ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ތިން މަގާމަކަށް ބޭފުޅުން އައްޔަން ކުރައްވައިފި

Nov 15, 2020
1

ތިން މަގާމަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.

ރައީސް މިއަދު އައްޔަން ކުރެއްވީ، ރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް ހ. ޖެހޭވައި އިބްރާހީމް ޝަހީބާއި، ބަންގްލަދޭޝް ސަފީރު ކަމަށް މ. ޒީނާ، ޝިރުޒިމަތު ސަމީރާއި، ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ގ. ޕެންޒީމާގެ އައިޝަތު ޝާން ޝާކިރެވެ.

މި ތިން މަގާމަށް ބޭފުޅުން އައްޔަން ކުރި ރަސްމިއްޔާތު ބޭއްވީ މިއަދު ހެނދުނު ރައީސް އޮފީހުގަ އެވެ.

ސިންގަޕޫރަށް ސަފީރުކަމަށް އައްޔަންކުރެއްވި އިބްރާހީމް ޝަހީބު އެންމެ ފަހުން ހުންނެވީ ފޮރިން މިނިސްޓްރީ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގަ އެވެ. ބަންގްލަދޭޝްގެ ސަފީރުކަމުގެ އައްޔަންކުރެއްވި ޝިރުޒިމަތު އެންމެ ފަހުން އަދާ ކުރައްވާފައި ވަނީ ފޮރިން މިނިސްޓްރީގެ އީސްޓް އެންޑް ސެންޓަރަލް އޭޝިއާ ޑިވިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމެވެ.

ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު ޝާން ޝާކިރު ކުރިން ހުންނެވީ ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.

ޝާން ޝާކިރު
އައިޝަތު ޝާން ޝާކިރު މީގެ ކުރިން ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޖޮއިންޓް ސެކްރެޓަރީގެ މަގާމާއި، މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައި ކޮމިޝަނަރުގެ މަގާމާއި، ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރުގެ މަގާމުގެ އިތުރުން ފޮރިން މިނިސްޓްރީގެ އެހެން ގިނަ އިސް މަގާމުތައް ފުރުއްވާފަ އެވެ.