ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާއު މިރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާ ބައްދަލުކުރާއިރު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އެއްވެސް އިތުބާރެއް ނެތް ކަަށެވެ. ތަފާތު ކުރުން އިންތިހާއަށް ގެންގުޅޭ ކަމަށްވެސް ތުހުމަތު ކުރެއްވިއެވެ.
"އެމްޑީޕީއަށް ކެންޕެއިން ކުރެވޭ. އިދިކޮޅުން ރަށު ބަންދުގައި،"
ޝުޖާއު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރާނެ ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބަކީ 2020 ގައި ބާއްވަން ޖެހޭ އިންތިހާބެކެވެ. އެ އިންތިހާބު ބޭއްވުމަށް ފުރަތަމަ ކަނޑައެޅީ އޭޕްރީލް މަހުގެ ހަތަރުވަނަަ ދުވަހު އެވެ. ނަމަވެސް އިންތިހާބު ނު ބޭއްވުނީ ކޮވިޑް-19 ގެ ބަލާއާފާތާއި ގުޅިގެންނެވެ. އިންތިހާބު މިއަހަރު ނު ބޭއްވުމުން މަޖިލީހުން ވަނީ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދާދީފައެވެ.
އިލެކްޝަންސް ކޮމިޝަނުން މިހާރު ތައްޔާރުވަމުން ދަނީ އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދި އިއުލާނު ނުކުރެއެވެ.