އާސެނަލް

އާސެނަލްގައި އާޓެޓާގެ އެންމެ ދަށް ނަތީޖާ

އެސްޓަން ވިލާ އަތުން 3-0 ރޭ ކުރިމަތިވި ބައްޔަކީ ކޯޗެއްގެ ގޮތުގައި އޭނާ ކުރިމަތިލި އެންމެ ގޯސް ނަތީޖާ ކަމަށް، އާސެނަލްގެ ކޯޗް މިކަލް އާޓެޓާ ބުނެފި އެވެ.

ވިލާގެ ފުރަތަމަ ލަނޑަކީ، ފުރަތަމަ ހާފުގައި އާސެނަލްގެ ބުކާޔޯ ސަކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަނެއް ދެ ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބު ކުރީ އޮލީ ވަޓްކިންސް އެވެ. އާޓެޓާ ބުނީ، މެޗުގެ ހުރިހާ ކަމެއްގައި އާސެނަލް ފެނުނީ ވިލާއަށް ވުރެ ދަށް ކޮށް ކަމަށެވެ. އޭނާ ބުނީ އޭނާގެ ޓީމުގެ ކުޅުމެއް ނުފެނުނު ކަމަށެވެ.

"އަހަރެމެން ޓީމަށް ވުރެ އެ ޓީމުން މެޗުން މޮޅުވާން ބޭނުންވާކަން ހާމަ ކުރި،" މެޗުން ފެނުނު މަންޒަރު ސިފަ ކުރަމުން އާޓެޓާ ބުންޏެވެ. "އަހަރެން މިއުޅެނީ އަހަރެމެންނަށް މިހެން ދިމާންވާންވީ ކިހިނެއް ކަމެއްވެސް ނޭންގިގެން. ހަމަގައިމު ވެސް ސަބަބުތަކެއް ހިމެނޭނެ. ޕެނަލްޓީ އޭރިއާގެ ތެރޭގައި ދިފާއު ނުކުރެވެންޏާ މެޗުން މޮޅުވުމަކީ އުނދަގޫ ވާނެ ކަމައް. ލަނޑު ޖަހާނެ މާގިނަ ފުރުސަތުތަކެއް އަހަރެމެން ނުލިބޭނެ. ފުރުސަތުގެ ބޭނުމެއް ނުކުރެވެންޏާ ފުރުސަތަކަށް ނުވާނެ."

އާސެނަލް މެޗުން ބަލިވެ އެ ޓީމު ވަނީ ތާވަލުގެ މެދުތެރެއަށް ވުރެވެންވެސް ތިރިއަށް ވެއްޓިފަ އެވެ. މިޑްފީލްޑާ ތޯމަސް ޕާޓޭ ވަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާގައި ފުރުތަމަ ހާފުގައި ބަދަލު ކޮށްފަ އެވެ.

އާޓެޓާ ބުނީ، މެޗުގެ ފުރަތަމަ ކަށިގަނޑުން ފެށިގެން އާސެނަލްގެ ޓީމުގެ ފަރާތުން ބަރާބަރަށް އެއްވެސް ކަމެއް ނުދާ ކަމަށެވެ. "އަހަރެން ޝައުގުވެރިވި އެއްވެސް ކަމެއް މެޗުން ނުފެނުނު." އާޓެޓާ ބުނެފައި ވެ އެވެ.