ދުނިޔެ

ފިލިޕީންސްއަށް ތޫފާނުގައި ބޮޑެތި ގެއްލުންވެއްޖެ

މެނީލާ (އޭޕީ) - ފިލިޕީންސަށް އެރި ވަރުގަދަ ތޫފާނުގައި އެއެކަކު މަރުވެ 10 ވަރަކަށް މީހުން ގެއްލި 16،000 މީހުން މަގުމަތި ވެއްޖެއެވެ.

ފިލިޕީންސްގެ އިރު އުތުރުގެ ހަނޑޫ ހައްދާ ހިސާބަކަށް މިއަދު އެރި ތޫފާނުގައި ގިނަ ބައެއްގެ ދަނޑުބިންތައް ވެސް ވަނީ ހަލާކުވެފައެވެ.

އެގައުމުގެ އަސްކަރިއްޔާއިންނާއި ފުލުހުން ގެންދަނީ އެ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ތޫފާނުގެ ގަދަ ވައިގާ ގަސްތައް ވެއްޓި ކަރަންޓު ނަރުތައް ބުރިވެ ނުވަ އަވަށަކުން ވަނީ މުޅިން ކަރަންޓު ގޮސްފައެވެ. އަދި 25 މަގެއް ވަނީ ދަތުރު ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.

ފިލިޕީންސްގެ އިދާރާތަކުން ވަނީ ގިނަ ފްލައިޓް ތަކަކާއި ކަނޑުމަގުން ކުރާ ގިނަ ދަތުރުތަކެއް ކެންސަލް ކޮށްފައެވެ. އަދި މާދަމާ ގިނަ ސްކޫލްތަކެއްގެ ކިޔެވުން ވަނީ ކެންސަލް ކޮށްފައެވެ.

މިއީ މި އަހަރު ފިލިޕީންސަށް އެރި 12 ވަނަ ތޫފާނެވެ. އާންމުގޮތެއްގައި ކޮންމެ އަހަރަކު ވެސް ފިލިޕީންސަށް ވިއްސަކަށް ތޫފާން އަރައެވެ. ފިލިޕީންސަކީ ދުނިޔޭގެ ނިސްބަތުންވެސް ތޫފާން އެރުން ގިނަ ގައުމެކެވެ. ފަހުގެ ތާރީހެއްގައި ފިލިޕީންސަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާން އެރީ 2013 ވަނަ އަހަރުއެވެ. އެ ތޫފާނުގައި 7300 މީހުން މަރުވިއެވެ.