ހަބަރު

ރަޖަމް ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފި

Oct 18, 2015

ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ގެމަނަފުށީ އޯޝަންރީޑް، އައިޝަތު ލަތީފާ ރަޖަމް ކުރުމަށް ކުރި ހުކުމް ސުޕްރީމް ކޯޓްން ބާތިލުކޮށް އެ މައްސަލައިގެ ހުރިހާ ލިޔުމެއް ސުޕްރީމް ކޯޓަށް ފޮނުވަން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބާތިލުކޮށް ނެރުނު އަމުރުގައި ބުނަނީ "ގއ. ގެމަނަފުށީ އޮޝަންރީޑް އައިޝަތު ލަތީފާގެ މައްޗަށް ދައުލަތުން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުގައި އުފުލި ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއުމުގެ ކުށުގެ ދައުވާގައި އެ ކޯޓުން މައްސަލަ ބަލައި ޝަރީއަތް ނިންމާފައި ވަނީ ޝަރުއީ މި ބާވަތުގެ މައްސަލަތައް ބަލައި ޝަރީއަތް ކުރުމުގައި އަމަލު ކުރަން ކަނޑައަޅާފައިވާ ޝަރުއީ އަދި ގާނޫނީ އިޖުރާއަތުތަކާއި އުސޫލުތަކާ ހިލާފަށް ކަމަށްވާތީ ގެމަނަފުށީ މެޖިސްޓްރޭޓްކޯޓް އެ ގަޒިއްޔާ ބާތިލުކޮށް ލިޔުންތައް ހިމެނޭ ފައިލް މާދަމާގެ ކުރިން ސުޕްރީމް ކޯޓަށް ފޮނުވަން އަންގާ އަމުރު ކުރާ ކަމަށެވެ." ކަމަށެވެ.

ސުޕްރީމް ކޯޓް މި މައްސަލަ ބާތިލު ކުރީ މިއަދު ގއ. ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓުން ލަތީފާ ރަޖަމް ކުރަން ކުރި ހުކުމްގައި އިޖްރާއަތުތައް ފުރިހަމަ ނުވާތީ އެ މައްސަލ އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ނިންމާފައި ވަނިކޮށެވެ.

ރާއްޖެއިން ބޭރުގައި ހުންނަވައިގެން ޕީޖީ މުހުތާޒު މުހުސިން މިރޭ ވިދާޅުވީ މެޖިސްޓްރޭޓްކޯޓުން ހުކުމް ކޮށްފައިވަނީ ވަކި މީހަކަށް ނުލައްވާ ގޮތަށް ވިހެއި މައްސަލައެއްގައި ދައުލަތުން ދައުވާ ކުރި އަންހެނަކު އޭނާ ޒިނޭކުރި ކަމަށް އެއްބަސްވުމުން ކަމަށާއި އެ ހުކުމަކީ ޝަރުއީ އިޖުރާއަތުތައް ފުރިހަމަވެފައިވާ ހުކުމެއް ނޫން ކަމަށެވެ.

މިހަކާ ކައިވެނިކޮށްގެން އުޅެމުން ޒިނޭކުރި ކަމަށް ކޯޓްގައި ލަތީފާ އެއްބަސްވުމުން ރަޖަމް ކުރަން ގެމަނަފުށީ މެޖިސްޓްރޭޓް ކޯޓަކުން ހުކުމް ކުރީ މިއަދު އެވެ. -- ރަޖަމް ކުރުމަކީ ސައްހަ ކައިވެންޏެއްގެ މަތީގައި ހުރެ އަންނަ ހައްދެއްގެ ގޮތު އުނަގަނޑާ ހަމައަށް ވަޅުލައި ކުދިގަލުން ތަޅައި މެރުމެވެ --

ގެނަމަފުށީ ކޯޓުގެ މި ހުުކުމް އައީ 30 އަހަރަށް ވުރެ ދޮށީ އަންހެނެއްގެ މައްޗަށެެވެ. މި ހުކުމް ކުރީ ހައްދު ކަނޑައަޅާފައިވާ ކުށްތަކާ ބެހޭގޮތުން އާ ގާނޫނުލް އުގޫބާތުގައި އޮންނަ އެ ގާނޫނުގެ 1205 ވަނަ މާއްދާގެ ދަށުން ކަމަށެވެ. މި ހުކުމް އައީ ވަކި މީހަކަށް ދަރި ނުލައްވާގޮތަށް ވިހެއި ކަމަށް ލަތީފާގެ މައްޗަށް އުފުލި ދައުވާއަކާ ގުޅިގެން ކުރި ޝަރީއަތުގައި ޒިނޭ ކުރި ކަމަށް އޭނާ އެ ޝަރީއަތުގައި އޭނާ އިއުތިރާފުވުމުންނެވެ.

ޒިނޭ ކުރިކަން ސާބިތު ވުމުން އިސްލާމީ ޝަރީއަތުގައި ދޭން ކަނޑައަޅުއްވާފައިވާ ރަޖަމް ކުރުމުގެ އަދަބު ދިނުމަށް އާ ގާނޫނުލް އުގޫބާތުގެ ދަށުން ރާއްޖޭގެ ކޯޓަކުން ހުކުމް ކުރި މިއީ ފުރަތަމަ ފަހަރެވެ.

ގާނޫނުލް އުގޫބާތުގެ 1205 ގައި ބުނަނީ އެ ގުރުއާނުގައި ހައްްދު ކަނޑައެޅިފައިވާ ކުށެއް މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީއަތުގެ އަސްލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ ގާނޫނާއި ގުރުއާނުގައި ކަނޑައަޅާފައިވާ ހުކުމެއް އެމީހެއްގެ މައްޗަށް އިއްވަން ވާނެ ކަމަށެވެ.