އަނިޔާވެރި ގޮތަކަށް މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާކުރި ކަމަށް ބުނެ އޭނާގެ މަންމަ އާފިޔާ މުހައްމަދު މަނިކު މީގެކުރިން ތަހުގީގާއި ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފް އަނބުރާ ގެންގޮސްފި އެވެ. އާފިޔާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި އިއުތިރާފްވީ މާފުށީ ޖަލުގައި އޭނާއަށް ބަޔަކު ބިރު ދައްކާތީ ކަމަށެވެ.
އެތައް އަނިޔާއެއް ދިނުމަށްފަހު އިބްތިހާލު މަރާލާފައިވަނީ 2015 ވަނަ އަހަރު އެވެ. އެ މަރާ ގުޅިގެން މަންމަ އާފިޔާގެ މައްޗަށް އުފުލީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި އެތައް ފަހަރަކު އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި އިބްތިހާލަށް އަނިޔާ ކުރަނީ އެއީ "ބައްޕަ ނެތް" ކުއްޖަކަށް ވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.
އޭނާ ތަހުގީގުގައި ވެސް އިބްތިހާލު މަރުވި ދުވަހު ކުރި އަނިޔާތައް ވަރަށް ތަފްސީލްކޮށް ކިޔައިދީފައިވެ އެވެ. އަދި ތަހުގީގުގައި ބުދެއް ބޭނުންކޮށްގެން އިބްތިހާލަށް ދިން އަނިޔާތައް ދައްކާފައިވެސްވެ އެވެ. އެ ތަހުގީގު ބަޔާން ޝަރީއަތުގެ މަޖިލީހުގައި އިއްވުމުން އެއީ ތެދެއް ކަމަށް ވެސް އާފިޔާ ބުނެފައިވެ އެވެ.
ނަމަވެސް މިއަދު އާފިޔާގެ ވާހަކަތައް އެއްކޮށް ވަނީ ބަދަލުވެފަ އެވެ. އާފިޔާ މިއަދު ބުނީ، އިބްތިހާލަށް އޭނާ އަނިޔާކޮށްފައިނުވާނެ ކަމަށެވެ. އޭނާ ކުރިން އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފްވީ ބަޔަކު ބިރު ދައްކައި މަޖުބޫރުކޮށްގެން ކަމަށެވެ.
އިބްތިހާލަށް އަނިޔާކުރި ކަމަށް އާފިޔާ އިންކާރު ކުރީ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ފުރަތަމަ ހެކިވެރިޔާ ހެކި ބަސް ދީ ނިންމިތަނާ އެވެ. އެ ހެކިވެރިޔާ ދައްކާފައިވަނީ ހުސް ދޮގު ކަމަށް އޭނާ މިއަދު ބުންޏެވެ. މިއަދު ހެކި ބަސް ދީފައިވަނީ އާފިޔާގެ އަވަށްޓެރިއެއް ކަމަށްވާ ޝާމިލާ މުހައްމަދެވެ.
ތަޅާތަޅާ މަރާލާނެ ކަމަށް އާފިޔާ ބުނި: އަވަށްޓެރިޔާ
އޭނާ ހެކި ބަސް ދެމުން ވަނީ އިބްތިހާލާމެދު އާފިޔާ އަމަލުކުރާ ގޮތް އޭނާއަށް އެނގޭ މިންވަރުން ކިޔައިދީފަ އެވެ. ޝާމިލާ ބުނި ގޮތުގައި އާފިޔާއަކީ އޭނާގެ ގެއަށް އާންމުކޮށް ގޮސް އުޅޭ މީހެކެވެ. އޭނާ އަބަދުވެސް ގެއަށް އަންނަނީ ހަގު ދެ ދަރިން ގޮވައިގެން ކަމަށާއި ދޮންބެ (އިބްތިހާލު) ގޮވައިގެން އާފިޔާ ނޫޅޭ ކަމަށް ވެސް ބުންޏެވެ. --- ޝާމިލާ އިބްތިހާލާ މުހާތަބު ކުރަނީ ދޮންބެގެ ނަމުންނެވެ.
ދޮންބެ ގޮވައިގެން ނޫޅޭތީ ސުވާލުކުރުމުން އާފިޔާ ބުނަނީ އޭނާއަކީ ގޭގައި އިންނަ ކުއްޖެއް ކަމާއި އަބަދު ނިދާފަ އޮންނަ ކުއްޖެއް ކަމަށް ބުނާ ކަމަށެވެ. ދޭތެރެ ދޭތެރެއިން ދޮންބެ ވެސް އެ ގެއަށް ދާ ކަމަށާއި އެ ގެއަށް ގޮސްފިއްޔާ ގެއަށް ނުދާން އުޅޭ ކަމަށާއި ގެއަށް ދާން ބިރުން ވެސް އުޅޭ ކަމަށް ޝާމިލާ ބުންޏެވެ. އަދި، އެއް ދުވަހެއްގައި އިބްތިހާލުގެ ކުރިމަތި ފަރާތް ދުޅަވެފައި ހުއްޓާ ފެނުނު ކަމަށާއި އެކަމާ އާފިޔާއާ ސުވާލުކުރުމުން އެއީ ކުޅެނިކޮށް ތާކު ޖެހިފައި ކަމަށް ބުނި ކަމަށެވެ. އެހެން ދުވަހެއްގައި އިބްތިހާލުގެ އެކި ތަންތަނުގައި އަނިޔާގެ ނިޝާންތައް ހުއްޓާ ވެސް ފެނިފައިވާ ކަމަށެވެ.
ޝާމިލާ ބުނި ގޮތުގައި ދޮންބެއަކީ ބަސް ނާހާ، ތޮޅޭ ނުކާ ކުއްޖެއް ކަމަށް އާފިޔާ އަބަދުވެސް ބުނާ ކަމަށެވެ. ނަމަވެސް އޭނާއަށް ދޮންބެ ފާހަގަވީ ބަސް އަހާ މަޑުމަޑުން އިންނަ ކުއްޖެއް ކަމަށް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ ދޭ އެއްޗެއް ވިއްޔާ ކާ ކަމަށް ވެސް ބުންޏެވެ.
އެއް ދުވަހެއްގައި އިންތިހާލުގެ އަތުގައި ހިފައިގެން ދަމުން "ތަޅާ ތަޅާ މަރާލަންވީއޭ، އޭރަށް މީހުން ކިޔާނެ އެއްޗެއް ނޯންނާނެއޭ" އާފިޔާ ގޮވަމުން ދިޔަ ކަމަށް ވެސް ޝާމިލާ ބުންޏެވެ. އަދި އިބްތިހާލު މަރުވި ދުވަހުގެ ކުރީ ރޭ އާފިޔާ އޭނާގެ ހަގު އަންހެން ދަރި އީރާ (ދޮންތި) ގައިގާ ފަން ތޮށިގަނޑަކުން ޖެހުމުން ހޭނެތުނު ކަމަށް އާފިޔާ ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އެހެން ޝާމިލާ ބުނުމާއެކު އާފިޔާ އަނގަމަތީ އަތް އެޅި އެވެ. އަދި ބޯ ހޫރަމުން ދިޔަ އެވެ.
ދޮންބެ މަރުވި ދުވަހު އާފިޔާ ވަރަށް ގިނައިރު ވަންދެން އެ ގޭގައި ޓީވީ ބަލަން އިން ކަމަށާއި އޭނާ އެ ގެއަށް އައީ ދޮންތި އެކަނި ގޮވައިގެން ކަމަށެވެ. އެ ދުވަހު ވެސް ދޮންބެ ކޮބައިތޯ ސުވާލުކުރުމުން އާފިޔާ ބުނީ އޭނާ ގޭގައި ނިދާފަ އޮތް ކަމަށް ކަމަށެވެ. އަދި ގިނައިރުވާތީ ދޮންބެ ކައިރިއަށް ދިޔުމަށް އާފިޔާ ގާތު ބުނުމުން ވެސް ނުދިޔަ ކަމަށެވެ. އޭގެ ފަހުން އޭނާއަށް އާފިޔާ ނުފެންނަ ކަމަށް ބުންޏެވެ.
އެގެއިން އާފިޔާ ދިޔަތާ އިރުކޮޅެއްގެ ތެރޭގައި ކައުންސިލަރުންނާއި ހެލެތް ޕޯސްޓްގެ ބޭފުޅުން ދޮންބެއަށް ކަމެއް ވެއްޖެއޭ ކިޔަމުން އެގެއަށް ދިމާލަށް ދާ ތަން ފެނުނު ކަމަށާއި އޭނާ ވެސް އެމީހުން އެކީގަ ދިޔަ ކަމަށް ޝާމިލާ ބުންޏެވެ. އެކަމަކު ރަށުގެ މިސްކިތާ ހަމައަށް ދެވުނުއިރު މިސްކިތުގެ މަސައްކަތު މީހާ ދޮންބެ ބެޓްޝީޓަކަށް ލައިގެން އަތްމަތީ ގެންނަ ކަމަށް ބުންޏެވެ. ދޮންބެ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ކަނޑައަޅައި އަތާއި ފައި އެއްސިއިރު ވެސް އޭނާ ދޮންބެ ކައިރީގަ ހުރި ކަމަށާއި ކަންފަތާއި ކުރިމަތި ފަރާތަށް އަނިޔާވެފައިވާ ތަން ފެނުނު ކަމަށެވެ. އޭގެފަހުން އޭނާ ދިޔައީ ގެއަށް ކަމަށާއި އާފިޔާ އާއި ދޮންބެ އޭގެ ފަހުން ނުދެކޭ ކަމަށް ވެސް ބުންޏެވެ.
އިބްތިހާލު މަރާލަން ރަށު މީހުން ގޮވާ: އާފިޔާ
އޭނާ ހެކި ބަސް ދީ ނިމުމުން މައްސަލަ ބައްލަވާ ގާޒީ މުހުތާޒު ފަހްމީ ވަނީ އޭނާގެ ވާހަކަތަކާ ގުޅޭ ގޮތުން އާފިޔާ ދެކޭ ގޮތެއް އައްސަވާފަ އެވެ. ކޮޅަށް ތެދުވެ އެންމެ ފުރަތަމަ ވެސް "ހުސް ދޮގު" ކަމަށެވެ. އީރާގެ ގައިގާ އޭނާ ނުތަޅާ ކަމަށެވެ. އިބްތިހާލަށް އަނިޔާކުރިންތޯ ގާޒީ އެއްސެވުމުން ޝާމިލާ އެ ބުނާ ގޮތަށް އަނިޔާކޮށްފައިނުވާނެ ކަމަށެވެ.
ޖަލު ހެދުމުގައި ހުރި އާފިޔާ އިތުރަށް ވާހަކަ ދައްކަމުން ބުނީ، "އިބްތިހާލަކީ (ނަން އުނިކޮށްފައި)ގެ ދަރިއެކޭ، މަރާލަންޖެހޭ ކުއްޖެކޭ" އަވަށްޓެރިން ގޮވާ ކަމަށެވެ.
އިބްތިހާލު މަރުވި ދުވަހު ކަން ވީގޮތް ކައިދޭން ގާޒީ އެއްސެވި އެވެ. އާފިޔާ ބުނީ، އޭނާ އެ ދުވަހު ގެއިން ދިޔައީ ވަރަށް ރީއްޗަށް ގެ ކުނި ކަހާފަ ކަމަށާއި ގެއަށް އެނބުރި އައިއިރު ވަރަށް ގިނަ ބައެއްގެ ފިޔަވަޅުތައް ހުރި ކަމަށެވެ. އަދި އިބްތިހާލު އޮތީ ބަންޑުން ކަމަށާއި ނެޕީ ވެސް އޮތީ ނައްޓާލާފަ ކަމަށް އާފިޔާ ބުންޏެވެ.
އިބްތިހާލަށް އަނިޔާކުރިކަން ތަފްސީލްކޮށް ކިޔައިދިނުމަށްފަހު އަނިޔާ ނުކުރާ ކަމަށް މިހާރު ބުނަނީ ކީއްވެގެންތޯ ގާޒީ އެއްސެވުމުން އާފިޔާ ބުނީ، އޭނާ އެހެން އަނިޔާކުރި ކަމަށް ބުނީ މާފުށީ ޖަލުގައި އޭނާއަށް ބަޔަކު ބިރު ދައްކައި މަޖުބޫރު ކުރާތީ ކަމަށެވެ. ބިރު ދައްކައި ޖެއްސުން ކުރާ ކަމަށް ބުނެ ދެ މީހެއްގެ ނަން ވެސް އާފިޔާ މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުންޏެވެ. އެކަކަށް ބުނީ ކަރެކްޝަނަލް ސާވިސްގެ އަންހެން މުވައްޒަފެއްގެ ނަމެވެ. ދެން އޭނާ ބުނީ އާއިލާ މީހެއްގެ ނަމެވެ.
"ރޭގަނޑު ވަދޭ، ވަދެ ބިރު ދައްކަނީ، ނިދަން އުނދަގޫކޮށް ޖެއްސުން ކުރަނީ،" އާފިޔާ ބުންޏެވެ.
އާފިޔާ ބުނީ، އޭނާއަކީ އިސްލާމެއް ނޫން ކަމާއި މަރަންޖެހޭ މީހެއް ކަމަށް އެ މީހުން ބުނާ ކަމަށެވެ. އެއީ މަޖުބޫރުކުރުން ކަމާއި ބިރު ދެއްކުން ކަމަށް އާފިޔާ ސިފަކުރި އެވެ.
އެކަމާ ގުޅިގެން ދައުލަތުގެ ވަކީލުން އާފިޔާ ގާތު ގިނަ ސުވާލުތަކެއް ކުރެއްވި އެވެ. ކުރިން މަޖުބޫރުކުރި ވާހަކަ ނުދައްކާ މިހާރު އެ ވާހަކަ ދައްކަނީ ކީއްވެތޯ އެއްސެވުމުން އާފިޔާ ބުނީ، "އޭރު ހީކުރަނީ އެއީ މަޖަލަށް" ކުރާ ކަމެއް ކަމަށެވެ. އެކަމަކު އޭނާ އިބްތިހާލަށް އަނިޔާކުރި ކަމަށް އިއުތިރާފްވީ އެމީހުން އެގޮތަށް މަޖުބޫރުކުރާތީ ކަމަށެވެ.
ތަހުގީގުގައި ފުލުހުން ސުވާލުކުރުމުން އިބްތިހާލަށް އަނިޔާކުރި ކަމާއި ބުދެއް ބޭނުންކޮށްގެން އިބްތިހާލަށް ދިން އަނިޔާތައް ކިޔައިދިނީ ކީއްވެގެންތޯ އެއްސެވުމުން އާފިޔާ ބުނީ، ފުލުހުންގެ އައިއޯ ބުނީ ޑްރާމާއެއް ކުޅުމަށް ކަމަށާއި އެހެންވެ އޭނާ އެ ޑްރާމާ ކުޅުނީ ކަމަށެވެ. އަދި ތަހުގީގުގައި ފުލުހުން ސުވާލެއް ނުކުރާ ކަމަށާއި ހަމައެކަނި ދިނީ ސޮއިކުރަން ކަމަށް ވެސް ބުންޏެވެ.
ޝަރީއަތުގެ މަޖިލީހުގައި ހުރިހާ ކަމަކަށް އެއްބަސްވީ އިންކާރުކުރުމުގެ ހައްގެއް އޭނާއަށް ނޯންނާނެ ކަމަށް ބުނެ ބިރު ދައްކާފައިވާތީ ކަމަށް ވެސް އާފިޔާ ބުންޏެވެ.
އާފިޔާގެ މިއަދުގެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވަނީ އެ މައްސަލާގައި ހުށަހަޅާފައިވާ ހުރިހާ ހެއްކެއް ހާޒިރުކޮށްދޭން އެދިފަ އެވެ. އާފިޔާ ކުށަށް އިއުތިރާފްވެފައިވާތީ މައްސަލާގައި ދައުލަތުން ހެކި ބަސް ނަގައިދިނުމަށް ކުރިން އެދުނީ އެންމެ ތިން ހެކިވެރިންގެ އެވެ. ނަމަވެސް މިއަދު ދައުލަތުން ބުނީ، މައްސަލަ ދެން ސާބިތު ކުރެވޭނީ ހުށަހަޅާފައިވާ 19 ހެއްކަށް ވެސް ރިޔާއަތްކޮށްގެން ގަބޫލުކުރައްވާތީ ހުރިހާ ހެއްކެއްގެ ހެކި ބަސް ނަގައިދިނުމަށް އެދޭ ކަމަށެވެ. ގާޒީ ވަނީ އެކަން ބަލައިގެނެ، ހުރިހާ ހެކިންގެ ހެކި ބަސް ނަގަން ނިންމަވާފަ އެވެ.