އިދިކޮޅު ފަރާތްތައް

އިދިކޮޅުގެ ކަންބޮޑުވުން އިންޑިއާގެ ފޮރިން ސެކްރެޓަރީއާ ހިއްސާކޮށްފި

ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާ ފޮރިން ސެކްރެޓަރީ ޝްރީ ހަރްސް ވަރްދަން ޝްރިންގްލާ، އިދިކޮޅުގެ އިސްވެރިންނާއި ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލްވުމުގައި އިދިކޮޅުން ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ބުނީ މާލޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަންގައި ބޭއްވުނު ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުން ނުހައްގުން ދެމުންދާ އަނިޔާތައް ފޮރިން ސެކްރެޓަރީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ޝަރީއަތަކީ ބައިނަލްއަގްވާމީ އުސޫލުތަކާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާ އެތައް ގޮތަކުން ފުށޫއަރާ ޝަރީއަތެއް ކަން އިދިކޮޅުން ފާހަގަކުރި ކަމަށެވެ. ޖަލުގައި ހުންނަވާތާ އެއް އަހަރާ ގާތްވަމުންދާއިރު ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައާމެދު ހުރި ކަންބޮޑުވުންތައްވެސް އިދިިކޮޅުން ފޮރިން ސެކްރެޓަރީ ހިއްސާ ކުރެއްވިއެވެ.

އަދި ޝަރުއީ ދާއިރާއަށް ސަރުކާރުން ސީދާ ގޮތުން ފޯރުވަމުންދާ ނުފޫޒުތަކާއި ގާނޫނު އަސާސީން ވަކިވާންޖެހޭ ބާރުތަކުގެ ތެރެއިން ޝަރުއީ ދާއިރާއަށް ފޯރުވަމުންދާ ނުފޫޒުގެ އެންމެ ބޮޑު އަސްލަކީ ޖުޑިޝަލް ސާރވިސް ކޮމިޝަން ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.

މިއަދުގެ ބައްދަލްވުމުގައި އިދިކޮޅުގެ ދެ އެޑްވައިޒަރުން ކަމަށްވާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އާއި ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ އިތުރުން ދެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.