ވ. ރަކީދޫގެ ގެ އެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ހުކުމް ކުރުން އާފިޔާގެ އެދުމުގެ މަތިން ފަސް ކޮށްފި އެވެ.
އާފިޔާ އެކަމަށް އެދުނީ މިއަދު މި މައްސަލާގައި ހުކުމް ކުރުމަށް ބޭއްވި އަޑު އެހުމުގަ އެވެ. ކުރީގެ އަޑުއެހުންތަކުގައި އާފިޔާ ވަނީ ވަކީލަކާއެކު ކުރިއަށްދާން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. އެހެންވެ ހުލާސާ ބަޔާން އިއްވާފައި ވަނީ ދިފާއީ ވަކީލަކާ ނުލަ އެވެ.
އެކަމަކު މިއަދު ބޭއްވި އަޑުއެހުމުގައި އާފިޔާގެ ފަރާތުން ވަނީ ވަކީލެއްގެ އެހީތެރިކަން މި މައްސަލައިގައި ބޭނުންވާ ކަމަށް ބުނެފައެވެ. އާފިޔާ އެ ގޮތަށް އެދުމުން ދައުލަތުން ވަނީ އޭނާގެ ވަކީލެއް ހަމަޖައްސައިދީފަ އެވެ. އެއީ އާމިނަތު ރުކުޝާނާ އިބްރާހިމެވެ.
އާފިޔާގެ ފަރާތުން ވާހަކަ ދައްކަވަމުން ރުކުޝާނާ ވިދާޅުވީ މި މައްސަލާގައި އާފިޔާ ބޭނުން ވަނީ މައްސަލައިގައި ހިމެނޭ ހުރިހާ ލިޔެ ކިޔުންތައް އަލުން ދިރާސާ ކުރުމަށް ފަހު މައްސަލައިގެ ހުލާސާ ބަޔާން އިއްވަން ކަމަށެވެ. އެހެން ކަމުން އޭނާ އަށް އެ ފުރުސަތު ދީ މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްދިނުމަށް ވަނީ އެދިފަ އެވެ.
ރުކްޝާނާ ވިދާޅުވީ މި މައްސަލައިގެ ހުރިހާ ލިޔެ ކިޔުމެއް ދިރާސާކޮށް އަދި އާފިޔާ އާއި މާފުށީ ޖަލުގައި ބައްދަލުކޮށް މި މައްސަލަ އާއި ގުޅިގެން މަޝްވަރާތަކެއް ކުރުމަށް 10 ދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ.
ގާޒީ ވަނީ ދައުލަތުން ބޭނުންވާ ގޮތްވެސް އޮޅުން ފިލުވާފަ އެވެ. ދައުލަތުން ބުނީ މި މައްސަލާގައި އަލުން ވަކީލަކާއެކު ކުރިއަށް ދިޔުމަށް އާފިޔާއަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އެހެން ކަމުން 10 ދުވަސް ދިނުމަށް އިއުތިރާޒެއް ނެތް ކަމަށެވެ. އޭގެ ފަހުން ގާޒީ ވަނީ މި މައްސަލައިގެ ހުކުމް އިއްވުން ފަސްކޮށްފަ އެވެ.
އުމުރުން އެންމެ ތިން އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް މިހާރު އާފިޔާ އިންކާރު ކުރެ އެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި މީގެ ކުރިން ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.
މިއަދުގެ ޝަރީއަތް ނިންމާލަމުން ގާޒީ ވިދާޅުވީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އަކީވެސް މި މައްސަލަ އާއި ގުޅިގެން އުފުލާފައިވާ ދައުވާއެއް ކަމަށްވާތީ ދެ ދައުވާއަށްވެސް ހުކުމް ކުރުން އެއް ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ހުކުމް މަޖިލިސް 10 ދުވަސް ފަހުން ބާއްވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް މިދިޔަ ފެބްރުއަރީ މަހުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ވަކީލަކާއެކު ކުރިއަށްދާން ބޭނުންތޯ ސުވާލު ކޮށްފަ އެވެ. ނަމަވެސް އާފިޔާ އޭރު ބުނީ ވަކީލަކު ބޭނުން ނުވާ ކަމަށެވެ.
މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އާފިޔާ ތަހުގީގު މަރުހަލާގައި ވެސް ބަންދު މަޖިލީހުގައި ވެސް އަދި ޝަރީއަތުގައި ވެސް އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ އިއުތިރާފަކީ ރުޖޫއަ ކުރެވޭނެ އިއުތިރާފެއް ނޫން ކަމަށް ވަކީލް ވިދާޅުވި އެވެ.
އޭގެ ސަބަބެއް ކަމަށް ވިދާޅުވީ އާދަމް ދަރިއެއްގެ ހައްގު އެކުލެވޭ ކަމެއްގައި ވެވޭ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއް ކަމަށް އިސްލާމީ ޝަރީއަތުގައި އޮތުމެވެ. އަދި އާފިޔާ ވެފައިވާ އިއުތިރާފަކީ ހުރިހާ އިޖުރާއަތެއް ފުރިހަމަވެ، އެއްވެސް ނުފޫޒެއް ނެތި ވެފައިވާ އިއުތިރާފެއް ކަމަށް ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.
ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އާފިޔާ އިއުތިރާފު އަނބުރާ ގެންދިޔަ ނަމަވެސް އޭނާގެ އިއުތިރާފު ބަޔާން ވަނީ މި މައްސަލާގައި މަހުލަރު ކުރެވިފައި ކަމަށާއި އަދި އެއަށް ބާރުދޭ ހެކިތައް ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. ދައުލަތުގެ ފަރާތުން މި މައްސަލާގައި ގިނަ ޝަފަވީ އަދި ކިތާބީ ހެކި ހުށަހެޅި އެވެ. އެ ހެކިތަކާ ގުޅޭ ގޮތުން ދައުލަތަށް ފާހަގަވި ކަންކަން ވެސް ތަފްސީލް ކޮށްދީފައިވެއެވެ.
އެގޮތުން އާފިޔާ، އެހެން ދަރިންނާ އިބްތިހާލު ތަފާތު ކުރާ ކަމާއި އަނިޔާކުރާކަން އެނގޭ، އޭނާގެ އަވަށްޓެރިންނާއި ރައްޓެހިން ހެކި ބަސް ދީފައިވާކަން ވަކީލް ފާހަގަ ކޮށްފައިވެއެވެ.
އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ވެސް ހެދި އެވެ. ޑރ. ނާޒް ހެދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ފާހަގަކޮށްފައިވެއެވެ. އެކަމަށް ބޭސް ވެސް ދިނެވެ. ޑރ. ނާޒް ފާހަގަ ކުރައްވާ ގޮތުގައި އޭނާ އިބްތިހާލަށް އަނިޔާ ކޮށްފައިވަނީ އަމިއްލަ އިހްތިޔާރުގަ އެވެ.
މިކަންކަން މިހެން ހުރުމުން އާފިޔާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގަބޫލު ކުރާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ މިއީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށަކަށްވާއިރު އެ ކުށް ސާބިތުވުމަށް އިސްލާމީ ޝަރީއަތުގައިވާ ރުކުންތައް ވެސް މި މައްސަލާގައި ފުރިހަމަވާ ކަމަށެވެ. އެގޮތުން އިބްތިހާލަކީ ލޭ ހަލާލު މީހެއް ނޫން ކަމާއި އޭނާ މަރުވީ އާފިޔާ ދިން އަނިޔާތަކުގެ ސަބަބުންކަން ސާބިތުވާ ކަމަށެވެ. އަދި އިބްތިހާލު މަރާލުމުގެ ނިޔަތް އާފިޔާގެ އޮތްކަން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތުގެ ފަސްވަނަ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެ މީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ. އިސްލާމީ ޝަރީއަތުގައި އާފިޔާގެ ކުށަށް އޮތް އަދަބަކީ މަރުގެ ދިޔަ އާއި ކައްފާރާ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އާފިޔާގެ މައްޗަށް އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅޭ މިންވަރަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މި މައްސަލަ ދައުލަތަށް ސާބިތުކޮށް ދެވިފައިވާ ކަމަށެވެ.
އެހެންނަމަވެސް އެއްވެސް ޝައްކެއް މިންވަރަށް ސާބިތުވާ ކަމަށް ގާޒީއަށް ގަބޫލު ނުކުރެވޭނަމަ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ މިންވަރަށް ސާބިތުވާ ކަމަށް ގަބޫލު ކުރެވޭނަމަ ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ވެސް އޮންނާނެ ކަމަށެވެ. ތައުޒީރީ އަދަބުގެ ގޮތުގައި އާންމުކޮށް ދެނީ ޖަލު ހުކުމެވެ. މި ކުށަށް އޮންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.