ހަބަރު

ރިޒާވް ނެތިކޮށްލައި، ބޭރަށް ސަލާން ޖެހުން ސިސްޓަަމަކަށް ހަދައިފި: ޖަމީލް

ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާން ޖެހުމަކީ ސިސްޓަމަކަށް ހަދާފައި ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.

ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ރިއާޔަތްކޮށް، ފިޗު ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީސީ" އަށް ބަދަލު ކުރުމާ ގުޅިގެން، ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުން ބޮލުގައި ދަރަނި ނާޅުވާނެ ކަމަށް ބުނި އެމްޑީޕީން މިވަނީ ގައުމުގެ ރިޒާވް ނެތިކޮށްލައި ބޭރަށް ސަލާންޖެހުން ސިސްޓަމަކަށް ހަދާފައިވާ ކަމަށެވެ.

އިތުރަށް ވިދާޅުވީ ފިޗުން ކްރެޑިޓް ރޭޓިން ދަށްކުރުމުން ރައްޔިތުންނަށް ތަކްލީފް ބޮޑު ކަމަށާ، އެތައް ޖީލަކަށް އިގްތިސާދު ފުނޑުފުނޑުވެގެން ދާނެ ކަމަށް ވާނެ ކަމަށެވެ.

ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 2016 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ، ހޮންކޮންގްގެ ފިޗް ރޭޓިން އިން ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގެ ރޭޓިން "ބީ" ނެގެޓިވް އައުޓްލުކް އިން "ސީސީސީ" އަށް ބަދަލުކޮށްފަ އެވެ. މި ބަދަލު ގެނައި މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމަށް ކުރިމަތިވެފައިވާ މަތިތަކުގެ ސަބަބުން އިގްތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާއި ކޮވިޑް-19 ގެ ސަބަބުން މިހާލަތުގައި ރާއްޖޭގެ ދަރަނި މަތިވަމުން ދިއުން ހިމެނެ އެވެ.

"ސީސީސީ" ރޭޓިން ދެނީ އާއްމު ގޮތެއްގައި ދެނީ ދަރަނި މަތިވަމުން ދާތީ އެވެ. މި ރޭޓިންއިން އަންގައި ދެނީ އިންވެސްޓް ކުރަން އެ ތަނެއްގައި ރިސްތަކެއް ހުރި ކަމެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ނެރުމާއެކު ރޭޓިން ގަބޫލު ކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ ސޮވެރިން ޑިފޯލްޓަކަށް ނުދާ ކަމަށާ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށެވެ. ކޮވިޑްގެ ހާލަތު ސަރުކާރުން މެނޭޖްކޮށްފައިވާ ކަމަށާ އިގްތިސާދީ ހަރަކާތްތައް ފެށި މާލީ ގޮތުން ރާއްޖެ ހަމަޖެހެމުންދާ ކަމަށެވެ. އަދި ފިޗުގެ ރޭޓިން ގަބޫލުކުރަން ދެކޮޅު ހަދާ އެސެސްމެންޓްތައް ގަބޫލުކުރަން ދަތި ކަމަށް ވަނީ ބުނެފައިވެ އެވެ.