ހަބަރު

ޓެރަރިޒަމް ހުރިހާ އަމަލުތަކާ ރާއްޖެ އަބަދުވެސް ދެކޮޅު: ރައީސް

ހުރިހާ ބާވަތެއްގެ ޓެރަރިޒަމްގެ އަމަލުތަކަށް ރާއްޖޭން އަބަދުވެސް ދެކޮޅު ހަދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ފްރާންސްގެ ޗާލީ އެބްޑޫ ނޫހުގެ އިދާރާއަށް ހަމަލާދީ ނޫސްވެރިންތަކެއް މަރާލި ހާދިސާއާ ގުޅިގެން ފްރާންސްގެ ރައީސަށް ރައީސް ޔާމީން މިއަދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވަނީ ޓެރަރިޒަމްގެ ޢަމަލުތަކަށް އިސްލާމްދީން ޖާގަނުދޭނެ ކަމަށެވެ. ‏‏އަދި ޓެރަރިޒަމްގެ އެއްވެސް ބާވަތެއްގެ އަމަލެއް ދިވެހިރައްޔިތުން ބަލައިނުގަންނާނެކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އަނިޔާވެރި ޓެރަރިޒަމްގެ އަމަލުތަކަކީ އިސްލާމް ދީނުގެ ތެރޭގައި ‏‏އެއްވެސް ގޮތަކުން ހިމެނޭ ކަމެއް ނޫނެވެ.

"ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުން، ‏‏ޓެރަރިޒަމްގެ މިފަދަ ޢަމަލުތައް، އެންމެ ހަރުކަށި ‏‏ޢިބާރާތުން ކުށްވެރި ކުރަމެވެ... ޓެރަރިޒަމްގެ އެއްވެސް ބާވަތެއްގެ ޢަމަލެއް ދިވެހިރައްޔިތުން ބަލައިނުގަންނާނެ އެވެ،" ރައީސްގެ މެސެޖްގައިވެ އެވެ.

އެ ހަމަލާޔާ ކުށްވެރި ކުރުމަށް ފްރާންސްގެ ޕެރިހުގައި މިއަދު ބާއްވާ ބޮޑު ހިނގާލުން ‏‏"ފްރީޑަމް މާޗު" ކުރިއަށްދާއިރު، ދިވެހިރައްޔިތުން ފްރާންސުގެ ސަރުކާރާއި ރައްޔިތުންނާއެކު ‏‏ސާބިތުވެ ތިބޭނެކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. ރައީސް ވަނީ އެ ހާދިސާގައި މަރުވި އެންމެންގެ އާއިލާތަކަށް ތައުޒިޔާ ‏‏ރައްދުކުރައްވައިފަ އެވެ.