ދުނިޔެ

ފިލިޕީންސް ތޫފާނުގައި ލިބުނު ގެއްލުން ހީކުރިވަރަށް ވުރެ ބޮޑު

Oct 19, 2015

މަނީލާ (ރޮއިޓާސް) - ފިލިޕީންސްގެ އުތުރަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު ނުވަޔަކަށް އަރައިފިއެވެ.

ވެއްޓުނު ގަސްތަކާއި އިމާރާތްތަކުގެ ދަށުވެ ދެމީހަކު މަރުވިއިރު، އިތުރު ހަތް މީހުން މަރުވީ މޫދުގައި ކަމަށް ފިލިޕީންސުން ބުނެއެވެ. މިހާރު މި ތޫފާން ވަރަށް ބޮޑަށް މައިތިރި ވެފައި ވީ ނަމަވެސް މަރުވި މީހުންގެ އަދަދު މިއަށްވުރެ މާ ގިނަ ވާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

މި ތޫފާނުގައި ކަރަންޓު ފޯރުކޮށްދޭ ނިޒާމަށާއި މަގުތަކަށާއި ދަނޑުބިމަށާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

ކުއްލި ހާލަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ދެލައްކާ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންދިޔައެވެ. އަދި ހާލުގައި ޖެހިފައިވާ ވިއްސަކަށް ހާސް މީހުން ވަނީ ފެނާއި ކާނާއަށް ޖެހިފައެވެ.

މިއީ މި އަހަރު ފިލިޕީންސަށް އެރި ބާރަ ވަނަ ތޫފާނެވެ. އާންމުގޮތެއްގައި ކޮންމެ އަހަރަކު ވެސް ފިލިޕީންސަށް ވިއްސަކަށް ތޫފާން އަރައެވެ. ފިލިޕީންސަކީ ދުނިޔޭގެ ނިސްބަތުންވެސް ތޫފާން އެރުން ގިނަ ގައުމެކެވެ. ފަހުގެ ތާރީހެއްގައި ފިލިޕީންސަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާން އެރީ 2013 ވަނަ އަހަރުއެވެ. އެ ތޫފާނުގައި 7300 މީހުން މަރުވިއެވެ.