ހަބަރު

ކުންފުނިތަކުން ސަރުކާރުގެ ހިއްސާ ކުޑަކޮށް ޕްރައިވަޓައިޒް ކުރަނީ

ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާ ކުޑަކޮށް ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ރައްޔިތުން މަޖިލީހަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން، ވިޔަފާރިތަކުގައި ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމަކީ އާމްދަނީ އިތުރުކުރަން އަންނަ އަހަރު ސަރުކާރުގެ އަމާޒެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ.

އަމީރު ވިދާޅުވީ ސަރުކާރުގެ ހިއްސާކުޑަކޮށް ޕްރައިވެޓައިޒްކުރުމުގެ ބޭނުމަކީ، އެ ކުންފުނިތަކަކީ ހިންގުން ރަނގަޅު އަދި ފައިދާ ނެރޭ ކުންފުނިތަކަކަށް ހެދުން ކަމަށެވެ.

މިގޮތުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކަމުން އަންނަނީވެސް ޕްރައިވެޓް ސެކްޓަރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ސްޓޮކްމާކެޓުގައި ލިސްޓުކުރެވިފައިވާ ކުންފުނިތައްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އެހެންކަމުން ވަކި އުސޫލެއްގެ ދަށުން، މި ދިމާލަށް ކުންފުނިތައް ދީލައިލުމަކީ މުސްތަގުބަލަށް މުހިއްމުކަމެއް. އަދި އެކި ދިރާސާ ރިޕޯޓްތަކުގެ ރިކޮމެންޑޭޝަނެއް،" އަމީރު ވިދާޅުވި އެވެ.

މިގޮތުން، އެހެންކަމުން ކުންފުނިތައް ލިސްޓުކުރުމާއި، ސްޓްރެޓިޖިކް ޕާޓްނަރުން ހޯދުމާއި، ޕްރައިވެޓައިޒްކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ޕްލޭންތައް ބަޖެޓުގައި ހިމަނާފައިވާއިރު، އެކަމުން 462.6 މިލިއަން ރުފިޔާ އަންނަ އަހަރުގެ އާމްދަނީއަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް މިއަދު އަމީރު ހުށަހެއްޅުވިއިރު، އާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ބަޖެޓަށް ހޯދާ ފައިނޭންސްގެ ބޮޑުބައެއް ހޯދުމަށް ރޭވިފައިވަނީ ރާއްޖެއިން ބޭރުންނެވެ.

މިގޮތުން އަންނަ އަހަރު ކުރިން އެއްބަސްވެފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ އިސްލާމިކް ސުކޫކާއެކު 100 މިލިއަން ޑޮލަރުގެ ގްރީން ބޮންޑެއް ވިއްކުމަށް މަސައްކަތް ކުރެވޭނެކަމަށް އަމީރު މިއަދު ހާމަކުރެއްވި އެވެ.

އަދި ދޭދޭ ގައުމުތަކުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތައް މެދުވެރިކޮށް 150 މިލިއަން އެމެރިކާ ޑޮލަރު ހޯދުމަށް ބަޖެޓުގައި ވަނީ ރާވައިފަ އެވެ.

މީގެ އިތުރުން ރާއްޖޭގެ އެތޭރޭގެ މާކެޓަށް ޓްރެޜަރީ ބިލާއި ބޮންޑު ވިއްކައިގެން ނެޓް ފައިނޭންސިން ގޮތުގައި 3.7 ބިލިއަން ރުފިޔާގެ ފައިސާ އިތުރަށް ހޯދުމަށް ވަނީ ހިމަނާފައި އެވެ.