އަބްދުﷲ ޝާހިދު

އާއްމު މަޖިލީހުގެ ރައީސަކަށް ޝާހިދު އިންތިހާބު ކުރުމަށް ސަައުދީން ތާއީދު

ރާއްޖޭން އދ ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ކުރުމަށް ސައުދީއަރަބިއްޔާ އިން ތާއީދުކޮށްފި އެވެ.

އދ ގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ރާއްޖޭން ކުރިމަތިލާން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ މި ހަފްތާގައި ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އދ.ގެ އާއްމު މަޖިލީހު ރައީސްކަމަށް ޝާހިދު އިންތިހާބު ކުރަން އިންޑިއާއިން ތާއީދުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ސައުދީ ސަރުކާރުންވެސް ވަނީ މިނިސްޓަރު ޝާހިދަށް ތާއީދުކުރައްވާކަން ހާމަކޮށްފައެވެ. އަދި އެކަން ރަސްމީކޮށް މިހާރުު ވަނީ ފޮރިން މިނިސްޓްރީއަށް އަންގާފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެ މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ސަރުކާރުން ވަނީ އާއްމު މަޖިލީހުގެ ރައީސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންތިހާބު ކުރުމަށް ކުރާ ކެމްޕޭނަށް ބަޖެޓްގައި ފައިސާވެސް ހިމަނާފައެވެ.

އަހަރަކު އެއް ފަހަރު އދ.ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރަނީ މެންބަރު ގައުމުތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

މިގޮތުން، އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ އެ ގޮތަށް އިންތިހާބު ކުރެވޭ ރައީސްގެ މަގާމުގައި އިންނަވާ ބޭފުޅެކެވެ.

މިދިއަ ޖޫން މަހު އެ މަގާމަށް އިންތިހާބު ކުރައްވާފައިވަނީ ތުރުކީގެ ވޮލްކަން ބޮޒްކީރް އެވެ. އޭނާގެ ދައުރު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް ހަމަވާނެ އެވެ. އދ.ގެ އާއްމު މަޖިލީހަށް އިންތިހާބުކުރަނީ ކޮންމެ އަހަރަކުވެސް އެފްރިކާ، އޭޝިއާ ޕެސިފިކް، އިރުމަތީ ޔޫރަޕު، ލެޓިން އެމެރިކާ، ކެރީބިއަންގެ އިތުރުން ހުޅަނގު ޔޫރަޕުގެ ގައުމުތަކުގެ ބޭފުޅެކެވެ.

މި ސަރަހައްދަށް ބަލާއިރު، މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަން ކޮށްފައި އެވެ.