ހަބަރު

ފަނޑިޔާރު ތަނާޒުލުވި މައްސަލަ އާޒިމާގެ ފަރާތުން ހައިކޯޓަށް

ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރުގެ މައްސަލަތއް ބައްލަވާ ފަނޑިޔާރު، ތަނާޒުލުވެވަޑައިގެންފައި ވަނީ މައްސަލަތަކުން ފަނޑިޔާރުން ތަނާޒުލުވެ ވަޑައިގަތުމަށް އޮންނަ ގާނޫނީ ޖާގައިގެ ބޭރުން ކަމަށް ބުނެ އެ މައްސަލަ އާޒިމާގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުކަން ވެސް ކުރެއްވެވި އާޒިމާގެ މައްޗަށް ދައުލަތުން ކުރަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމައި ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.

އާޒިމާގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އާޒިމާގެ މައްޗަށް ތުހުމަތު ކުރާ ދެ މައްސަލައިން ފަނޑިޔާރު ތަނާޒުލުވެ ވަޑައިގަތީ ގާނޫނީ ޖާގައިގެ ބޭރުން ކަމަށެވެ. އަދި ތަނާޒުލުވެ ވަޑައިގެންފައިވާ މައްސަލަ ކުރިމިނަލް ކޯޓުން ބަލައިގެންފައިވަނީ ވެސް ގާނޫނީ އުސޫލުގެ ބޭރުން ކަމަށެވެ.

ރާއްޖޭގެ ގާނޫނީ އޮނިގަނޑު ބައްޓަން ކޮށްފައިވާ ގޮތުން ފަނޑިޔާރުންނަކީ އެ ބޭފުޅުން ބައްލަވާ މައްސަލަތައް އަމިއްލައަށް އިހުތިޔާރު ކުރުމުގެ ބާރު ފަރުދީ ގޮތުން ލިބިދީފައިވާ ބައެއް ނޫނެވެ. އަދި ފަނޑިޔާރުން ބައްލަވާ މައްސަލަތަކުން ވަކި ހަމަތަކެއްގައި ނޫނީ ތަނާޒުލުވެ ވަޑައިގެން މައްސަލަ ދޫކޮށްލައްވާ އެހެން ފަނޑިޔާރަކާ ހަވާލު ކުރެވޭނެ ބައެއް ނޫނެވެ.

ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލުވެ ވަޑައިގަންނަވަނީ އެ މައްސަލަތަކުގައި މަސްލަހަތާ ފުށުއަރާ ކަމެއް ހިނގުމުގެ ފުރުސަތު އޮވެގެން ނުވަތަ އެފަދަ ކަމެއް ހިނގާފާނެ ކަމަށް އެހެން ބަޔަކަށް ގަބޫލު ކުރެވިގެނެވެ.

އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ މައްސަލައިގައި އާޒިމާ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހުށަހަޅުއްވާފައިވާ ކަންކަމާމެދު އަދި މައްސަލަ ކުރިއަށް ގެންދިޔުމާމެދު ގޮތެއް ނިންމުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެއް މިއަދަށް ތާވަލުކުރި އެވެ. އެކަމަކު އަޑުއެހުމަށް 24 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ މައްސަލަ ބައްލަވާ ފަނޑިޔާރު މި މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމުން އެ މައްސަލައިގެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

މިިކަމާ ގުޅިގެން އާޒިމާ ވިދާޅުވީ، މި ހާލަތުގައި މިހާ ފަސް ވަގުތެއްގައި ފަނޑިޔާރު މި މައްސަލައިން ތަނާޒުލްވެ ވަޑައިގަތުމަކީ އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އާޒިމާގެ ގާނޫނީ ވަކީލު ކުރީގެ ޑެޕިއުޓީ ޕީޖީ މަރިޔަމް ނިހާޔަތު މިއަދު ވިދާޅުވީ ރޭގެ ވަރަށް ދަން ގަޑިއެއްގައި އޮންލައިންކޯށް އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ނިހާޔަތު ވިދާޅުވީ މި މައްސަލަ ހައިކޯޓަށް ހުށަހަޅަން ނިންމެވީ މައްސަލަ ކުރިޔަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ބޯމަތިވެފައި ވަނިކޮށް މައްސަލައިގެ ފަނޑިޔާރު ގާނޫނީ އުސޫލުން ބޭރުން މައްސަލައިން ތަނާޒުލުވެ ވަޑއިގަތުމުން އަދި ގާނޫނީ އުސޫލުން ބޭރުން އެކަން ގަބޫލު ކުރައްވައި އެހެން ފަނޑިޔާރަކާ މައްސަލަ ހަވާލު ކުރެއްވުމުން މި މައްސަލައިގައި އެހެން ނުފޫޒެއް ފޯރައި މިނިވަންކަން ގެއްލިފައިވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.

އެންމެ ފުރަތަމަ އާޒިމާގެ މައްސަލަތައް ބެއްލެވީ ފަނޑިޔާރު އަހުމަދު ހައިލަމެވެ. އެކަމަކު އޭނާ ވަނީ ފަނޑިޔާރު ކަމުގެ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ސައީދެވެ. ހަސަން ސައީދު ކުރިން ހުންނެވީ ފެމިލީ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގަ އެވެ. އެކަމަކު ދާދިފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އޭނާ އާއި ގުޅޭ ސުލޫކީ މައްސަލައެއް ބަލާ އޭނާ ވަނީ ކުރިމިނަލް ކޯޓަށް ބަދަލު ކޮށްފަ އެވެ.

ފަނޑިޔާރު ހަސަން ސައިދު މި މައްސަލާގައި ތަނާޒުލްވެ ވަޑައިގަތް ސަބަބު މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.