ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރަށު ޕްރީސްކޫލްތަކުގެ ކިޔެވުން އަލުން ފަށަނީ

ކޮވިޑުގެ ހާލަތަށް ބެލުމަށް ފަހު، އަތޮޅުތަކުގެ ރަށްރަށުގެ ޕްރީ ސްކޫލްތަކުގެ ކިޔެވުން އަލުން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ އެޗްޕީއޭގެ ލަފާގެ މަަތިން އަންނަ އާދީއްތާގައި އަތޮޅުތަކުގެ ޕްރީސްކޫލްތަކާއި ފައުންޑޭޝަން ސްޓޭޖުގެ ކިޔެވުން އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. އަދި އެ ކުދިންގެ އުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ވެސް ހުއްދަ ދީފައިވައި ވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކާއި ތައުލީމްދޭ މަރުކަޒުތަކާއި ޔުނިވާސިޓީތަކާއި ކޮލެޖްތައް ބަންދު ކުރީ، މާޗް މަަހު އެވެ. އެ ފަހުން، ގިނަ ދުވަސްތަކެއް ވަންދެން އޮންލައިން ކްލާސްތައް ބޭއްވި އެވެ. އަދި، ޖުލައި އެކަކުން ފެށިގެން ބަލި ނެތް ރަށްރަށުގައި ގްރޭޑް އެކަކުން މައްޗަށް ކިޔަވައި ދިނެވެ.

މާލެ ސިޓީގައި މިހާރު ކިޔަވައި ދެނީ، ހަމަ އެކަނި ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށެވެ.

ސްކޫލްތަކުގެ ކިޔެވުމަށް އައި ބޮޑު ބަދަލާއެކު ގެއްލުނު ފިލާވަޅުތައް އަންނަ އަހަރު ފުރިހަމަކޮށް، ދިރާސީ އާ އަހަރު ފެށުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ އޮގަސްޓް 10 ގައެވެ. އާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، މި އަހަރުގެ ދެ ވަނަ ޓާމު ފަށާނީ އަންނަ އަހަރު ޖެނުއަރީ 10 ގަ އެވެ. އަދި ޖޫން 24 ގެ ނިޔަލަށް ދެ ވަނަ ޓާމު ދެމިގެން ދާނެ އެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން އެޅި ބައެއް ފިޔަވަޅުތައް ދަނީ ލުއި ކުރަމުންނެވެ. އެގޮތުން މި ހަފުތާގައި ވަނީ އައުޓްޑޯ ކުޅިވަރުތަކަށްވެ ސް ހުއްދަ ދީފަ އެވެ. އަދި، ޕާކުތަކާއި މައިޒާންތަކާއި އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލާން ވެސް ވަނީ ނިންމާފަ އެވެ.