ބާސެލޯނާ

ފާޓީއަށް އަނިޔާވެ ހަތަރު މަހަށް ކުޅުމާ ދުރަށް

ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުގައި، ކަކުލަށް އަނިޔާވި، ބާސެލޯނާގެ އަންސޫމާން ފާޓީ ހަތަރު މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ބާސެލޯނާ އާއެކު އަންސޫ ފާޓީ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން ދިޔައީ މި ސީޒަންގަ އެވެ. ހާއްސަ ކޮށް ޓީމުގެ ކޯޗުކަމާ ރޮނަލްޑް ކޫމަން، ހަވާލުވި ފަހުން ފާޓީގެ ދައުރު ޓީމުގައި ފެނުނީ ބޮޑު ކޮށެވެ. ލިބެމުން ދިޔަ ކުރިއެރުންތަކަށް މަޑު ޖެހުމެއް އައީ ހޮނިހިރު ދުވަހު ރެއާލް ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުގައި ކަކުލުގެ މައްޗަށް އަނިޔާ ވުމުންނެވެ.

އިއްޔަ ހެދި، ޓެސްޓްތަކުން އެނގުނީ ވާތު ކަކުލަށް އަނިޔާވެ ރިކާވާވުމަށް ސާޖަރީ ހައްދަން ޖެހޭ ކަމަށެވެ. ސާޖަރީގައި ބާސެލޯނާގެ ޑޮކްޓަރުން ވެސް ސްޕެޝަލިސްޓުންނާއެކު މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ކޫމަންގެ ޓީމުގެ ވާތު ވިންގަށް ކުރިމަތިވި މައްސަލަ ހައްލު ކުރުމުގައި ފާޓީ މުހިންމު ދައުރެއް އަދާ ކުރި އެވެ. އޭނާ ވަނީ މި ސީޒަންގައި މިހާތަނަށް ފަސް ލަނޑު ޖަހާފަ އެވެ. އޭގެ ތެރޭގައި އެލްކްލެސިކޯގައި ރެއާލް މެޑްރިޑް ކޮޅަށް ޖެހި ލަނޑު ވެސް ހިމެނެ އެވެ. ސީޒަންގެ ބޮޑުބައެއްގައި އޭނާއަށް ނުކުޅެވުމަކީ ބާސާއަށް ކުރިމަތި ވާނެ އުނދަގޫ މައްސަލައެކެވެ.

ފާޓީއަށް އަނިޔާވުމުން، ސްޕެއިންގެ ސްކޮޑަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ވަނީ ފާޓީގެ ބަދަލުގައި ރެއާލް މެޑްރިޑްގެ މާކޯ އެސެންސިއޯ ސްކޮޑަށް ނަގާފަ އެވެ.