ހަބަރު

އިބްތިހާލް މަރުގެ މައްސަލައިގެ ހުކުމް މާދަމާ

ވ. ރަކީދޫގެ ގެ އެއްގެ ތެރޭގައި ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ މަންމަގެ މައްޗަށް ހުކުމް ކުރުން މާދަމާ އަށް ތާވަލް ކޮށްފި އެވެ.

އުމުރުން އެންމެ ދެ އަހަރުގެ މުހައްމަދު އިބްތިހާލު މަރާލި މައްސަލާގައި އާފިޔާގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފަ އެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާ އެވެ. މި ދެ ދައުވާއަށް މިހާރު އާފިޔާ އިންކާރު ކުރެ އެވެ. ނަމަވެސް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި މީގެކުރިން ދައުވާއަށް އިއުތިރާފުވެފައިވެ އެވެ.

މި ދައުވާތަކުގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ މަހު ކުރިމިނަލް ކޯޓުން ވަނީ ނިންމާފަ އެވެ. މާދަމާ މެންދުރު 2:00 އަށް ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވަނީ މި މައްސަލާގައި އޭނާގެ މައްޗަށް ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމެވެ.

އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލާގައި ފާހަގަވި ކަންކަން ވަރަށް ތަފްސީލްކޮށް ހުށަހަޅުއްވާފަ އެވެ. އެގޮތުން އާފިޔާގެ އިއުތިރާފާ ގުޅޭ ކަންކަމުގައި ދައުލަތުން ދެކޭ ގޮތް ތަފްސީލް ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ އާފިޔާ ތަހުގީގު މަރުހަލާގައި ވެސް ބަންދު މަޖިލީހުގައި ވެސް އަދި ޝަރީއަތުގައި ވެސް އިބްތިހާލަށް އަނިޔާކޮށް މަރާލި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

އޭގެ ސަބަބެއް ކަމަށް ވިދާޅުވީ އާދަމް ދަރިއެއްގެ ހައްގު އެކުލެވޭ ކަމެއްގައި ވެވޭ އިއުތިރާފަކީ ރުޖޫއަ ނުކުރެވޭނެ އިއުތިރާފެއް ކަމަށް އިސްލާމީ ޝަރީއަތުގައި އޮތުމުންނެވެ. އަދި އާފިޔާ ވެފައިވާ އިއުތިރާފަކީ ހުރިހާ އިޖުރާއަތެއް ފުރިހަމަވެ، އެއްވެސް ނުފޫޒެއް ނެތި ވެފައިވާ އިއުތިރާފެއް ކަމަށް ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި އާފިޔާ އިއުތިރާފު އަނބުރާ ގެންދިޔަ ނަމަވެސް އޭނާގެ އިއުތިރާފު ބަޔާން ވަނީ މި މައްސަލާގައި މަހުލަރު ކުރެވިފައި ކަމަށާއި އަދި އެއަށް ބާރުދޭ ހެކިތައް ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ. ދައުލަތުގެ ފަރާތުން މި މައްސަލާގައި ގިނަ ޝަފަވީ އަދި ކިތާބީ ހެކި ހުށަހެޅި އެވެ. އެ ހެކިތަކާ ގުޅޭ ގޮތުން ދައުލަތަށް ފާހަގަވި ކަންކަން ވެސް ތަފްސީލް ކުރެއްވި އެވެ.

އެގޮތުން އާފިޔާ، އެހެން ދަރިންނާ އިބްތިހާލު ތަފާތު ކުރާ ކަމާއި އަނިޔާކުރާކަން އެނގޭ، އޭނާގެ އަވަށްޓެރިންނާއި ރައްޓެހިން ހެކި ބަސް ދީފައިވާކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެމީހުން ވަނީ އިބްތިހާލުގެ އެކި ހާދިސާތައް ހިއްސާކޮށްފަ އެވެ. އޭގެއިތުރުން އާފިޔާގެ ފިރިމީހާ ވެސް މައްސަލާގައި ހެކި ބަސް ދެމުން "މަންމަ ޖަހަނީ" ކަމަށް އިބްތިހާލު ބުނާ ކަމަށް ވެސް ބުނެފައިވެ އެވެ.

އާފިޔާގެ ނަފްސާނީ ބަލި ހުރިތޯ ބެލުމަށް ޓެސްޓްތަކެއް ވެސް ހެދި އެވެ. ޑރ. ނާޒް ހެދި އެ ޓެސްޓްތަކުން ދައްކާ ގޮތުގައި އަމިއްލަ އިހްތިޔާރު ގެއްލޭ ފަދަ ނަފްސާނީ ބައްޔެއް އާފިޔާގެ ނެތެވެ. ނަމަވެސް ޑިޕްރެޝަން އާއި އެންޒައިޓީ އަދި ރުޅި ކޮންޓްރޯލް ނުވުން ފާހަގަވި އެވެ. އެކަމަށް ބޭސް ވެސް ދިނެވެ. ޑރ. ނާޒް ފާހަގަ ކުރައްވާ ގޮތުގައި އޭނާ އިބްތިހާލަށް އަނިޔާ ކޮށްފައިވަނީ އަމިއްލަ އިހްތިޔާރުގަ އެވެ.

މިކަންކަން މިހެން ހުރުމުން އާފިޔާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ މިއީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ ކުށަކަށްވާއިރު އެ ކުށް ސާބިތުވުމަށް އިސްލާމީ ޝަރީއަތުގައިވާ ރުކުންތައް ވެސް މި މައްސަލާގައި ފުރިހަމަވާ ކަމަށެވެ. އެގޮތުން އިބްތިހާލަކީ ލޭ ހަލާލު މީހެއް ނޫން ކަމާއި އޭނާ މަރުވީ އާފިޔާ ދިން އަނިޔާތަކުގެ ސަބަބުންކަން ސާބިތުވާ ކަމަށެވެ. އަދި އިބްތިހާލު މަރާލުމުގެ ނިޔަތް އާފިޔާގެ އެބަ އޮތްކަން އެނގޭ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ގާނޫނުލްއުގޫބާތުގެ ފަސްވަނަ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، އިސްލާމީ ޝަރީއަތުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ އުގޫބާތް އެމީހެއްގެ މައްޗަށް ކަނޑައަޅަންވާނެ ކަމަށެވެ. އިސްލާމީ ޝަރީއަތުގައި އާފިޔާގެ ކުށަށް އޮތް އަދަބަކީ މަރުގެ ދިޔަ އާއި ކައްފާރާ އެވެ. ދައުލަތުގެ ވަކީލް ވިދާޅުވީ އާފިޔާގެ މައްޗަށް އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅޭ މިންވަރަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މި މައްސަލަ ދައުލަތަށް ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެއްވެސް ޝައްކެއް މިންވަރަށް ސާބިތުވާ ކަމަށް ގާޒީއަށް ގަބޫލު ނުކުރެވޭނަމަ، ގާނޫނު އަސާސީގެ 51 ވަނަ މާއްދާގައި ބުނާ އެކަށީގެންވާ މިންވަރަށް ސާބިތުވާ ކަމަށް ގަބޫލު ކުރެވޭނަމަ ތައުޒީރީ އަދަބެއް ކަނޑައެޅުމުގެ ބާރު ވެސް އޮންނާނެ ކަމަށެވެ. ތައުރީޒީ އަދަބުގެ ގޮތުގައި އާންމުކޮށް ދެނީ ޖަލު ހުކުމެވެ. މި ކުށަށް އޮންނާނީ 10 އަހަރުގެ ޖަލު ހުކުމެކެވެ.

އެ އަޑުއެހުމުގައި ގާޒީ ވަނީ މި މައްސަލާގައި އިތުރު އެއްޗެއް ބުނުމަށް ފަހު ފުރުސަތު ދީފަ އެވެ. އެ ފުރުސަތުގައި އާފިޔާ ބުނީ، "ގަސްދުގައި ކުއްޖަކު ނުމަރަން" ކަމަށެވެ. އަދި "އަނިޔާއެއް ވެސް ނުކުރަން" ކަމަށެވެ. ދެން ބުނީ "ޑޮކްޓަރުންގެ ރިޕޯޓްގައި ހުރީ ހުސް ދޮގު، އެކި ފަހަރު އެކި ގޮތަށް ޝަރީއަތުގައި ބުނަނީ" މިހެނެވެ. އިތުރު ވާހަކައެއް އެބައޮތްތޯ ދެން ގާޒީ ސުވާލު ކުރެއްވުމުން އާފިޔާ ބުނީ، "ދެން ނެތް" ކަމަށެވެ.