މުހައްމަދު އިބްތިހާލް

އިބްތިހާލުގެ މަންމައަށްވެސް އިންސާފު ލިބެންޖެހޭ: ޕީޖީ

ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލްގެ ގައިގައި ތަޅައި މާރާލުމުގެ ތުހުމަތު ކުރެވިފައިވާ އެ ކުއްޖާގެ މަންމަ، އާފިޔާ މުހައްމަދު މަނިކަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އެތައް އަނިޔާއެއް ދިނުމަށްފަހު އިބްތިހާލު މަރާލާފައިވަނީ 2015 ވަނަ އަހަރު އެވެ. އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ދައުލަތުން ކުރެ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލި ކަމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. ނަމަވެސް ފަސް އަހަރުވީއިރު ވެސް އެ މައްސަލަތައް ނިމިފައެއް ނުވެ އެވެ.

އާފިޔާގެ މައްޗަށް ދައުވާ އުފުލުމުން އޭނާގެ ދިފާއީ ވަކީލު ކަމާއި ފުރަތަމަ ހަވާލުވީ ޝަމީމެވެ. އެއީ ފެބްރުއަރީ 3، 2015 ގައެވެ. އާފިޔާގެ ގާނޫނީ ވަކީލު ކަމާ ޝަމީމް ހަވާލުވެވަޑައިގެންނެވީ ހިލޭ ސާބަހަށެވެ. އޭރު ޝަމީމް ވިދާޅުވީ އާފިޔާގެ މައްސަލައާ އޭނާ ހަވާލުވެ ވަޑައިގެންނެވީ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ވެސް އިންސާފުވެރި ޝަރީއަތެއް ހިންގުމަށް ދީނީ ގޮތުން އޮންނަ ފުރުސަތު އާފިޔާއަށް ހޯދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ރޭ އަޑުން ގެނެސްދިން ޕްރަގްރާމެއްގައި އިބްތިހާލުގެ މަރުގެ މައްސަލައާ ގުޅޭގޮތުން ޝަމީމާ ވަނީ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ އާފިއާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެވިފައިވާތީ އެ މައްސަލައިން އޭނާ ތަނާޒުލްވެ ވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލާގައި އިންސާފު ނުލިބި ލަސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ޝަމީމް ވިދާޅުވީ އިބްތިހާލު މަރުވި މައްސަލާގައި އިބްތިހާލަށް ވެސް އަދި އާފިޔާއަށް ވެސް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އާފިޔާއަށް އިންސާފު ލިބުމަކީ އޭނާގެ މައްޗަށް ކުށް ސާބިތުވާނަމަ އަވަހަށް ހުކުމް އިއްވުން ކަމަށް ވެސް ވިދާޅުވި އެވެ.

"އަަޅުގަނޑު ހިތުން އެކަމުގެ އިންސާފަކަށް ވާނީ ދެކޮޅަށް ވެސް އިންސާފު ލިބުން. މާނައަކީ އިބްތިހާލަށް ވެސް އިންސާފު ލިބުން އަދި އެކަމުގައި ތުހުމަތު ކުރެވޭ މީހާ [އިބްތިހާލު މަންމަ] އަށްވެސް އިންސާފު ލިބުން. އޭނާއަށް އިންސާފު ލިބުނު ކަމަަށްވާނީ އޭނަގެ މައްޗަށް ކުށް ސާބިތުވާނަމަ އެކަންވެސް އަަވަހަށް ނިންމުން. ކުށް ސާބިތުވާ ކަމަށް ނިންމާ ޕްރޮސެސް ބަރާބަރަށް ފޯރުކޮށް ދިނުން. އެހެންވީމަ އަޅުގަނޑު އެދެނީ އެ މައްސަލަ ވެސް ވީހާވެސް އަވަހަށް ނިމިގެންދާން،" ޝަމީމް ވިދާޅުވިއެވެ.

ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް" ކުއްޖަކަށް ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

އޭނާ ތަހުގީގުގައި ވެސް އިބްތިހާލު މަރުވި ދުވަހު ކުރި އަނިޔާތައް ވަރަށް ތަފްސީލްކޮށް ކިޔައިދީފައިވެ އެވެ. އަދި ތަހުގީގުގައި ބުދެއް ބޭނުންކޮށްގެން އިބްތިހާލަށް ދިން އަނިޔާތައް ދައްކާފައިވެސްވެ އެވެ. އެ ތަހުގީގު ބަޔާން ޝަރީއަތުގެ މަޖިލީހުގައި އިއްވުމުން އެއީ ތެދެއް ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.

ނަމަވެސް ފަހުން ވާހަކަ ވަނީ ބަދަލުކޮށްފައެވެ. ފަހުން ބުނީ، އިބްތިހާލަށް އޭނާ އަނިޔާކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ކުރިން އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފްވީ ބަޔަކު ބިރު ދައްކައި މަޖުބޫރުކޮށްގެން ކަމަށެވެ.