ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕުގެ ސަޕޯޓަރުން މަގުމަތީގައި

Nov 15, 2020

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސަޕޯޓަރުންގެ ތެރެއިން ގިނަ އަދަދެއް ހިމެނޭ ގޮތަށް އެތައްހާސް ބަޔަކު ވޮޝިންޓަނުގެ މަގުތަކަށް އިއްޔެ އާއި މިއަދު ވެސް ނުކުމެއްޖެ އެވެ.

މިއީ ނޮވެމްބަރު 3 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް އެ މަނިކުފާނު ކުރައްވާ ތުހުމަތަކާއެކު މިގޮތަށް ޓްރަމްޕްގެ ސަޕޯޓަރުން ނުކުތް ދެވަނަ ފަހަރެވެ.

މަގަށް ނުކުތް މީހުން އެންމެ ބޮޑަށް ހިތްވަރު ހޯދާފައި ވަނީ ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި "އަޅުގަނޑުމެން މޮޅުވާނެ" ކަމަށް ވިދާޅުވެފައި އޮންނަ އޮތުމަށް ބަލައިގެނެވެ. އަދި ވައިޓް ހައުސްގެ ކައިރިން ފްރީޑަމް ޕްލާޒާ ސަރަހައްދުގައި ޓްރަމްޕަށް ވާގިވެރިވުމުގެ ގޮތުން ޝުއޫރު ފާޅުކޮށްފައި ވެއެވެ. އިއްޔެ ޓްރަމްޕް ވަނީ އެ އެންމެންގެ ތެރެއިން މޮޓޯކޭޑުގައި ވާޖީނިއާގެ ގޮލްފް ކޯސް އަށް ވަޑައިގަންވަމުން އެ އެންމެނަށް ހިތްވަރު ދެއްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާގެ ވަކި ހިސާބަކުން ފެށިގެން ޓްރަމްޕް ގެންދަވަނީ އިންތިހާބުގެ ނަތީޖާ ގަބޫލް ކުރައްވަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް ވަނީ ވޯޓުގައި މަކަރު ހަދާފައިވާ ކަމަށް ވިދާޅުވެ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އިންތިހާބުން ޖޯޖިއާގެ ވޯޓު ޔަގީންވުމާއެކު ބައިޑަން މިހާރު ވަނީ 306 އިލެކްޓޯރަލް ކޮލެޖް ވޯޓު ހޯއްދަވައިފަ އެވެ. މިއީ 1992 ވަނަ އަހަރުގެ ފަހުން ޑިމޮކްރެޓިކް ކެންޑިޑޭޓަކަށް ޖޯޖިއާގެ ވޯޓު ކާމިޔާބު ކުރެއްވުނު ފުރަތަމަ ފަހަރެވެ.