ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނާނެ"

މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް އަންނަ އަހަރު ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގެ ލޮނުޒިޔާރަތްކޮޅުގެ އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ "ލޮނުޒިޔާރަތް ޕާކު" ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު އެ ޕާކުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަަމުންނެވެ.

ރައީސް ވިދާޅުވީ މިއަދު ހުޅުވުނު ޕާކުގެ ސަބަބުން މާލޭގައި ދިރިއުޅޭ ކުދިބޮޑު އެންމެންނަށް ހިތްފަސޭހަކަމާއި އުފާވެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް މާލޭގެ މަގުތަކަކީ ހިނގާ މީހުންނަށާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި އިތުރު މަޝްރޫއުޢުތައް ކުރިއަށް ގެންދަން ރޭވިފައިވާ ކަަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައިވެސް މާލޭގެ ހިތްފަސޭހަކަމާ ގުޅިފައިވާ ކިތަންމެ ކަމެއް ފެންނަމުންދާނެ،"

ރައީސް ވިދާޅުވީ މާލޭގެ ނުތަނަވަސްކަން ފިލުވައި ހިތްފަސޭހަ މާހައުލަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އަދިވެސް އެބަހުރި ކަމަށެވެ. އެއީ ހަމައެކަނި ޕާކުތައް ހެދުމާއި ޕާކް ކުރާނެ ޖަގަހަތައް ހެދުމެއް ނޫން ކަމަށާ މާލެއަށް އުފަން ރައްޔިތުންނަށް މާލޭގެ ސަރަހައްދުން ބޯހިޔާވަހިކަން ހޯދައިދިނުމަކީވެސް މާލޭގެ މައްސަލަތަކަށް ބޭނުންވާ ވަރަށް އަވަސް ހައްލެއް ކަމަށެވެ.

"މި އަންނަ އަހަރަށް ސަރުކާރުން ކަނޑައެޅި މަޝްރޫއުތަކުގެ ތެރެއިން މާލެ ސަރަހައްދުގައި އެންމެ އިސްކަންދީގެން ކުރާނެ އެއް ކަމަކީ މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ މަސައްކަތުގެ އަމަލީބައި ކުރިއަށް ގެންދިޔުން. އިރާދަކުރެއްވިއްޔާ އޭރުން މާލޭ ރައްޔިތުންގެ ވަރަށް ގިނަ ޝަކުވާތަކަށް ހައްލު ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.