ހަބަރު

އިޖުރާއަތު ފުރިހަމަ ނުވާތީ ރަޖަމްގެ ހުކުމް ޕީޖީ އިސްތިއުނާފު ކުރަނީ

Oct 18, 2015

މިއަދު ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން އަންހެނަކު ރަޖަމް ކުރަން ކުރި ހުކުމްގައި އިޖްރާއަތުތައް ފުރިހަމަ ނުވާތީ އެ މައްސަލ އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޕީޖީ މުހުތާޒު މުހުސިން މިރޭ ވިދާޅުވީ މެޖިސްޓްރޭޓްކޯޓުން ހުކުމް ކޮށްފައިވަނީ ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއި މައްސަލައެއްގައި ދައުލަތުން ދައުވާ ކުރި އަންހެނަކު އޭނާ ޒިނޭކުރި ކަމަށް އެއްބަސްވުމުން ކަމަށާއި އެ ހުކުމަކީ ޝަރުއީ އިޖުރާއަތުތައް ފުރިހަމަވެފައިވާ ހުކުމެއް ނޫންކަމަށެވެ.

މީގެ އިތުރުން އެހުކުމަކީ ދައުވާގައި ބަޔާންކޮށްފައިވާ ކުށާއި ގުޅިގެން ކޮށްފައިވާ ހުކުމެއްވެސް ނޫން ކަމަށް ބުނެ އެ އޮފީހުން މިރޭ ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. އޭގައި ބުނަނީ ރަޖަމްކުރުމުގެ އަދަބުގެ ހުކުމް އިއްވުނު މީހާއަށް ހުކުމްކޮށްފައި ވަނީ ކުރެވުނު ދައުވާގައި ބަޔާންކޮށްފައިވާ ކުށާ ގުޅިގެން ނޫން ކަމަށް ވާތީ ލިޔެކިއުންތައް ލިބުނުހާ އަވަހަކަށް އެ މައްސަލަ އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފައިވާ ކަމަށެވެ. އަދި ކުރެވޭ ދައުވާގައި ބުނާ ކުށް ފިޔަވައި އެހެން ކުށަކަށް ޝަރީއަތުގައި އިއުތިރާފްވެފައިވާ ހާލަތުގައި އާއްމު އުސޫލަކީ އެ ކުށަށް އިއުތިރާފްވި މައްސަލަ ތަހުގީގު ކުރެވިގެން އަލުން އެކުށާ މެދު ދައުވާކުރުން ކަމަށެވެ.

މިހަކާ ކައިވެނިކޮށްގެން އުޅެމުން ޒިނޭކުރި ކަމަށް ކޯޓްގައި އެއްބަސްވީ މީހަކު ރަޖަމް ކުރަން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކުރީ މިއަދު އެވެ. -- ރަޖަމް ކުރުމަކީ ސައްހަ ކައިވެންޏެއްގެ މަތީގައި ހުރެ އަންނަ ހައްދެއްގެ ގޮތު އުނަގަނޑާ ހަމައަށް ވަޅުލައި ކުދިގަލުން ތަޅައި މެރުމެވެ --

ގެނަމަފުށީ ކޯޓުގެ މި ހުުކުމް އައީ 30 އަހަރަށް ވުރެ ދޮށީ އެ އަންހެނެއްގެ މައްޗަށެެ. މި ހުކުމް ކުރީ ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މި ހުކު އައީ ވަކި މީހަކަށް ދަރި ނުލައްވާގޮތަށް ވިހެއި ކަމަށް އަންހެނެއްގެ މައްޗަށް އުފުލި ދައުވާއަކާ ގުޅިގެން ކުރި ޝަރީއަތުގައި ޒިނޭ ކުރި ކަމަށް އޭނާ އެ ޝަރީއަތުގައި އިއުތިރާފުވުމުންނެވެ.

ޒިނޭ ކުރިކަން ސާބިތު ވުމުން އިސްލާމީ ޝަރީއަތުގައި ދޭން ކަނޑައަޅުއްވާފައިވާ ރަޖަމް ކުރުމުގެ އަދަބު ދިނުމަށް އާ ގާނޫނުލް އުގޫބާތުގެ ދަށުން ރާއްޖޭގެ ކޯޓަކުން ހުކުމް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ގާނޫނުލް އުގޫބާތުގެ 1205 ގައި ބުނަނީ އެ ގުރުއާނުގައި ހައްްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ގުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ.