ލައިފްސްޓައިލް

ކޮންޓްރޯލުން ނެއްޓިގެން އުޅޭ ދަރިފުޅު މައިތިރިކުރާނީ ކިހިނެތް؟

ދަރިންނަކީ ވަރަށް ގިނަ ފަހަރަށް އެ ކުދިންގެ މައިންބަފައިންގެ ކޮންޓްރޯލުން ގެއްލިގެންދާ ބައެކެވެ. ބައެއް މީހުންނަށް އެމީހުންގެ ދަރިން ނުހިފެހެއްޓެނީ އެވެ. ނުވަތަ ހިފަހައްޓައިގެން ރަނގަޅު ގޮތުގައި ގެންގުޅެން ނޭނގެނީ އެވެ.

އޭގެ ސަބަބުން ވަރަށް ހިތި ނަތީޖާ ވެސް ބައެއް ފަހަރަށް ނުކުމެފައި އެބަހުއްޓެވެ.

ކަމަކާ ހިތްހަމަނުޖެހިގެން ނުވަތަ ރުޅިއަރައިގަނެގެން ބޮޑާހާކާ ދަރިފުޅާ މުއާމަލާތުކުރަން ނޭނގުމަކީ އެކުދިންގެ މައިންބަފައިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އެވެ. ވަރަށް ގިނަ ފަހަރަށް ކުޑަ ކުއްޖާއެކޭ އެއް ފަދައިން ބެލެނިވެރިޔާ ވެސް ފެންނަނީ ރުޅިގަދަވެލައިގެން އޭނާއާ ޒުވާބުކުރާ މަންޒަރެވެ.

ނުވަތަ އެއަށް ވުރެ މައްސަލަ ގޯސްވެގެން ދަނީ އަތުން ފައިން ގޯސް ހަދައިގެން އެ މައްސަލައެއް ހައްލުކުރަން މައިންބަފައިން ނުކުންނަ ހިސާބުންނެވެ.

އެހެންވީމަ، ކޮންޓްރޯލުން ނެއްޓިގެން އުޅޭ ދަރިފުޅު މައިތިރިކުރާނީ ކިހިނެތް ހެއްޔެވެ؟ އުމުރުން ދެ އަހަރުން ފެށިގެން 10 އަހަރާ ދެމެދުގެ ކުދިންނަކީ އެ ކުދިންގެ ދުނިޔޭގައި ސަކަރާތް ޖެހުން ފިޔަވައި އިތުރު އެހެން ކަމަކަށް މާ ބޮޑު ސަމާލުކަމެއް ދޭ ކުދިންތަކެއް ނޫނެވެ. މައިންބަފައިންގެ އެންމެ ބޮޑު ސަމާލުކަމެއް ނުވަތަ އަޅާލުމެއް މި ކުދިންނަށް ބޭނުންވާ އުމުރަކީ ވެސް މިއީ އެވެ.

މި އުމުރުފުރައިގެ ކުދިންނާ އެކު ދިރިއުޅެމުން އަންނަ މައިންބަފައިންނަށް އެ ކުދިންގެ ހަލަނި މިންވަރު އެނގޭނެ އެވެ.

އެހެންވީމަ ހަމަ ޒުވާބުކޮށް ރުޅިގަދަވެ، ބިރު ދައްކައިގެން މި ކުދިން ތަރުބިއްޔަތު ކުރެވިދާނެ ހެއްޔެވެ؟ ނުވަތަ ހައްލަކީ ޓެރަރިސްޓުންނާއި ބޮޑެތި ވަގުތު އަދި ހޮސްޓޭޖު ސިޗުއޭޝަންތަކުގައި ނުރައްކާތެރި މީސް މީހުންނާ މުއާމަލާތުކުރުމަށް ކަމުގެ ތަޖުރިބާކާރުން ބޭނުންކުރާ ފަދަ އުކުޅަތެއް ގޭތެރޭގައި ވެސް ބޭނުންކުރިއްޔާ ހެއްޔެވެ؟

ހަގީގަތަކީ ހޮސްޓޭޖު ނެގޯޝިއޭޝަންސްތަކުގައި ތަޖުރިބާކާރުން ބޭނުންކޮށްފައިވާ އުކުޅުތައް ބަސްނާހާ ދަރިންނަށް ބޭނުންކޮށްގެން އެފަދަ ކުދިން ނިކަން ފަސޭހައިން މައިތިރިކޮށްލެވޭ ކަމެވެ.

އާންމުކޮށް މައިންބަފައިންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އަކީ ރުޅިއަރައިގެން ރޮވިފައި ހުންނަ ދަރިފުޅާ މުއާމަލާތުކުރަން ނޭނގުމެވެ.

އެމީހުންގެ އިހްސާސްތަކަށް ފުރުސަތު ދޭށެވެ.

ބަސް ނާހާ ދަރިންނާ މުހާތަބުކުރާނެ އުކުޅަކަށް އެފްބީއައިގެ ހޮސްޓޭޖު ނެގޯޝިއޭޝަން ޓީމުގެ ތަޖުރިބާކާރުންގެ ލަފައެއް ހޯދާލުން ކިހިނެތްވާނެ ހެއްޔެވެ؟ މިސާލަކަށް ބޭންކެއް ލޫޓުވާލުމަށް ވަން ވަގުންގެ ބަޔަކު އެމީހުންގެ ހަތިޔާރުތަކާ އެކު އެ ތިބީ ބޭންކު ތެރޭގައި އާންމުންގެ ބަޔަކު ރަހީނުކޮށްގެންނެވެ.

އެ ހާލަތުގައި ތިބެ ވަގުން ޑިމާންޑްކުރަނީ އެމީހުންނަށް ބޭނުންވާ ކާ އެއްޗެހި ފުލުހުން ފޯރުކޮށް ދިނުމަށެވެ. އޭރު ފުލުހުން މި ތިބީ ވަގުންނަށް ފިލައިގެން ނުދެވޭ ގޮތަށް މުޅި ސަރަހައްދު ބަންދުކޮށް ބޭރުގަ އެވެ.

މިފަދަ ހާލަތެއްގައި ވަގުކަލޭގެ ކުރާ އެފަދަ ޑިމާންޑަކަށް ފުލުހުން ދެކޮޅުހަދާނެހެން ހީވޭ ހެއްޔެވެ؟ ނަހަދާނެ އެވެ.

ނަމަވެސް އެގޮތަށް ކަމަކަށް ޑިމާންޑްކުރާ ދަރިފުޅުގެ އެ އެދުމެއް ފުރިހަމަކޮށްދިނުމަށް މައިންބަފައިން އޭނާއާ ލޯބިން މުހާތަބުކުރާނެ ހެއްޔެވެ؟ މައިންބަފައިންނަށް ދިމާވާ މައްސަލަ އަކީ މިއީ އެވެ. އާންމުކޮށް މިފަދަ ހާލަތެއްގައި ބޮޑާހާކާ ދަރިފުޅު އަތުން އެއްޗެއް އަތުލުމަށް މައިންބަފައިން ޖެހިލުމެއް ނުވެ އެވެ. އަދި އޭނާ ބޭނުންވާ ގޮތަށް ކަމެއް ކޮށްދޭން ބޭނުން ނުވެ ގިނަ ފަހަރަށް މަންމަ ނުވަތަ ބައްޕަ އަށް ރުޅި އާދެވެނީ އެވެ.

އޭގެ ސަބަބުން ނުކުންނަ ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ ބޭންކު ތެރޭގައި ތިބި އާންމުންގެ ފަހަރަކު މީހަކު މަރަމުން ގޮސް ވަގުން އެ އެންމެން މަރައި ހުސްކޮށްލަނީ އެވެ. ރުޅިގަދަވެފައި ހުންނަ ދަރިފުޅުމުގެ ރުއިމުގެ އަޑު ކުރިއަށް ވުރެ ގަދަވެ އޭނާގެ ނަފުރަތު މަންމަ ނުވަތަ ބައްޕަ އަށް އަމާޒުވެގެން ދަނީ އެވެ.

އެހެންވީމަ ދަރިފުޅު ބޭނުންވާ ކޮންމެ އެއްޗެއް ހޯދައިދޭންވީ ހެއްޔެވެ؟

ނޫނެކެވެ. ބޭންކުގައި ތިބި ވަގުން ބޭނުންވާހާ ކަންތަކެއް ހޮސްޓޭޖު ނެގޯޝިއޭޓާ ވެސް ފުރިހަމަކޮށެއް ނުދެ އެވެ. އެވެނި އެއްޗެއް، މިވެނި އެއްޗެއް ނުލިބިން ބޮޑާހާކައި ރޯ ދަރިފުޅު މައިތިރިކުރުމަށް އޭނާ އަށް ވެސް އޭނާ ޑިމާންޑްކުރާ ހުރިހާ އެއްޗެއް ހޯދައިދޭކަށް ނުޖެހޭނެ އެވެ.

އޭގެ ބަދަލުގައި ކޮންމެވެސް އެހެން ގޮތަކުން އޭނާގެ އިހްސާސްތަކަށް ހަމަޖެހުމެއް ހޯދައިދީ ކޮންމެވެސް އެހެން ކަމަކަށް އޭނާގެ ޝައުގު ގެންދެވޭ ފަދަ ގޮތަކަށް މުއާމަލާތުކުރެވިދާނެ އެވެ. ވިސްނާލަން ޖެހޭ ކަމަކީ ދަރިފުޅު ޑިމާންޑްކުރާ ކަމެއް ނުކޮށްދޭނަމޭ ނުވަތަ މިއީ "ކަލެއަށް މިކަމެއް ކޮށްދޭނެ އެންމެ ފަހު ފަހަރޭ" ކިޔާފައި އެއްވެސް ކަމެއް ކޮށްދީ އޭނާގެ އިހްސާސްތަކުގައި ކޮޅުފައިން ޖަހައިގެން ނުވާނެ އެވެ.

އަދި ރުޅިއައިސްފައި ހުންނަ ކުއްޖާ ކައިރީގައި މަޑުން ހުންނާށޭ ނުވަތަ ރުޅިގަދަނުވެ ހުންނާށޭ ބުންޏަށް އޭނާ އެ ވާހަކައެއް އަޑު ނާހާނެ ކަމެވެ. މިސާލަކަށް ރުޅިގަދަވެފައި ހުންނަ މީހެއް ގާތު ރުޅި މައިތިރިކުރަން ބުނީމަ ވާނީ ކިހިނެތް ހެއްޔެވެ؟ އެމީހެއްގެ ރުޅި ގަދަވާނީ އެވެ. އެހެންވީމަ އާދައިގެ ހަމަ ބުއްދި ހުރި ބޮޑު މީހަކަށް އޭނާގެ ރުޅި ކޮންޓްރޯލުކުރަން ނޭނގޭއިރު ކުޑަ ކުއްޖަކަށް އެކަން ކުރަން އެނގޭނެ ކަމަށް ވިސްނައިގެން ނުވާނެ އެވެ.

އެހެންވީމަ ސީދާ ދަރިފުޅު އިގްނޯކޮށްލުމުގެ ބަދަލުގައި އޭނާ ދައްކާ ވާހަކަ އަޑުއަހައިގެން އެހެން ކޮންމެވެސް ވާހަކައެއް ދައްކައިގެން އޭނާ ހިތްހަމަޖައްސައިދޭށެވެ. މިސާލަކަށް އަހަރެމެން ވެސް ކަންކަމާ ރުޅިގަދަވެ ހާސްވެ ބިރުގަތީމަ ގާތް މީހަކާ އެ ވާހަކަތައް ހިއްސާކޮށްލުމުން ހިތަށް ފިނިކަމެއް ލިބޭ ނޫން ހެއްޔެވެ؟

ހަމަ އެގޮތަށް ކުޑަކުދިންގެ ވެސް އިހްސާސްތައް ހުރެ އެވެ. އެ އިހްސާސްތައް ދެނެގަނެ އެއާ އެއްގޮތަށް ދަރިފުޅަށް ކަންކަން ކޮށްދޭށެވެ.

ދަރިފުޅަށް ވިސްނައިދޭންވީ ކަމަކީ މަންމަ ނުވަތަ ބައްޕަ ކޮންމެ ކަމެއްގައި ވެސް ހުންނަނީ ދަރިފުޅާ އެއްކޮޅެއްގައި ކަމެވެ. އެކަމަކު އޭގެ މާނައަކީ ދަރިފުޅު ބޭނުންވާ ހުރިހާ ކަމެއްކޮށްދިނުމެއް ނޫނެވެ.