ދީން

ނަފްސު އިސްލާހުކުރުން: ދެ ދުނިޔޭގެ ކާމިޔާބު

އިހުގެ ދަންނަ ބޭކަލުންގެ ބަސްފުޅެއްގައިވެއެވެ. ނަފްސަކީ އަޅާއާއި ކީރިތި ވަންތަ ﷲ އާ ދެމެދުގައިވާ ފަރުދާއެކެވެ. އެ ފަރުދާ ހުރަސްކޮށްގެން މެނުވީ އޭނާއަށް އޭނާގެ ވެރި ރައްބުގެ ޙަޟުރަތަށް ނުދެވޭނެތެވެ.

މީސްތަކުގެ ނަފްސުތަކާއި އެމީހުންނާ ދެމެދުގައި އޮތް ގުޅުމަށް ބަލާއިރު ދެބައެއް ވެއެވެ. އެއީ؛ އެމީހެއްގެ މައްޗަށް އޭނާގެ ނަފްސު ގަދަވެގަންފައިވާ މީހާއެވެ. އެފަދަ މީހަކުވަނީ އޭނާގެ ނަފްސުގެ އަވައިގައި ޖެހި، އެނަފްސަށް ކިޔަމަންގަންނަ މީހަކު ކަމުގައެވެ. އަދި ނަފްސުގެ އެދުންތަކުގެ ސަބަބުން އޭނާ ނެތި ހަލާކުވެގެން ދެއެވެ.

އަނެއް ބަޔަކީ، އެބައެއްގެ ނަފްސުތަކުގެ މައްޗަށް ގަދަވެގަންފައިވާ މީހުންނެވެ. އެބައިމީހުންގެ ނަފްސުތައްވަނީ ކިޔަމަންތެރިކުރުވާފައެވެ. އެމީހުންގެ އަމުރުތަކަށް އެނަފްސު ކިޔަމަންގަނެއެވެ. އެ ނަފްސުގެ މައްޗަށް ގަދަވެގަންފައިވާ މީހާއަކީ ކާމިޔާބު ލިބިގެންވާ މީހެކެވެ. އަދި އެމީހެއްގެ މައްޗަށް އޭނާގެ ނަފްސު ގަދަވެގެންފައިވާ މީހާއަކީ ގެއްލެނިވެ ހަލާކުވެފައިވާ މީހެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ فَأَمَّا مَنْ طَغَى * وَآَثَرَ الْحَيَاةَ الدُّنْيَا * فَإِنَّ الْجَحِيمَ هِيَ الْمَأْوَى * وَأَمَّا مَنْ خَافَ مَقَامَ رَبِّهِ وَنَهَى النَّفْسَ عَنِ الْهَوَى * فَإِنَّ الْجَنَّةَ هِيَ الْمَأْوَى ﴾ (النازعات: 37 – 41) މާނައީ: " ފަހެ، ފުރެދުމުގައި ހައްދުފަހަނައަޅައި، އަދި ދުނިޔޭގެ ދިރިއުޅުމަށް އިސްކަންދިން މީހާ ދަންނާށެވެ! * ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ނަރަކަޔެވެ. * އަދި އެމީހާގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ހުންނަންޖެހޭ ހުރުމަށް ބިރުވެތިވެ، އެމީހެއްގެ ނަފްސު އަމިއްލަ އެދުންތަކުން ދުރުކޮށްފިމީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެމީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ."

ނަފްސު އެދި ގޮވަނީ އުރެދުމުގައި ހައްދުފަހަނައަޅައި ދިޔުމަށާއި، ދުނިޔޭގެ އުފަލުގައިޖެހި ދިޔުމަށެވެ. އެ ނަފްސުގެ ވެރި ރައްބު އަންގަވާފައިވަނީ ނަފްސުގެ އެދުންތަކުން އެއްކިބާވެ، އެ ނަފްސުގެ މައްޗަށް ތިމާގެ ބުއްދި އިސްކޮށް ނަފްސު އެދިގޮވާ ނުބައިކަމުން ސަލާމަތް ވުމަށެވެ. ދުނިޔޭގެ ދިރިއުޅުމުގެ އިމްތިޙާނަކީ މިއީއެވެ.

އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. ނަފްސު އެދިގޮވާ އެދުންތަކުގެ ތެރޭގައި ތިންކަމެއް ހިމެނެއެވެ. އޭގެ އެއް ގޮވުމަކީ ޝައިޠާނީ އަޚްލާޤުން ސިފަލިބިގަތުމަށް ގޮވާ ގޮވުމެކެވެ. އޭގެ ތެރެއިން ހިމެނެނީ، ކިބުރުވެރިކަމާއި، ޙަސަދަވެރިކަމާއި، އަމިއްލަ ނަފްސު މަތިވެރިކޮށް ގަތުމާއި، ނުބައިކަމުގައި ހައްދުފަހަނައަޅާ ދިޔުމާއި، އެންމެހައި ނުބައި ކަމަކާއި، ފަސާދައާއި މަކަރާއި ޙީލަތެވެ. އަނެއް ގޮވުމަކީ، ޙައިވާނީ އަޚުލާޤަށް ގޮވާ ގޮވުމެކެވެ. އެއީ ޝަހުވަތްތަކެވެ. ތިންވަނަ ގޮވުމަކީ މަލާއިކަތުންގެ އަޚުލާޤަށް އެދިގޮވާ ގޮވުމެވެ. އެއީ ހެޔޮ ކަންކަމާއި، ކިޔަމަން ގަތުމާއި، އިޙުސާން ތެރިކަމާއި، ނަޞީޙަތްތެރިވުމުގެ ސިފަތަކެވެ.

ނަފްސުގެ ސިފަތައް

ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ ނަފްސުގެ ތިން ސިފައެއް ބަޔާންކުރައްވާފައެވެ. އެއީ نفس مطمئنة (ހަމަޖެހިގެންވާ ނަފްސާއި)، نفس لوامة (މަލާމަތް ކުރާ ނަފްސާއި)، نفس أمارة بالسوء (ނުބައިކަންކަމަށް އަމުރުކުރާ ނަފްސު) އެވެ.

އެކެއް: نفس مطمئنة (ހަމަޖެހިގެންވާ ނަފްސު) – މި ނަފްސަކީ މާތް ﷲ ހަނދުމަ ކުރުމުން މަޑުމޮޅިކަމާއި ބިރުވެތިކަން އިހުސާސްވެ، އެއިލާހުގެ ޙަޟުރަތަށް ރުޖޫޢަވެ، އެއިލާހާ ބައްދަލުވުމަށް އެދުންވެރިވާ ނަފްސެވެ. އަދި އެއިލާހަށް ކުއްތަންވުމުން ހަމަޖެހުން ލިބޭ ނަފްސެވެ. އިންސާނާގެ މަރުގެ މަތީގައި އެނަފްސަށް ބުނެވޭނެތެވެ. ﴿ يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ * ارْجِعِي إِلَى رَبِّكِ رَاضِيَةً مَرْضِيَّةً * فَادْخُلِي فِي عِبَادِي * وَادْخُلِي جَنَّتِي ﴾ (الفجر: 27 – 30) މާނައީ: "އޭ ހިތްހަމަޖެހިގެންވާ ނަފްސާއެވެ! * ރުހިގެންހުރެ، ރުހުން ލިބިގެންވާ ޙާލު، ތިބާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް އެނބުރިދާށެވެ! * ފަހެ، ތިމަންރަސްކަލާނގެ އަޅުންގެ ތެރެޔަށް ވަންނާށެވެ! * އަދި ތިމަންރަސްކަލާނގެ ސުވަރުގެޔަށް ވަންނާށެވެ!"

އެ ނަފްސަށް مُطْمَئِنَّةُ (ހަމަޖެހިގެންވާ) ނަފްސޭ ނަންދެވިފައިވަނީ، އެ ނަފްސު މާތް ﷲ ގެ ލޯބިވެވޮޑިގަތުމާއި، އެއިލާހުއަށް އަޅުވެތިވުމަށާއި، އެއިލާހު ޒިކުރުކޮށް ހަނދުމަކުރުމާއި، އެއިލާޙުގެ އަމުރުފުޅުތަކާއި ނަހީފުޅުތަކާއި، އަންގަވާފައިވާ ކަންކަމާއި، ވަޢުދުވެޑިގެންވާ ވަޢުދުފުޅުތަކަށް، ރުހިގެންވާތީއެވެ. އަދި އެއިލާހަކީ ރައްބު ކަމުގައްޔާއި، ދީނަކީ އިސްލާމް ދީން ކަމުގައްޔާއި، މުޙައްމަދުގެފާނަކީ ނަބިއްޔާ އަދި ރަސޫލާކަމަށް ރުހިގެންވާތީއެވެ. އަދި އެއިލާހުގެ ޤަޟާ ޤަދަރަށް ހިތްހަމަޖެހުމާއެކު ރުހިފައިވާތީއެވެ.

ދޭއް: النَّفْسِ اللَّوَّامَةِ (މަލާމާތްކުރާ ނަފްސު) – މިއީ އެ ނަފްސުގެ ވެރި މީހާއަށް އަބަދުމެ މަލާމާތް ރައްދުކުރާ ނަފްސެވެ. ކަމެއް ރަނގަޅު ގޮތުގައި ކޮށްފިނަމަ އެކަން އިތުރަށް ރަނގަޅު ނުކުރީތީ، ނުވަތަ އިތުރު ނުކުރީތީ މަލާމާތްކުރެއެވެ. އަދި ކަމެއް ނުބައިކޮށް ކޮށްފިނަމަ އެކަން ކުރީތީ ނުވަތަ އެ ނުބައިން އެއްކިބާ ނުވީތީ މަލާމާތް ކުރެއެވެ.

النَّفْسِ اللَّوَّامَةِ އަކީ އީމާންކަމުގައިވާ ނަފްސެކެވެ. މި ސަބަބަށްޓަކައި އެ ނަފްސު ގަންދެއްވައި ހުވާ ވަޙީކުރައްވާފައިވެއެވެ. ﴿ لَا أُقْسِمُ بِيَوْمِ الْقِيَامَةِ * وَلَا أُقْسِمُ بِالنَّفْسِ اللَّوَّامَةِ ﴾ (القيامة: 1، 2) މާނައީ: "ޤިޔާމަތް ދުވަސް ގަންދެއްވައި ހުވާ ވަޙީކުރައްވަމެވެ. އަދި النَّفْسِ اللَّوَّامَةِ (މަލާމާތް ރައްދު ކުރާ ނަފްސު) ގަންދެއްވައި ހުވާ ވަޙީކުރައްވަމެއެވެ."

އަލްޙަސަނުލް ބަޞަރީ رحمه الله ވިދާޅުވެފައިވެއެވެ. "މުމިނަކު – މާތް ﷲ ގަންދީ ބުނަމެވެ. – އަބަދުމެ އޭނާގެ ނަފްސަށް މަލާމާތް ކުރެއެވެ. އެނާއަށް ކުރެވޭ ކޮންމެ ހެޔޮ ކަމެއް މަދުކަމުގައި ދެކެއެވެ. އަދި އެކަމަށްޓަކައި ހިތާމަކޮށް ނަފްސަށް އެއްޗެހި ކިޔައެވެ. އަދި ފާޖިރަކު އޭނާ ކުރާ އެއްވެސް ކަމެއްގައި އޭނާގެ ނަފްސު ކުއްވެރި ނުކުރާނެތެވެ."

ތިނެއް: النَّفْسَ الأَمَّارَةِ بِالسُّوءِ (ނުބައި ކަންކަމަށް އަމުރުކުރާ ނަފްސު) -މިއީ އެނަފްސުގެ ޞާޙިބަށް ނުބައިކަންކަމަށް އެދިގޮވާ ނަފްސެވެ. އޭގެ ތެރޭގައި ޝަހުވަތްތަކާއި، އުރެދުންތަކާއި، އަދި ބާޠިލު މަގުން ދިޔުމަށް އަމުރު ކުރެއެވެ. މި ނަފްސާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ إِنَّ النَّفْسَ لَأَمَّارَةٌ بِالسُّوءِ إِلَّا مَا رَحِمَ رَبِّي إِنَّ رَبِّي غَفُورٌ رَحِيمٌ ﴾ (يوسف: 53) މާނައީ: "ހަމަކަށަވަރުން، ނަފްސަކީ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ރަޙުމަތް ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ."

އިންސާނާގެ ނަފްސު މާތް ﷲ ޚަލްޤު ކުރައްވާފައިވަނީ ނުބައި ކަންކަމަށް އަމުރުކުރާ، ނުބައިކަންކަމަށް ލެނބޭ ގޮތުގައެވެ. އަދި ހެޔޮ ކަންކަމުން އެއްކިބާވެ ދުރުހެލިވާ ގޮތުގައެވެ. އެކަމުން މާތް ﷲ ސަލާމަތްކަމާއި ރަކާތެރިކަން ދެއްވި މީހަކަށް މެނުވީއެވެ. އެނަފްސު ޠާހިރުކުރެވޭނެ މަގަކީ ހެޔޮ ޢަމަލު ކުރުމާއި، ނަފްސު ހިސާބު ކުރުމާގައި އަބަދުމެ ދެމިހުރުމެވެ. އަދި ހެޔޮ ކަންމަތީގައި ނަފްސު ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. އޭރުން އެނަފްސަކީ ހެޔޮ ކަންތައް ނުކޮށްގެން ނުވަތަ ހެޔޮ ކަންތައް މަދުވެގެން މަލާމާތް ކުރާ ނަފްސަކަށް ބަދަލުވެދެއެވެ. އަދި ނުބައިކަންތަކަށް އަރައިގަތް ކަމަށްޓަކައި މަލާމާތް ކުރެއެވެ. ހެޔޮކަމުގައި ދެމިހުރެއްޖެ މީހެއްގެ ނަފްސު ބަދަލުވެގެންދަނީ ހަމަޖެހިގެންވާ ނަފްސަކަށެވެ. އެނަފްސު އޭނާގެ ވެރިމީހާއަށް ހެޔޮ ކަމަކަށް މެނުވީ އަމުރު ނުކުރެއެވެ. އަދި ނުބައިކަމަކަށް އަރައިގަނެވިއްޖެނަމަ ހެޔޮމަގަށް ރުޖޫޢަވުމަށް އަވަސްވެގަނެއެވެ.

ކީރިތި ނަބިއްޔާ صلى الله عليه وسلم ، ނަފްސުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާ ކުރައްވާފައިއެވެ. އަދި ހެނދުނާ ހަވީރުގެ ދުޢާތަކުގެ ތެރޭގައިވެސް އެއްފަދައިން ދުޢާކުރައްވާފައިވެއެވެ. މާނައީ: އަބު ބަކުރުއް ޞިއްދީޤު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ހެނދުނު ވުމުންނާއި، ހަވީރުވުމުން، އަޅުގަނޑު ކިޔާނެ ކަލިމަތަކެއް އަޅުގަނޑަށް ވިދާޅުވެ ދެއްވާށެވެ. ޙަދީޘް ކުރެއްވިއެވެ. "ވިދާޅުވާށެވެ. « اللَّهُمَّ فَاطِرَ السَّمَاواتِ والأرْضِ عَالِمَ الغَيْبِ والشَّهَادَةِ؛ رَبَّ كُلِّ شَيْءٍ وَمَلِيكَهُ، أَشْهَدُ أَنْ لا إلَهَ إِلاَّ أنْتَ، أعُوذُ بِكَ مِنْ شَّرِّ نَفْسِي وَشَرِّ الشَّيْطَانِ وَشِرْكِهِ وَأَنْ أَقْتَرِفَ عَلَى نَفْسِي سُوءًا أَوْ أَجُرَّهُ إِلَى مُسْلِمٍ» ތިބާ ހެނދުނު ކުރާހިނދުގައްޔާއި، ހަވީރުކުރާހިނދުގައި، އަދި ނިދަން އޮށޯންނަވާހިނދު މި ކަލިމަތަށް ކިޔާށެވެ." رواه أَبُو داود والترمذي. ދުޢާގެ މާނައީ: "އަޅުގެ ވެރި ރަސްކަލާކޮ! އުޑުތަކާއި ބިން ހެއްދެވި (ކުޅަދުންވަންތަ) ރަސްކަލާކޮ! ސުއްރުގައިވާ ކަންތަކާއި، ފާޅުގައިވާ ކަންތައް ދެނެވޮޑިގެންވާ ރަސްކަލާކޮ! ކޮންމެ އެއްޗެއްމެ ބަލައްޓަވާ އެތަކެތީގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަޅުގެ ނަފްސުގެ ނުބައިކަމުންނާއި، އެ ޝައިޠާނާގެ ގޮވައިލުމުގެ ނުބައިކަމުން މިއަޅާ ރައްކާތެރިކޮށްދެއްވުން އެދި އިބްރަސްކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ. އަދި މިއަޅާގެ އަމިއްލަ ނަފްސަށް ނުބައި ކަމެއް ކުރުމުންނާއި، އެހެން މުސްލިމަކަށް ނުބައިކަމެއް ކުރުމުންވެސް މިއަޅާ ރައްކާތެރި ކޮށްދެއްވާނދޭވެ."

މި ބަސްފުޅުތަކުގައި އެވަނީ ނަފްސުގެ ނުބައިކަމުން ރައްކާތެރިކޮށް ދެއްވުން އެދި ދުޢާކުރައްވާފައެވެ. ކޮންމެ ދުވަހަކު، ހެނދުނާއި ހަވީރު އަދި ނިދަން އޮށޯވެ މިދުޢާ ކިޔުން ސުންނަތްވެގެވެއެވެ. ދަންނާށެވެ! ނަފްސު އިޞްލާޙު ކުރުމަކީ އެކަމަށް ގަދައަޅާ މަސައްކަތް ކުރައްޖެހޭ ކަމަކެވެ. އަދި ނަފްސު އިޞްލާޙު ކުރުމުން މެނުވީ ކާމިޔާބީގެ ގޮވައްޗަށް ވާޞިލު ނުވެވޭނެއެވެ.