މާރިޔާ އަހުމަދު ދީދީ

ޓްރާސްޕޯޓާމެދު ރައްޔިތުންގެ ޝަކުވާއެއް ނެތް: މާރިޔާ

ޓްރާސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާއިމެދު ރައްޔިތުންގެ ޝަކުވާތަކެއް އޮތް ކަމަށް ނުފެންނަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެ ކަމަނާ މިހެން ވިދާޅުވީ ވަޒީރުކަން ލިބިވަޑައިގެންނެވީ ވަކި ބޭފުޅެއްގެ އަންބަކަށް ވެގެން ނޫން ކަމަަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ.

ވަޒީރުކަން ލިބިވަޑައިގެންނެވީ ގާސިމްގެ އަނބިކަނބަލަށް ވުމުންތޯ އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި ނަހުލާ ވިދާޅުވީ ވަކި މީހެއްގެ އަންބަކަަށް ވެގެން ކެބިނެޓުން ޖާގަ ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަންބަކަށް ވެގެން،"

ނަހުލާގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާއިމެދު ރައްޔިތުންގެ ޝަކުވާތަކެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. މަޖިލިސް އިން އެދިވަޑައިގެންނެވި ކޮންމެ ފަހަރަކު މިނިސްޓަރު ނަހުލާ ވަނީ ފުރިހަމައަށް ޖަވާބުދާރީވެފައި ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ މިނިސްޓްރީއަށް ކޮރަޕްޝަންގެ ތުހުމަތު ނެތް ކަންވެސް ފާހަގަ ކުރެއްވިއެވެ.

"އެ މީހަކީ ކާކުކަން މުހިންމެއް ނޫން. މުހިންމީ މީހާ ކުރާ މަސައްކަތް،" މާރިޔާ ވިދާޅުވިއެވެ.

މަޖިލިސް އިން އެދިވަޑައިގެންނެވި ކޮންމެ ފަހަރަކު މިނިސްޓަރު ނަހުލާ ފުރިހަމައަށް ޖަވާބުދާރީވެވަޑައިގަންނަވާ ކަމަށް މާރިޔާ ވިދާޅުވި ނަމަވެސް މިނިސްޓަރު އައިޝަތު ނަހުލާ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުވާން އެކި ފަހަރު މަތިން އެންގުމުން ވެސް ހާޒިރު ވެފައި ނުވާތީ އެ ކޮމިޓީގެ މެންބަރުން މިއަހަރުވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފަހުން އެ ކޮމެޓީއަށް ނަހުލާ ހާޒިރުކޮށްފައިވަނީވެސް ނޯޓިސް ދީގެންނެވެ.