މާލެ ސިޓީގަައި ކުރީ ސަރުކާރުން ހަދާފައިވާ ހުރިހާ ޕާކްތަކާއި މައިދާންތައް މި ސަރުކާރުން ވަނީ ވީރާވާން ދޫކޮށްލާފައި ކަމަށާ އެ ތަންތަން ބެލެހެއްޓުމަށް އެ ޕާކުތަކާއި މައިދާންތައް ހެދިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
މުއިއްޒު މިހެން ވިދާޅުވީ މާލޭގެ ލޮނުޒިޔާރަތްކޮޅުގެ އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ނޮވެމްބަރު 11 ގައި ހުޅުވަން ނިންމުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައެވެ. އަޑި ޕާކް ހުޅުވަން ސިޓީ ކައުންސިލުން ވަނީ މިހާތަނަށް ގިނަ ތާރީހުތަކެއް ދީފައެވެ. އެ ޕާކް މި މަހު ހުޅުވާފައިވާއިރު އެ ތަން ހެދުމަށް ދޮޅު އަހަރެއްހާ ދުވަސް ވަނީ ހޭދަވެފައެވެ. ގިނަ އަދަދެއްގެ މާމެލާމެލި ހަދާ އަޑި ޕާކް ވަނީ ވަރަށް ރީތިކޮށްފައެވެ.
ސިޓީ ކައުންސިލްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު މިއަދު ވިދާޅުވީ، މިމަހުގެ 11 ވަނަ ދުވަހު އެ ޕާކް ހުޅުވާނެ ކަމަށާއި ހުޅުވާއިރު ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެތައް ތާރީހެއް ދިނުމަށްފަހު ނޮވެންބަރު 11 ގައި ލޮނު ޒިޔާރަތް ޕާކް ހުޅުވާ ކަމަށެވެ. އެއީ "ކޮރަޕްޝަން ޕާކް" ގެ ގޮތުގައި މުއިއްޒު ވަނީ ސިފަކުރައްވާފައެވެ. އެ ޕާކުގެ މަސައްކަތްތައް ކުރުމުގައި އަމަލުކޮށްފައިވާ ގޮތުން މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި އޭސީސީން ވަނީ ޕީޖީގައި އެދިފައެވެ. ލޮނު ޒިޔާރަތް ޕާކް "ކޮރަޕްޝަން ޕާކް" ގެ ގޮތުގައި މުއިއްޒު ސިފަ ކުރެއްވީ މި ސަބަބާއި ގުޅިގެން ކަމަށް ބެލެވެއެވެ. ނަމަވެސް މަސް ދުވަސްވީއިރުވެސް ދައުވާ ކުރުމާމެދު ޕީޖީ ގޮތެއް ނިންމާފައެއް ނުވެއެވެ. މިއީ މި ފަހުން އޭސީސީން ފޮނުވި މައްސަލައަކާއި ގުޅިގެން ޕީޖީން ގޮތެއް ނުނިންމާ މިހާ ގިނަ ދުވަސްވީ ފުރަތަމަ މައްސަލައެވެ.
މުއިއްޒު ވިދާޅުވީ މާލޭގައި ހުރި ހުރިހާ ޕާކްތަކާއި މައިދާންތައް މި ސަރުކާރުން ވަނީ ވީރާވާން ދޫކޮށްލާފައި ކަމަށެވެ.
"މާލޭގަައި ހުރި ހުރިހާ ޕާކްތަކާއި މައިދާންތައް މަރާމާތުކޮށް އަބަދުވެސް ސާފުކޮށް ބެލެހެއްޓުމަށް ގޮވާލަން،" މުއިއްޒުގެ ޓްވީޓްގައިވެއެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު މާލޭގައި 11 ޕާކެއް ތަރައްގީ ކުރިއެވެ. އަދި ސުނާމީ ބިނާ މައިޒާނާއި ރަސްފަންނު އަދި ޖުމްހޫރީ މައިދާން ސަރަހައްދުވެސް ތަރައްގީ ކުރިއެވެ. ނަމަވެސް ގިނަ ޕާކްތައް މަރާމާތު ނުުކުރެވި އަދި ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ވަނީ ހަލާކުވެފައެވެ. ނަމަވެސް ސިޓީ ކައުންސިލުން އެ ތުހުމަތު ދޮގު ކުރެއެވެ. އެ ކައުންސިލުން ބުނީ ބައެއް ތަންތަން އަހަރަކު އެތަށް ފަހަރަކު މަރާމާތު ކުރާ ކަމަށެވެ.