ހަބަރު

އާފިޔާގެ ފަހު ބަސް: "ކުއްޖާ ގަސްތުގައި ނުމަރަން"!

އަމިއްލަ ދަރިފުޅަށް އަނިކޮށް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ އާފިޔާ މުހައްމަދު މަނިކަށް އިސްލާމީ ޝަރީއަތުން ކުށް ސާބިތުވާ މިންވަރަށް ހެކި ހުށަހެޅި، ރުކުންތައް ފުރިހަމަވާ ކަމަށް ދައުލަތުން ބުނާއިރު ދަރިފުޅު މަރާލާފައިނުވާނެ ކަމަށް މިއަދު ޝަރީއަތުގެ މަޖިލީހުގައި އާފިޔާ ބުނެފި އެވެ.

އުމުރުން އެންމެ ދެ އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް މިހާރު އާފިޔާ އިންކާރު ކުރެ އެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި މީގެކުރިން ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.

މިއަދު މެންދުރުފަހު ކުރިމިނަލް ކޯޓުގައި ވަނީ މި ދެ ދައުވާގެ ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުން ބާއްވާފަ އެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ އާފިޔާގެ މައްސަލާގައި ފާހަގަވި ކަންކަން ވަރަށް ތަފްސީލްކޮށް ހުށަހަޅުއްވާފަ އެވެ. އެގޮތުން އާފިޔާގެ އިއުތިރާފާ ގުޅޭ ކަންކަމުގައި ދައުލަތުން ދެކޭ ގޮތް ތަފްސީލް ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އާފިޔާ ތަހުގީގު މަރުހަލާގައި ވެސް ބަންދު މަޖިލީހުގައި ވެސް އަދި ޝަރީއަތުގައި ވެސް އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް ވިދާޅުވީ އާދަމް ދަރިއެއްގެ ހައްގު އެކުލެވޭ ކަމެއްގައި ވެވޭ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއް ކަމަށް އިސްލާމީ ޝަރީއަތުގައި އޮތުމުންނެވެ. އަދި އާފިޔާ ވެފައިވާ އިއުތިރާފަކީ ހުރިހާ އިޖުރާއަތެއް ފުރިހަމަވެ، އެއްވެސް ނުފޫޒެއް ނެތި ވެފައިވާ އިއުތިރާފެއް ކަމަށް ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އާފިޔާ އިއުތިރާފު އަނބުރާ ގެންދިޔަ ނަމަވެސް އޭނާގެ އިއުތިރާފު ބަޔާން ވަނީ މި މައްސަލާގައި މަހުލަރު ކުރެވިފައި ކަމަށާއި އަދި އެއަށް ބާރުދޭ ހެކިތައް ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. ދައުލަތުގެ ފަރާތުން މި މައްސަލާގައި ގިނަ ޝަފަވީ އަދި ކިތާބީ ހެކި ހުށަހެޅި އެވެ. އެ ހެކިތަކާ ގުޅޭ ގޮތުން ދައުލަތަށް ފާހަގަވި ކަންކަން ވެސް ތަފްސީލް ކުރެއްވި އެވެ.

އެގޮތުން އާފިޔާ، އެހެން ދަރިންނާ އިބްތިހާލު ތަފާތު ކުރާ ކަމާއި އަނިޔާކުރާކަން އެނގޭ، އޭނާގެ އަވަށްޓެރިންނާއި ރައްޓެހިން ހެކި ބަސް ދީފައިވާކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެމީހުން ވަނީ އިބްތިހާލުގެ އެކި ހާދިސާތައް ހިއްސާކޮށްފަ އެވެ. އޭގެއިތުރުން އާފިޔާގެ ފިރިމީހާ ވެސް މައްސަލާގައި ހެކި ބަސް ދެމުން "މަންމަ ޖަހަނީ" ކަމަށް އިބްތިހާލު ބުނާ ކަމަށް ވެސް ބުނެފައިވެ އެވެ.

ކިތާބީ ހެއްކެއްގެ ގޮތުގައި އާފިޔާގެ ބަޔާން ހުށަހަޅާފައިވާއިރު އެ ބަޔާންގައި އިބްތިހާލު މަރުވި ދުވަހު، އާފިޔާ ކަންތައް ކުރި ގޮތް ވަރަށް ތަފްސީލްކޮށް އޭނާ ކިޔައިދީފައިވެ އެވެ. އެގޮތުން އެ ދުވަހު، އިބްތިހާލު ނިދާފައި އޮތްވާ، އޭނާގެ ގައިގާ ފައިން ޖަހައި ކަރުގައި ހިފައި ނޭވާ ހާސްކޮށްލި ކަމަށް ބުނެފައިވެ އެވެ. ނޭވާ ހާސްކޮށްލި ވަގުތު އިބްތިހާލު މަޑުމަޑުން "މަންމާ"އޭ ބުނެލި ކަމަށާއި ނަމަވެސް އެއަށް ބެލުމެއް ނެތި އޭނާގެ އަނިޔާ ކުރިއަށް ގެންދިޔައީ އެވެ. އަނިޔާތަކާއެކު އިބްތިހާލު ކުއްލިއަކަށް ހިންދެމިލައި ހަށިގަނޑު ހުއްޓުމަކަށް ދިޔަ ކަމަށެވެ. އޭގެ ފަހުން ވެސް އާފިޔާ ވަނީ އިބްތިހާލުގެ މާ މަތީގައި ފައިން ތިން ފަހަރަށް ޖަހާފަ އެވެ. އާފިޔާ އެ ތަނުން ނުކުމެގެން ދިޔައިރު އިބްތިހާލު، ކުކުރަމުން ދިޔަ އެވެ.

އާފިޔާ ރައްޓެއްސެއްގެ ގެއަށް ގޮސް އައިއިރު އިބްތިހާލުގެ ހަރަކާތެއް ނެތުމުން މޫނުގައި ފެން ހޭކި ކަމަށާއި އެވަރުން ވެސް އިބްތިހާލުގެ ހަރަކާތެއް ނެތުމުން އަވަށްޓެރިން ގޮވައިގެން އާފިޔާ ރޮވުން އައީ ކަމަށް ބަޔާނުގައިވެ އެވެ. އާފިޔާ، ދެން ސިއްހީ މަރުކަޒަށް ދުވެފައި ދިޔައީ އެވެ. އެތަނަށް ދެވުނުތާ އޭނާ ހޭނެތިގެން ވެއްޓުނީ އެވެ. ހޭވެރިކަންވީއިރު އިބްތިހާލު އޮތީ ސިއްހީ މަރުކަޒުގަ އެވެ. އޭނާ އޮތީ މަރުވެފަ އެވެ.

އިބްތިހާލު ބެލި ޑޮކްޓަރުންގެ ހެކި ބަސް ވެސް ނަގާފައިވާއިރު އިބްތިހާލަށް ލިބުނު އަނިޔާތަކުގެ ތަފްސީލާއެކު ރިޕޯޓްތައް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ރިޕޯޓްތަކުގައިވާ ގޮތުން އިބްތިހާލުގެ ހަށިގަނޑުގެ އެތައް ތަނެއްގައި ދުވަސްވީ އަދި ތާޒާ ޒަހަމްތައް ހުއްޓެވެ. އަދި އޭނާގެ ބަނޑަށް ލޭ އެޅި، މޭކަށިގަނޑު ވެސް ބިނދިފައިވެ އެވެ. ކަރުގައި ނިޔަފަތީގެ ނިޝާންތައް ވެސް ހުއްޓެވެ. އެހެންވެ ޑޮކްޓަރުން ބުނެފައިވަނީ އިބްތިހާލު މަރުވީ ނޭވާ ހާސްކޮށްލުމުން ކަމަށެވެ. އަދިި ބަނޑަށް ލޭ އެޅުމުގެ ވެސް ސަބަބުން ކަމަށެވެ. ބަނޑަށް ލޭ އެޅިފައިވަނީ ލިބުނު ބޮޑު އަނިޔާއެއްގެ ސަބަބުން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ވެސް ހެދި އެވެ. ޑރ. ނާޒް ހެދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ފާހަގަވި އެވެ. އެކަމަށް ބޭސް ވެސް ދިނެވެ. ޑރ. ނާޒް ފާހަގަ ކުރައްވާ ގޮތުގައި އޭނާ އިބްތިހާލަށް އަނިޔާ ކޮށްފައިވަނީ އަމިއްލަ އިހްތިޔާރުގަ އެވެ.

މިކަންކަން މިހެން ހުރުމުން އާފިޔާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ މިއީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށަކަށްވާއިރު އެ ކުށް ސާބިތުވުމަށް އިސްލާމީ ޝަރީއަތުގައިވާ ރުކުންތައް ވެސް މި މައްސަލާގައި ފުރިހަމަވާ ކަމަށެވެ. އެގޮތުން އިބްތިހާލަކީ ލޭ ހަލާލު މީހެއް ނޫން ކަމާއި އޭނާ މަރުވީ އާފިޔާ ދިން އަނިޔާތަކުގެ ސަބަބުންކަން ސާބިތުވާ ކަމަށެވެ. އަދި އިބްތިހާލު މަރާލުމުގެ ނިޔަތް އާފިޔާގެ އެބަ އޮތްކަން އެނގޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ގާނޫނުލްއުގޫބާތުގެ ފަސްވަނަ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ. އިސްލާމީ ޝަރީއަތުގައި އާފިޔާގެ ކުށަށް އޮތް އަދަބަކީ މަރުގެ ދިޔަ އާއި ކައްފާރާ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އާފިޔާގެ މައްޗަށް އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅޭ މިންވަރަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މި މައްސަލަ ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއްވެސް ޝައްކެއް މިންވަރަށް ސާބިތުވާ ކަމަށް ގާޒީއަށް ގަބޫލު ނުކުރެވޭނަމަ، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ މިންވަރަށް ސާބިތުވާ ކަމަށް ގަބޫލު ކުރެވޭނަމަ ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ވެސް އޮންނާނެ ކަމަށެވެ. ތައުރީޒީ އަދަބުގެ ގޮތުގައި އާންމުކޮށް ދެނީ ޖަލު ހުކުމެވެ. މި ކުށަށް އޮންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލާގައި މީގެކުރިން ވަނީ އިބްތިހާލުގެ ވާރިސެއްގެ ގޮތުން އާފިޔާގެ މަންމަގެ ހެކި ބަސް ނަގާފަ އެވެ. އޭނާ ބުނެފައިވަނީ އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށެވެ. އިބްތިހާލުއަކީ ބައްޕައެއް ނެތް ކުއްޖެއް ކަމުން ދެން އޭނާގެ ވާރިސުންގެ ގޮތުގައި ތިބީ އާފިޔާގެ އަނެއް ދެ ދަރިން އެކަންޏެވެ.

އާފިޔާގެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ ދައުލަތުގެ ހުލާސާ ބަޔާން އިއްވާ ނިންމުން އާފިޔާއަށް ފުރުސަތު ދީފަ އެވެ. ފުރަތަމަ ތެދުވެ އޭނާ ބުނީ "ނެތް" ކަމަށެވެ. ނަމަވެސް މިއީ އެންމެ ފަހު ފުރުސަތު ކަމަށް ގާޒީ ދެންނެވުމުން އާފިޔާ ބުނީ، "ގަސްދުގައި ކުއްޖަކު ނުމަރަން" ކަމަށެވެ. އަދި "އަނިޔާއެއް ވެސް ނުކުރަން" ކަމަށެވެ. ދެން ބުނީ "ޑޮކްޓަރުންގެ ރިޕޯޓްގައި ހުރީ ހުސް ދޮގު، އެކި ފަހަރު އެކި ގޮތަށް ޝަރީއަތުގައި ބުނަނީ" މިހެނެވެ. އިތުރު ވާހަކައެއް އެބައޮތްތޯ ދެން ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ، "ދެން ނެތް" ކަމަށެވެ.

އެހާ ހިސާބުން މި މައްސަލާގެ އަޑުއެހުންތައް ނިންމާލެއްވީކަން ގާޒީ އިއުލާން ކުރެއްވި އެވެ. އަދި މި މައްސަލާގައި އަންނަ މަހުގެ 12 ވަނަ ދުވަހު ހުކުމް ކުރުމަށް އަޑުއެހުން ތާވަލު ކުރެއްވި އެވެ. އިބްތިހާލު މަރާލާފައިވަނީ 2015 ވަނަ އަހަރު އެވެ.