ލައިފްސްޓައިލް

ގޮނޑުކުރި ފިނޮޅު ސާފުކޮށްލީ ލައްޓި ފިިޝިން ގުރޫޕް

މުހައްމަދު އަބްދުލް ރަހްމާން އަކީ ލޯންޗެއްގެ ކެޕްޓަނެކެވެ. އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަކީ އޭނާގެ އާއިލާ އެކު ހިއްސާވާ ކުޑަ ވިޔަފާރިއެއް ކަމުގައިވާ ލައްޓި ފިޝިންގ ގުރޫޕް ހިންގުމެވެ. ވިއްކަނީ ހިދުމަތެކެވެ. މަސްދަތުރު، ސްނޯކްލިންގ އަދި ފިނޮޅަށް މީހުން ދަތުުރު ގެންގޮސް ދެއެވެ. ހުކުރު/ހޮނިހިރަކީ އޭނާގެ މަސައްކަތުގެ އެންމެ ބާރު ބޮޑުވާ ދެ ދުވަހެއެވެ.

މިދުވަސްވަރު މިއީ ފިނޮޅަށް ދަތުރު ދިއުން ވަރަށް ބޮޑަށް ވައިގައި ހިފައި އާއްމުވެފައިވާ ދުވަސްވަރެކެވެ. އަދި ސޯޝަލް މީޑިއާގައިވެސް ފެންނަނީ ހުސް ފިނޮޅަށްގޮސް މަޖާ ކުރާ ފޮޓޯތަކެކެވެ. ހަމަ މި ފޮޓޯތަކާއި ދާދި އެއް ވަރަށް ދައުރުވާ ފޮޓޯތަކެއްވެސް މި ފަހަކަށް އައިސް ސޯޝަލް މީޑިއާގައި އެބަ އެނބުރެއެވެ. ފިނޮޅު ތަކަށް މީހުން ގޮސް އަޅާ ކުނީގެ ފޮޓޯތައްވެސް އެބަ ދައުރުވެއެވެ.

ކަމެއް ގޯހުން ދަންޏާ އެކަމެއްގެ ވާހަކަ ދައްކާ މީހުން ވަރަށް ގިނަވާނެއެވެ. އެކަމެއް ބަދަލު ކުރަން ނުވަތަ ރަނގަޅު ކުރުމަށް މަސައްކަތް ކުރަނީ މަދު ބަޔެކެވެ. ލައްޓި ފިޝިން ގުރޫޕު މިއީ ބަދަލު ކުރަން ހިފާލި އެއް ބަޔެވެ. އެހެންކަމުން މިއީ ހީރޯއިން ތަކެކެވެ.

އާދިއްތައިގެ ކެޕްޓަން މުހައްމަދު އޭނާގެ ލޯންޗްގައި ކުރި ދަތުރު ތަފާތެވެ. މުހައްމަދު އޭނާގެ 23 ފޫޓުގެ ލޯންޗްގައި އެނބޫދޫ ފަސްގަނޑުގައި ކައިރި އޮންނަަ ފިނޮޅުން ބޮޑެތި ކަޅު ކޮތަޅު ކޮތަޅަށް އަރުވައިގެން ވިލިމާލެ އަދި ތިލަފުއްޓަށް ގެންދިޔައީ ދަތުރުދާ މީހުން އަޅާ ކުނި ހިފައިގެންނެވެ.

އުކާލާފައި ކުނި ކޮތަޅު ފުނިޖަހާފައި ފިނޮޅުގައި ހުންނަތަން އޭނާ އާއި އެނާގެ ޓީމަށް ކަމުނުދިޔައެވެ.
މާލޭ އާއި އެންމެ ކައިރިކޮށް އޮންނަ އެނބޫދޫ ފަސްގަނޑާއި ކައިރި ފިނޮޅުތަކަކީ އެންމެ ގިނައިން ދިވެހިން ދަތުރު ދާ ތަނެވެ. ލައްޓި ގުރޫޕް އިން މުހައްމަދު ބުނީ ހަފްތާ ބަންދުތެރޭ އެމީހުންވެސް 3 ނުވަަތަ 4 ގުރޫޕެއް ކޮންމެ ދުވަހަކު ފިނޮޅަށް ގެންދާ ކަމުގައެވެ.

"ދަތުރުގޮސް ނިމިގެން އާދިއްތަ ދުވަހު ބަލާލާ އިރު މި އޮންނަނީ ފިނޮޅު ފުރިފައި. އެކި ދިމާ ދިމާގައި ކުނި މި އޮންނަނީ ފުންޏަކަށް ޖަހާލާފައި. މިތަން ސާފުކުރުމަށް މިއަދު، އަދީއްތަ ދުވަހަކީ ވަރަށް ދަތުރު ނޯންނަ ދުވަހެއް ކަމުން މި މަސައްކަތް ފެށީ. މިއީ ހަމަ އަހަރުމެންގެ ތެރެއިން ފެށި ކަމެއް."

މުހައްމަދު އަދި އޭނާގެ 10 މީހުންގެ ޓީމުން އެ ކުޑަ ކުޑަ ފިނޮޅުން ކަޅު ކޮތަޅުތަކުގައި ބަންދުކޮސްގެން 6 ޕިކަޕު ފުރާ ކުނި ވިލިމާލެ އަދި ތިލަފުއްޓަށް ގެނައެވެ. "އެންމެ ގިނައިން މި ހުންނަނީ ފުޅި، ދަޅާއި ކޮތަޅާއި، ޕްލާސްޓިކް އަދި ކުޑަކުދިންގެ ނެޕީ" ކަމުގައި މުހައްމަދު ބުންޏެވެ.

"ކޮންމެ ބައެއް ކުރިޔަސް މިއީ ރަނގަޅު ކަމެއް ނޫން. އަހަރުމެންގެ ލޯންޗުގައި ދަތުރުގެންނަ މީހުންނަށް ކުނި އަޅަން ޕްލާސްޓިކް ކޮތަޅުވެސް ދެން. އެކަމްވެސް އަަޅާބަޔަކު އަޅާފައި މި ދަނީ. ވެމްކޯގެ އެހީތެރިކަން އަހަރުމެންނަށް ލިބުނު ކުނި ވިލިމާލެ/ ތިލަފުއްޓަށް ގެނެސް އެ އުކާލަން. 6 ޕިކަޕު ފުރާ ކުންޏަކީ އެ ނައްތާލަން ޚަރަދު ހިނގާނެ ކަމެއް. އެހެންވެ ވެމްކޯގެ އެހީތެރިކަން ހޯދީ. ވެމްކޯގެ ވިލިމާލެ އެސިސްޓަންޓް މެނޭޖަރު ޝިޔާން ޝަފީގު ދެއްވެވި އެއްބާރުލުން ފާހަގަކުރުން."

މިއީ މުހައްމަދު ގެ ވާހަކައެވެ. މިއީ އޭނާ ދިިރިއުޅުމަށް ކުރާ މަސައްކަތަށް ވުމާއި އެކު ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބޭނެ ގެއްލުން ބަލާކަށް އޭނާ އެއް ނެތެވެ. އޭނާ އަށް ވީ ވަރެއް އޭނާ ކުރީއެވެ. ދަތުރު ދާ މީހުން ފިނޮޅުތަކަށް ދޫކޮށްލަންވީ ފިޔަވަޅުގެ ނިޝާނެވެ. ކޮންމެ ފަހަރަކު މުހައްމަދާއި އޭނާގެ ޓީމެއް ނާންނައެވެ.

މުހައްމަދު އާއި އޭނާގެ ޓީމަކީ ހީރޯއިން ތަކެކެވެ. މި ކުނިތައް ކަނޑަށް އެޅި ކަނޑުގެ ދިރުމަށް ގެއްލުންވާނެ އިރު މި ވާހަކަ ދައްކަން ނުތިބެ އެކަން ބަދަލުކުރީއެވެ. ސާފުކުރީއެވެ. އުޅޭ ރަށް އެހާ ގޮނޑުވެއްޖެއެވެ. ދެން ހިތްހަމަޖައްސާލަން ހަތަރުކޮޅުން ރާޅުޖަހާ ފިނޮޅަކަށްގޮސް ހުދު ދޮންވެލީގައި ފައި ބީއްސާލާއިރު ކުނިތަކުގެ ތެރެއަށް މާދަންވެސް ދާން ޖެހުމަކީ ލަދުގަންނަން ޖެހޭކަމެކެވެ.