުން ޕްރެކްޓިސް ކުރިއަށް ގެންދާން ފެށި އެވެ. އެކަމަށް ހުއްދަ ލިބުނީ އެފްއޭއެމުން ހުށަހެޅި ގައިޑްލައިނަށް އެޗްޕީއޭއިން ރުހުން ދިނުމުންނެވެ. އޭރުވެސް އެޗްޕީއޭއިން ބުނެފައި ވަނީ އާންމު ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދިއުން މަނާ ވާނެ ކަމަށެވެ.
މިނިސްޓަރު މަހޫލުފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބޫޓަށް އަރާ ރަނގަޅަށް ނާޑްވާ ބާރުކޮށްގެން ތިއްބެވުމަށެވެ. "އިތުރު މައުލޫމާތު މިރޭ އެޗްޕީއޭއިން އާންމު ކުރާނެ. ކަނުލައި އައްސަވާތި އަދި ބަރަބަރަށް އަމަލު ކުރައްވާތި،" މައުލޫފު ވިދާޅުވި އެވެ.
ރަސްމީ މުބާރާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހު ފަށަން ހަމަޖެހިފައިވާ ދިވެހި ޕްރިމިއާ ލީގެވެ. އޭގެ ކުރިން ސީޒަން ހުޅުވާ މެޗުގައި އަންނަ މަހު 15 ގައި މާޒިޔާ އާއި ކުލަބު އީގަލްސް ނުކުންނާނެ އެވެ.