ސާފް ސުޒުކީ ކަޕް

ސާފް ޗެމްޕިއަންޝިޕަށް ނޭޕާލަށް ބެލްޖިއަމް ކޯޗެއް، ސްކޮޑް އިއުލާނުކޮށްފި

އިންޑިޔާގައި ޑިސެމްބަރު މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ބެލްޖިއަމްގެ ކޯޗަކު ހަމަޖައްސައި ނޭޕާލް ސްކޮޑް އިއުލާނުކޮށްފި އެވެ.

އާ ކޯޗު ޕެޓްރިކް އައުސެމްސް އަކީ ބެނިންގެ ކުރީގެ ޓެކްނިކަލް ޑައިރެކްޓަރެވެ. ބެލްޖިއަމްގެ ކުރީގެ ޑިފެންޑަރު ކޯޗިންގައި މިހާތަނަށް ހަރަކާތްތެރިވެފައިވަނީ ފްރާންސާއި ޗައިނާ އަދި ކެމަރޫނާއި އައިވަރީކޯސްޓްގަ އެވެ.

އޭނާ ނެގި ސްކޮޑުގައ ހިމެނެނީ 39 ކުޅުންތެރިންނެވެ. ނޭޕާލް ލީގު ނިމިފައިވާތީވެ މި ކުޅުންތެރިންނަށް މިހާރު ވަނީ ޗުއްޓީދީފަ އެވެ. އަދި ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާނީ މި މަހުގެ 28ގަ އެވެ.

ޕެޓްރިކް ގައުމީ ޓީމު ނަގަން ޖެހުނީ ރިޝަވަތުގެ ތުހުމަތުގައި ސަސްޕެންޑްކޮށްފައިތިބި ކެޕްޓަން ސަގަރު ތާފާ އާއި ވައިސް ކެޕްޓަން ސަންދީބް ރާއީ އާއި ކީޕަރު ރިޓޭޝް ތާޕާ ނުލަ އެވެ.

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް ބަލިވީ ސެމީ ފައިނަލް ކުޅެގެންނެވެ. ޑިސެމްބަރު 23ގައި ފަށާ މި ފަހަރުގެ މުބާރާތުގައި ނޭޕާލް ހިމެނެނީ އިންޑިޔާ އާއި ޕާކިސްތާން އަދި ސްރީލަންކާއާއެކު ގްރޫޕް އޭގަ އެވެ.