ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ނާއިބް ރައީސް ފައިސަލް ނަސީމް މަޝްވަރާ ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރާއްޖޭގައި ޑޮކްޓަރުން ތަމްރީނުކުރުމުގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ސާފުކުރައްވައި، މި ދާއިރާއިން މީހުން ބިނާކުރުމުގައި އިތުރަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މިއަދު މަޝްވަރާ ކޮށްފައިވާ ކަަމަށެވެ.
މިއަދުގެ މަޝްވަރާ ބައްދަލްވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން އާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފް އާއި އެ ޔުނިވާސިޓީގެ ސްކޫލް އޮފް މެޑިސިންގެ ޑީން ޑރ. ޝީޒާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ
މި ބައްދަލުވުމުގައި ގައުމީ ޔުނިވާސިޓީން ބައިވެރިވި ބޭފުުޅުން ވަނީ ސްކޫލް އޮފް މެޑިސިންގައި ހިންގަމުންދާ ޑޮކްޓަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި އެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގައި ކުރެވިދާނެ ކަންކަމުގެ އިތުރުން މެޑިސިންގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރިއަށް ރާވާފައިވާ ޕްލޭންތަކުގެ މައުލޫމާތު ދެއްވާފައެވެ.
އަދި ހޮސްޕިޓަލަކާއެކު މެޑިކަލް ސްކޫލެއް ތަރައްގީކުރުމުގެ މުހިންމުކަމާއި އެކި ބަލި ބައްޔަށް ހާއްސަ ޑޮކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފެށުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަ ކުރެއްވިއެވެ. އަދި މި ކޯސްތަކުގެ ތެރޭގައި ދޭ އަމަލީ ތަމްރީނުތައް ދިނުމުގެ އިންތިޒާމްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކޮށްފައިވެއެވެ.