ބުކްރިވިއު

"ދާމިރު އެންޑް ދަ ހިޑްން އެޓޯލް" ފަސްތަރީގެ ފޮތެއް!

ކުޑައިރުގެ ހަނދާންތައް އާ ކުރާއިރު ޒުވާން ހަމްދާން އަބްދުލް ޣަނީގެ އެއް ހަނދާނަކީ ސްކޫލް ޗުއްޓީގައި އޭނާގެ ކާފަގެ ރަށް، އޭދަފުއްޓަށް ދާ ހަނދާނެކެވެ. އޭދަފުށީގެ ޗުއްޓީގެ ފޮނި ހަނދާނުން ނުފިލާ އެއް ކަމަކީ ކައީރީގާއި އޮންނަ ފަޅު ރަށެއް ކަމުގައިވާ މާއްޑޫއަށް ދާ ހަނދާނެކެވެ. އެއީ ރަށްފުށު ދިރިއުޅުން އޭނާއަށް ތަޖުރިބާކޮށްލަން ލިބުނު ދުވަސްތަކެކެވެ. އޭނާ 2019 އަހަރު ފުރަތަަމަ ފޮތެއް ނެރުނު އިރު އެ ވާހަކަ ފަށައި ދެނީ އޭދަފުށިންނެވެ.

ހިޔާލީ ވާހަކައެއްގައި ވެސް އަމިއްލަ ތަޖުރިބާ މުހިއްމެވެ. އެއީ އެ ވާހަކައެއްގައި ކިޔުންތެރިޔާ ގަންބާލައި ދެނީ ލިޔުންތެރިޔާ ގެންނަ ސިފަ ކުރުމުންނެވެ. ވާހަކަ ޝައުގުވެރި ކޮށްދެއެވެ. ކިޔާ މީހާގެ ބޮލުގައި ތަސްވީރެއް ކުރަހާލެވެ އެވެ. ދިވެހިރާއްޖޭ ހިނގާ ހާދިސާއެއްގެ ގޮތުގައި އިނގިރޭސި ބަހުން ހަމްދާން ލިޔެފައިވާ ހިޔާލީ ވާހަކަ "ދާމިރު އެންޑް ދަ ހިޑްން އެޓޯލް" އަކީ އޭނާގެ ފުރަތަމަ ލިޔުނު ވާހަކަ ފޮތެވެ.

ފައިނޭންސް ދާއިރާއިން ކިޔަވާފައިވާ ހަމްދާން 2019 ގެ ފޮތް ޗާޕަށް ލާފައިވާ އިރު މި ފޮތް މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެމޭޒަން އޭޝިއާގެ ޓޮޕް ޗާޓުތަކުގައި ކުރި ހޯދި އެވެ. ފޮތަކީ މުޅީން ހިޔާލީ ވާހަކައެކެވެ. ފޮތުގައި ކިޔައިދެނީ އެ ފޮތުގެ މެއިން ކެރެކްޓާ، ފުރާވަރަށް އަރަން ކައިރިވެފައިވާ ކުއްޖެއް ކަމުގައިވާ ދާމިރުގެ ވާހަކައެވެ.

ދާމިރު މަޑިއެއްލުމުގެ މުބާރަތަށް ދުރާލާ ތައްޔާރުވެ ހެދި މަޑި އޭދަފުށީ ކައިރީގައި އޮތް ފަޅުރަށް މާއްޑޫއަށް ވެއްޓި އެ ނަގަން ކޮއްކޮ މާލާ އާއި އެކުވެރި ސާރާ އާއެކު ކެނޯއެއްގައި ކުރާ ދަތުރަކަށް ފަހު ހިނގާ ގޮތް ނޭނގޭ ބިރުވެރިކަންތައްތަކެއްގެ ވާހަކަ އެވެ.

މިކަންކަން ހައްލުު ކުރުމަށް އެކުދިން ދޯންޏެއްގައި ދަތުރު ފަށާ ރާއްޖޭގައި މީގެ ކުރިން އެއްވެސް މީހަކަށް ނޭގި އޮންނަ އަތޮޅަކަށް ދެވި އިންސާނުން ނޫން އެހެން މަހުލޫގުންތަކެއް ކަމުގައިވާ "އެޓްލަންސް" ތަކަކާއި ބައްދަލު ވެއެވެ. އަދި ދާމިރުއަށް އޭނާގެ ކިބައިގައި ހުރި އާދާޔާ ހިލާފުކަންތައްތަކެއް ވެސް އެނގިގެން ދެެއެވެ.

ފޮތުގެ ލީޑް ކެރެކްޓާސް އަކީ ކުޑަކުދިން ކަމުގައި ވިއަސް ބޮޑެތި މީހުނަށް ވެސް ވަރަށް ކަމުދާ ކަހަލަ ކެެރެކްޓާރސްތަކެއް ހަމްދާން ވަނީ އެމީހުން ސިފަ ކޮށްފަ އެވެ. ފޮތް ކިޔާލާ ކޮންމެ މީހަކަށްހެން މި ތިން ބެސްޓްފްރެންޑުންނަށް ވަރަށް ހިތްޖެހޭ ކެރެކްޓާރސްތަކެކެވެ.

ޖިންނީންގެ ބާރު ދުނިޔޭގައި ގަދަވެ އިންސާނުންނާއި އެޓްލަންސް އެއްގަލަކަށް އަރައިގެން އެ ކަމުން ސަލާމާތްވާން ކުރާ ދަތުރެއްގެ ގޮތަކީ ފޮތުގެ މައިގަނޑު ޕްލޮޓްތަކެކެވެ. އުމުރުން އަށް އަހަރުން މައްޗަށް އޭނާ އަމާޒުކޮށް ނެރެފައިވާ ފޮތް ބޮޑު މީހެއް ކިޔާލަން ވެސް ކަމުދެއެވެ.

ފޮތް ލިޔެފައި ވަނީ ކިޔުންތެރިޔާ ފޮތާއި މެދު ޝައުގުވެރިކަން ނުގެއްލޭ ގޮތަށެވެ. އަދި ދެންވާނީ ކިހިނެއްތޯ އޮޅުންފިލުވުމަށް އެއްކޮޅުން އަނެއްކޮޅަށް ފޮތް ކިޔާލާ ހިތްވާ ގޮތަކަށެވެ. ފޮތާއި ގުޅޭގޮތުން ލިޔުންތެރިޔާ ހަމްދާން ބުނަނީ މިހާތަނަށް އެއްވެސް މީހަކު މި ވާހަކަ ހަޑިއެކޭ ނުބުނެ އެވެ. އެހެން ކަމުން އޭނާގެ މަސައްކަތް ބަލައިގެންފި އެވެ.

ހަމްދާނަކީ މެލެޝިއާ އިން ފައިނޭންސް ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށް އެ ދާއިރާގައި ކެރިއާ ބިނާ ކުރަމުން އައި މީހެކެެވެ. ފައިނޭންސް ދޫކޮށްލާ އަމިއްލަ މަސައްކަތެއް ކުރުމަށް އޭނާ ބޭނުންވީ ވާހަކަ ފޮތެެއްގެ މަސައްކަތް ފެށުމަށެވެ. މި 300 ސަފުހާގެ ފޮތް ސީރީސްއެއްގެ ގޮތުގައި އޭނާ ގެނެސް ދޭނެ އެވެ.

ރާއްޖޭއާއި ގުޅޭ ފެންޓަސީ ޖޯންރާގެ މި ފޮތަކީ އޭނާގެ މޮޅު ހިޔާލެކެވެ. އަބަދުވެސް ދިވެހިން ހުންނަ ކުޑަކުދިން ކިޔާލަން ކަމުދާ ކަހަލަ ވާހަކަ ނުހުރުުމުގެ ޝަކުވާ އަކީ އަަހަރުމެން އަޑުއަހާ ކަމެކެވެ. ދިވެހިނގެ އިތުރުން ބޭރު މީހުން ވެސް ރާއްޖެގެ ފޯކްލޯރަށް ޝައުގުވެރިވާ އިރު މި ވާހަކަ ފަތުރުވެރިންނަށް ވެސް ކަމުދާނެ ކަމުގައި ހަމްދާން ބުނެފައި ވެއެވެ.

"ފޮތުގައި ހިމެނޭނެ 80000 އެއްހާ ބަސް. އަހަރެންނަކީ މީގެ ކުރިން ފޮތެއް ލިޔުނު މީހެއް ނޫން. އެކަމު ބޭނުންވީ މި މަސައްކަތް ކުރަން. ފަހު ޗެޕްޓާ ފިޔަވާ ހުރިހާ ޗެޕްޓަރަކީ 100 ދުވަހުގެ މަސައްކަތް. ގިނަވަގުތު ލިޔަނީ ފަތިހުގެ ހަމަހިމޭން ވަގުތު. ފޮތުގެ ފުރަތަމަ ދިހަ ޗެޕްޓަރ އެއްކޮށް ލިޔެ ނިންމާލާ ދެން ބްރޭކެއް ނެގީ. ޑިސެެމްބަރު މަހު އެންމެ ފަހު ޗެޕްޓާ މި ލިޔުނީ"

ފެންޓަސީ ޖޮންރާގެ މި ފޮތުގައި އިންސާނުންނާއި ޖިންނިން އަދި ތާޑްޕާޓީއެއް ގެނައުމުގެ ހިޔަލާއެކު އެޓްލަންސް ގެނައުމުގެ ވިސްނުމާއި ގުޅޭގޮތުން ހަމްދާން ބުނި ގޮތުގައި ތިންވަނަ ބައެއް ގެނައުމަށް ނިންމީ ފޮތް އިތުރަށް އިންޓަރެސްޓް ކުރުމެވެ.

"ދިވެހިވަންތަކޮށްލުމަށް ޖިންނިގެ ބައި ހިމަނާލީ. ކުޑައިރު ވަރަށް ގިނައިން ފޮތް ކީން. ކިޔުންތެރިންނަށް ވެސް ޝައުގުވެރިކަން އުފެއްދުމަށް. ޖިންނިތައް މުޅި ދުނިޔެއާއި ދެކޮޅަށް އަދި އެރުމަށް މި މަސައްކަތް ކުރަނީ. މި ވާހަކަ ދެމިގެންދާނެ ފަސް ފޮތަށް. އެއީ މިހާރު ޕްލޭން ކޮށްފައި އޮތް ގޮތަކީ. ސްޕީޝީސް ގެ ތަޅާލުމަކަށް މި ދަނީ. އެޓްލަންސް އާއި ހިއުމަންސް އަދި ޖިންނި އަދި ދެ ތިން ބައެއް އުޅޭނެ. އެމީހުންގެ ވާހަކަތައް ކުރިއަށް ހުރި ފޮތްތަކުގައި އެނގިގެންދާނެ."

ހަމްދާންގެ މި ފޮތުގެ ދެވަނަ ޕްރިންޓެއް އާ ކަވަރަކާއެކު ވަރަށް އަވަހަށް ލިބޭނެ އެވެ. ކިޔުންތެރިންގެ އިންތިޒާރު މިހާރު އޮތީ މި ވާހަކައިގެ ދެވަނަ ބަަޔަށެވެ. ފޮތުގެ ދެވަނަ ބައިގެ ބޮޑުބައި މިހާރު އޮތީ ނިމިފަ އެވެ.

"އަދި މުޅިން އެއްކޮށް ނުނިމޭ. މިހާރު އެބައޮތް ކޮންމެވެސް ވަރަކަށް ޕްރެޝާ ވެސް ފޮތް ނިންމުމަށް."

ހަމްދާންގެ މި މަސައްކަތް ވަރަށް ކަމުދިޔަ އެވެ. ފޮތެއް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމަށް ވަގުތުވެސް ނުވާއިރު މިފޮތް ކިޔާލުމަށް ޝައުގުވެރި ވިއެވެ. ދެންވާނީ ކިހިނެއްތޯ ބަލަން ނޭވާހިފަހައްޓާލައިގެންވެސް ހުންނަން ޖެހުނެވެ. ރޭވުންތެރިކަމާއި ޕްލޮޓް މޮޅެވެ. ކެރެކްޓާސް އަދި ކިޔާ ހިތްވާ ގޮތަށް ދިވެހިރާއްޖެ ސިފަ ކުރެވެއެވެ. މި ފޮތަށް ދޭނީ ފަސް ތަރިއެވެ.