ޖޭއެސްސީ

ދ އިސްމެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ހުށައަޅައިފި

ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިިފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ އެކަން ޔަގީންކޮށްދީފައެވެ.

އެ ކޮމިޝަނުން ބުނީ ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އޭނާ ފަނޑިޔާރު ކަމުން ވަކި ކުރުމާމެދު ގޮތް ނިންމަން މަޖިލީހަށް ހުށައަޅާފައިވަނީ ދ. މާއެނބޫދޫ ގޯޗެއްގައި ކޮށްފައިިވާ އިމާރާތެއްގެ އަގު ހޯދަން މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާ ކޮށްފައިވާ މައްސަލަ އާއި އެއްވެސް ސަބަބެއް ނެތި އަަނބިމީހާ ވަރިވާން އުޅޭ ކަމަށް ބުނެ ހުށައެޅުނު މައްސަލައަކާއި ގުޅިގެން މާއެނބޫދޫ ކޯޓްގައި ހިންގި ޝަރީއަތާއި ގުޅިގެންނެވެ. އެ ދެ މައްސަލަ އަކީ ކުރިން ބަލާ ނިންމާފައި އޮތް ދެ މައްސަލައެވެ.

ޖޭއެސްސީން ބުނީ ދެ މައްސަލައެއް ނިންމާފައިވަނިކޮށް އަލުން އެ ދެ މައްސަލަ އެ ކޯޓުން ބެލީ ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު އެނގި ހުރެ ގަސްތުގައި ކަމަށެވެ. އަދި އެ މައްސަލަ އޮޅުވާލަން ފަހުން އޭނާ މަަސައްކަތްވެސް ކޮށްފައިވާ ކަމަށެވެ.

ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާއިރު މި އަހަރުގެ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފައެވެ.