ކޮވިޑް ޖެހުމަށްފަހު އެމީހާގެ ގައިން އެހެން މީހުންގެ ގަޔަށް ވައިރަސް އަރާ ކަމަށް ސައިންސްވެރިން ލަފާ ކޮށްފައިވަނީ އަށް ދުވަހުގެ މުއްދަތަށެވެ. ނަމަވެސް މިއާ ވަރަށް ތަފާތު ކޭހެއް މިހާރު ވަނީ ސައިންސްވެރިންނަށް ފާހަގަ ކުރެވިފަ އެވެ. ލޭގެ ކެންސަރު ޖެހިފައިވާ މި މީހާގެ ހަށިގަނޑުގައި ވައިރަސް 105 ދުވަސް ވަންދެން ހުއްޓެވެ. އަދި މި މީހާގެ ފަރާތުން މަދުވެގެން 70 މީހުންނަށް ބަލި ޖައްސާފައި ވެއެވެ. މިހާ ދުވަސް ވީއިރުވެސް އޭނާގެ ގައިން އެއްވެސް ވަރަކަށް ކޮވިޑްގެ އަލާމާތެއް ފެނުމަކާ ނުލަ އެވެ.
ޖާނަލް ސެލްގައި ޝާއިއުކޮށްފައިވާ މި ސްޓަޑީގައި ބުނެފައިވާ ގޮތުގައި ކޮވިޑް ޖެހޭ މީހުންގެ ގައިން އެހެން މީހުންނަށް ބަލި އަރަނީ ކިހާ މުއްދަތެއްގައިތޯ އެނގުން ވަރަށް މުހިއްމެވެ. ސަބަބަކީ އަދިވެސް ކޮވިޑްއާ ބެހޭ ގޮތުން ވަރަށް ގިނަ ކަންކަން އޮޅުން ފިލާފައި ނުވާތީ އެވެ.
"އަހަރެމެން މި ސްޓަޑީ ފެށިއިރަކު އެއްގޮތަކަށް ވެސް ނޭނގޭ ކިހާ ދުވަހެއް ވަންދެން ކަމެއް ވައިރަސް އަރާފައި ހުންނަ މީހުންގެ ގައިން އެހެން މީހުންގެ ގަޔަށް ވައިރަސް އަރަމުން ދަނީކީ،" އެމެރިކާގެ ސައިންސްވެރިއަކު ވިދާޅުވި އެވެ.
ވައިރަސް ފެތުރެމުންދާއިރު ވަށައިގެންވާ މާހައުލުގައި އުޅޭ މީހުންގެ ތެރެއިން ދިފާއީ ބާރު ކުޑަ މީހުންގެ ގަޔަށް ވައިރަސް އަރަމުންދާނެ. އެހެންވެ އާބާދީއެއްގައި މިބަލި ފެތުރޭ ގޮތް އެނގުން ވަރަށް މުހިއްމު،" ސައިންސްވެރިޔާ ވިދާޅުވި އެވެ.
ކޮރޯނާވައިރަސް 105 ދުވަސް ވަންދެން ހުރި މީހަކީ އެމެރިކާގެ ވޮޝިންޓަންގެ ކިރްކްލެންޑްގައި ދިރިއުޅޭ 71 އަހަރުގެ މީހެކެވެ. އޭނާއަށް ބަލި ޖެހުނީ ކޮވިޑް ބަލިމަޑުކަން ފެށުނުތާ ވަރަށް ކުރީކޮޅު އެވެ. އަދި އޭގެ ފަހުން އެތައް ހަފުތާއެއް ވަންދެން ޓެސްޓްކުރިއިރު ވެސް އޭނާ އެ ބައްޔަށް ޕޮޒިޓިވް ކަމަށް ސްޓަޑީ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
އުމުރުން 71 އަހަރުގެ މި އަންހެންމީހާ އަކީ ލޭގެ ކެންސަރަށް ފަރުވާ ކުރަމުންދާ މީހަކަށް ވާތީ އޭނާގެ ހަށިގަނޑުގެ ދިފާއީ ބާރުހުރީ ވަރަށް ދަށްކޮށެވެ. ނަމަވެސް ބަލީގެ އެއްވެސް ނިޝާނެއް އޭނާގެ ހަށިގަނޑަކުން ނުފެނެ އެވެ.
އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މާ ބޮޑަށް ލޭ މަދުވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރަންވެގެން ހެދި ޓެސްޓުންނެވެ.
"މިއީ ހަމަ ވެދާނެ ގޮތެއް ކަމަށް ސައިންސްވެރިން ކުރިން ވެސް އޮތީ ގަބޫލުކޮށްފަ. ނަމަވެސް މިފަދަ ކޭހެއް މީގެ ކުރިން ފެނިފައެއް ނެތް. އޭނާގެ ހަށިގަނޑުގައި ކޮވިޑަށް އަށަ ނުގަނެވުނުއިރު އެ ބަލީގެ ދިފާއުގައި އުފެދޭ އެންޓިބޮޑީޒް ވެސް އުފެދިފައެއް ނެތް،" މި ސްޓަޑީގައި މަސައްކަތް ކުރެއްވި ސައިންސްވެރިޔާ ވިދާޅުވި އެވެ.