ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަށްފަޅު ހުރާއިން 26 މީހަކު ޕޮޒިޓިވްވެއްޖެ

ކ. ރަށްފަޅު ހުރާއިން 26 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ރަށްފަޅު ހުރާއަކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށެކެވެ. ރަށްފަޅު ހުރާ، ހިއްކައިގެން ރިސޯޓް ތަރައްގީ ކުރަމުންދަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ރިސޯޓު ބްރޭންޑް ކަމަށްވާ "ދަ ރިޓްޒް ކާލްޓަން" އިންނެވެ. އެ ކުންފުނިން ދަނީ އެ ސަރަހައްދުގައި ހަތަރު ރަށް ތަރައްގީ ކުރަމުންނެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ ހަދަމުންދާ ރިސޯޓްތަކާއި މިހާރު އޮޕަރޭޝަންގައި ހުރި ރިސޯޓްތަކުގައި ކޮވިޑް ނެތްކަން ޔަގީން ކުރުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ވަގުތު ކުރަމުން ގެންދަނީ ހަދަމުންދާ ރިސޯޓްތަކުން ސާމްޕަލް ނެގުމުގެ މަސައްކަތެވެ.

ރަށްފަޅު ހުރާއިން ވަނީ 249 ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން 26 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެޗްއީއޯސީން ބުނީ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕޮޒިޓިވްވީ މީހުން ކަރަންޓީން ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެ ސެންޓަރުން ބުނި ގޮތުގައި ރަށްފަޅު ހުރާ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީ ކުރަމުންދާއިރު އެ ރަށްރަށުގައި 2،000 ވުރެ ގިނަ މުވައްޒިފުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްސް" ގެ ނަމުގައި ރަށްފަޅު ހުރާ ހިއްކައިގެން ތަރައްގީ ކުރާ ރިސޯޓަކީ ދަ ރިޓްޒް ކާލްޓަން އިން ރާއްޖޭގައި ހުޅުވާ ރިސޯޓެކެވެ.

ރަށްފަޅު ހުރާ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ސިންގަޕޫރުގެ ޕޮންޓިއާކް ކުންފުނިންނެވެ. އެ ކުންފުނި ދަނީ މި ފަޅުގައި ހަތަރު ރަށެއް ހިއްކަމުންނެވެ.

ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑުގައި މަތީ ފަންތީގެ އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ގޮތަށް 90 ވިލާ ހުންނާނެ އެވެ. ރަށްފަޅު ހުރާ ފަޅު ތަރައްގީ ކުރަނީ އިންޓަގްރޭޓެޑް ޓޫރިޒަމް ޑެސްޓިނޭޝަނެއްގެ ގޮތުގަ އެވެ. މުޅި މި މަޝްރޫއުގެ އަގު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރަށް އަރަ އެވެ. އެ ރަށުގައި ތަފާތު ތިން ގިންތިއެއްގެ ރިސޯޓުތައް ހިންގާނެ އެވެ. މި މަޝްރޫއު ފަށާފައިވަނީ 2017 ވަނަ އަހަރު އެވެ.