ވައްކަން

ރޫޓުގެ ފައިސާ ފޭރުން: ތިން މީހަކު ހައްޔަރުކޮށްފި

ރޫޓު ފޭރުމުގައި އެހީވެދިން ކަމަށް ތުހުމަތު ކުރާ ތިން މީހެއް ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ރޫޓުގެ ފައިސާތައް ފޭރުނު މީހުނަށް އެހީވެދީ އެ އަމަލު ހިންގުމަށް ރާވައި އަމަލުގައި ބައިވެރިވީ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ތިން މީހުންގެ ފޮޓޯ އާއި މައުލޫމާތުވެސް ފުލުހުން ވަނީ އާއްމުކޮށްފަ އެވެ.

އެ ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުޙައްމަދު މާހީން މަދީޙް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަޙްމަދު މާހިލް ސަޢީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުޙައްމަދު އަޒުމީން (30އ) އެވެ.

ފުލުހުން ބުނީ، ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ވަނީ ފޭރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ހަތަރު މީހެއްގެ ވަނަވަރުވެސް އާއްމުކޮށްފަ އެވެ. އެ ހަތަރު މީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެން ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

ރޫޓުގެ އޮފިޝަލެއް މީގެ ކުރިން ބުނި ގޮތުގައި، އެ ފައިސާތަކުގެ އަދަަދު 4.5 މިލިއަނަށް އަރާނެ އެވެ.