މާލޭގެ ލޮނުޒިޔާރަތްކޮޅުގެ އަޑި ޕާކްގައި ތަރައްގީ ކޮށްފައިވާ ލޮނުޒިޔާރަތް ޕާކަށް ވަދެ ނިކުތުމުގައި އަތް ދަބަސް ޗެކް ކުރާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ. ދޮޅު އަހަރެއްހާ ދުވަހުގެ މަސައްކަތަށްފަހު 52 ވަނަ ޖުމްހޫރީ ދުވަހާއި ދިމާކޮށް މިއަދު ހުޅުވި މި ޕާކަށް ވަދެ ނިކުމެ އުޅުމުގައި އަމަލު ކުރަން ޖެހޭ ގައިޑްލައިނެއް މިރޭ ސިޓީ ކައުންސިލުން ވަނީ އާންމުކޮށްފައެވެ.
ޕޮންޑަކާއި، ޕޮންޑް ހުރަސް ކުރެވޭ ގޮތަށް ކުޑަ ބްރިޖަކާއި، އުސްފަސްގަނޑެއް ހިމެނޭ ގޮތަށް ތަރައްގީ ކޮށްފައިވާ މި ޕާކު ހުޅުވާނީ ފަތިހު 4:30 އިން ހެނދުނު 9:30 އަށެވެ. އަދި ހަވީރު 4:30 އިން 9:30 އަށެވެ. ސިޓީ ކައުންސިލުން އާންމުކުރި ގައިޑްލައިންގައި ބުނެފައިވަނީ ޕާކަށް ވަދެ ނިކުތުމުގައި އަތް ދަބަސް ޗެކް ކުރާނެ ކަމަށެވެ. އަދި ޕާކުތެރޭގައި ހުރި އިމާރާތަކަށް ނުވަތަ ގަހަކަށް ނުވަތަ އެއްޗަކަށް ގެއްލުން ދީފިނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.
ތޫނު އެއްވެސް އެއްޗެއް ޕާކަށް ނުވެއްދޭނެ އެވެ. ޕްލާސްޓިކް ބޭނުން ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރުންވެސް މަނަލެވެ.
ދެން ގައިޑްލައިންގައި ހިމެނެނީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެވެ. އެއީ މާސްކު އެޅުމާއި ސާފުތާހިރު ކަމަށް އިސްކަން ދިނުމެވެ.
300 އަށްވުރެ ގިނަ ބެންޗާއި ކަސްރަތަށް ދުވާ ލޭނެއްގެ އިތުރުން ބައިސްކަލު ދުއްވާ ލޭނެއް ވެސް ހިމެނޭ މި ޕާކުގައި ސެކިއުރިޓީ ބަލަހައްޓަން ދިވެހިން ތަމްރީން ކުރަމުންދާ ކަމަށް މާލެ ސިޓީ ކަައުންސިލުން ވަނީ ބުނެފައެވެ.