ލައިފްސްޓައިލް

"ލިޓްލް އައިލޭންޑް އެޑްވެންޗާ" ޖަޒީރާ ރާއްޖެ ގޭމެއް

ވީޑިއޯ ކޮޅުގައި ފެންނަނީ ކުޑަ އަންހެން ކުއްޖެއް ވިލުނޫކުލައިގެ މޫދުގައި ފަތާފައި ގޮސް ކުޑަ ރަށަކަށް އަރާ މަންޒަަރެކެވެ. އެއާއި އެކު ރަށުތެރޭގައި ހެދިފައި ހުރި ރުއްތަކާއި ގަސްތަކު ތެރެއަށް ދުއްވައިގަނެއެވެ. ގަސްތަކުގެ ތެރެއިން ހާލެއްވެސް ފެނެއެވެ. ރަށުގެ އަނެއްކޮޅަށް ދެވުމުން މޫދަށް ފުންމާލާ ފުންކޮށް ފީނައެވެ. ފީނަމުންދާއިރު މޫދުން އެކި މަސްއައިނަކާއި ވެލާ، ފެހުރި އަދި އެކި ވަރުވަރުގެ މަޑި ފެނެއެވެ. ދެން ފެންނަން އޮތް ރަށަށް ފަތާފައި އަރައެވެ. އެހެން ރަށަކަށް އަރާ އެރަށުގެ ހޭޅި ފަށުގައި މަޑުކޮށްލައެވެ. ދޫނިތަކެއް އުދުއްސައިގަނެއެވެ. ބޮއްކުރާއެއް ފެނެއެވެ.

މިއީ ދިވެހި ކުންފުންޏެއް ކަމުގައިވާ ލޫޕްކްރާފްޓް ން "ލިޓްލް އައިލޭންޑް އެޑްވެންޗާ" ނަމުގައި ތަރައްގީ ކުރަމުން އަންނަ ގޭމެއްގެ ވީޑިއޯކޮޅެކެވެ. ދައްކުވައިދެނީ ޖަޒީރާވަންތަ ދިވެހިރާއްޖޭގެ މަންޒަރުތަކެވެ. ލޫޕްކްރާފްޓުން ބުނާ ގޮތުގައި މި ގޭމް އަކީ އެކްސްޕްލޮރޭޝަން ސްޓައިލް އޯޕަން ވޯލްޑް ގޭމެކެވެ. މިވަގުތު މަސައްކަތް ކުރަނީ ޕްރީ އަލްފާ ސްޓޭޖްގައި ޓެސްޓް ކުރަމުންނެވެ. ދިވެހި އަދި ބޭރުގެ މާކެޓަށް އަންނަ އަހަރު މެދުތެރޭގައި ގޭމް ލޯންޗްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޫޕްކްރާފްޓް އަކީ ފުލްކޮށް ދިވެހި ޓީމެއް މަސައްކަތް ކުރާ ތަނެކެވެ. އެމީހުން ހާއްސަވަނީ ވެބްސައިޓް، އެޕު އަދި ގްރެފިކްސް ޑިޒައިން މަސައްކަތް ކުރުމެވެ. މީގެ ކުރިން ލޫޕް ކްރާފްޓުން ހަދާފައިވާ އެޕެއް ކަމުގައިވާ "ބަޓަރފްލައި ސްޓޯރީ" ވަނީ 130 ގައުމެއްގެ އެޕަލް ސްޓޯރ މެދުވެރިކޮށް ލޯންޗްކޮށްފައެވެ. މި އެޕްލިކޭޝަން އަށް އޮސްޓްރޭލިއާގެ އެޕްސްޓޯރ ގެ ޗާޓުގައި 2 ވަނަގައި ވަނީ ހިމެނިފައެވެ.

ސޯޝަލް މީޑިއާ އަށް ލޫޕްކްރާފްޓް އިން ދޫކޮށްލި ޓްރެއިލާރ އާއި އެކު ހީކުރިވަރަށްވުރެވެސް ވަރަށް ތަރުހީބު މިއަށް ލިބިފައިވާ ކަމުގައި ލޫޕްކްރާފްޓުުން ބުނެފައިވެއެވެ.

ލޫޕްކްރާފްޓްގެ އައިލޭންޑް އެޑްވެންޗާ