އިމްރާން އަބްދުﷲ

ގައިދީންގެ އާއިލާތަކަށް މިނިސްޓަރުގެ ހާއްސަ އިލްތިމާސެއް

ގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަށް ކުރާ މަސައްކަތުގައި ގައިދީންގެ އާއިލާތަކުގެ އެހީތެރިކަމާއި ބައިވެރިވުން ވަރަށް ބޮޑު ކަމަށާ އެ އެހީތެރިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.

މިނިސްޓަރު މި ކަމަށް ގޮވާލެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އީ-ސާވިސް ޕޯޓަލް "އެޓަމްސް" ލޯންޗް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަަށެވެ. އެ މަސައްކަތް ކާމިޔާބުވެ އެކަށީގެންވާ ނަތީޖާއެއް ނެރެވޭނީ އާއިލާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގައިދީންނަށް އާއިލާތަކާ ބައްދަލު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާއިރު އާއިލާ ބައްދަލްވުންތަކާއި އެ ނޫން ބައްދަލްވުންތައްވެސް ފަސޭހައިން ބޭއްވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ގައިދީން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖްތަމައުއަށް ނެރުމަށް ކުރާ މަސައްކަތުގައި ގައިދީންގެ އާއިލާތަކުގެ އެހީތެރި ދިނުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އިލްތިމާސްއެއް ކަމަށެވެ.

"އަޅުގަނޑުމެން މި ކުރާ މަަސައްކަތުގައި ބައިވެރިވެދެއްވާ އެހީތެރިވެ ދެއްވުމަކީ އަޅުގަނޑު ހުރިހާ ގައިދީންގެ އާއިލާއަށް ކުރާ ވަރަށް ބޮޑު އިލްތިމާސްއެއް. އަދި ހަމަ މި ހިދުމަތް ފެށިގެންދާއިރު، ކުރިންވެސް މި ހިދުމަތް ގާއިމްކުރެވިފައިވަނީ، އަޅުގަނޑު ހިތުން މި ހިދުމަތް އިތުރަށް ފުޅާކުރެވި ކޮންޓިނިއު ކުރެވިގެންދާނެ. އަތޮޅުތެރޭގައި ތިއްބެވި އާއިލާތަކުންވެސް މި ޖެހެނީ މާލެ ނުވަަތަ ޖަލަށް އަންނަން. މިހާރު މި ގާއިމްކުރެވިފައިވާ އުސޫލުގެ ތެރެއިން ކޮންފަރެންސް ކޯލް ކޮށްލައިގެން ބައްދަލް ކުރެވޭނެ އިންތިޒާމް މިވަނީ ހަމަޖެހިފައި،"

ގައިދީންނަށް އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާ އަނބުރާ މުޖްތަމައުއަށް އައިސް އާންމު މީހުންނެކޭ އެއްގޮތަށް އުޅުމަށް ހިތްވަރު ދޭން ޖެހޭ ކަމަށެވެ. އަދި އެ ފުރުސަތު އޮތްކަން އަންގައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ. އިމްރާން ވަނީ އެ މަސައްކަތް ކޮށްދެއްވުމަށް އާއިލާތަކުގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފައެވެ.

އެޓަމްސް އީ-ސާވިސް ޕޯޓަލްއަކީ ކަރެކްޝަނަލް ސާވިސްއިން އާންމު ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ތައްޔާރު ކޮށްފައިވާ އޮންލައިން ޕޯޓަލްއެކެވެ.

މި ޕޯޓަލް ފަރުމާކުރެވިފައިވާ ވަނީ ދެ ބަޔަކަށެވެ. އެއީ އާންމުނަށް ހިދުމަތްތަކަށް އެދުމަށް ހުޅުވާލެވިފައިވާ ޕަބްލިކް ޕޯޓަލްއަކާއި އެމްސީއެސްގެ މުވައްޒަފުންގެ ބޭނުންތަކަށް ތައްޔާރުކުރެވިފައިވާ އެޑްމިން ޕޯޓަލްއެކެވެ. ޕަބްލިކް ޕޯޓަލްއިން ހިދުމަތްތަކަށް އެދުމުން އެޑްމިން ޕޯޓަލް މެދުވެރިކޮށް އޮފިސަރުންނާއި މުވައްޒަފުންނަށް ކުރިއަށްވުރެ އަހަށް ރިކުއެސްޓްތައް ޕްރޮސެސްކޮށް ހަމަޖެހިގެން ދާނެއެވެ. މިގޮތުން މި ޕޯޓަލް މެދުވެރިކޮށް ބައްދަލުވުންތަކަށް އެދޭ މީހުންގެ ރިކުއެސްޓްތައް ޗެކް ކުރުމަށްފަހު ޝަރުތު ހަމަވާ މީހުންނަށް އެއް ދުވަސްތެރޭ ބައްދަލުވުމާ ބެހޭ މައުލޫމާތު ލިބިގެންދާނެއެވެ. އަދި ޝަރުތު ހަމަނުވާ މީހުންނަށް ރިކުއެސްޓް ރިޖެކްޓް ކުރުވުނުކަންވެސް އެ މުއްދަތުގައި އަންގާނެއެވެ.

އެޓަމްސް އީ-ސާވިސް ޕޯޓަލް މެދުވެރިކޮށް އެމްސީއެސްގެ އިސްވެރިންނާއި އެމްސީއެސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނާއި ބަންދުމީހުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް އެދެވޭނެއެވެ.